ބޭރުގެ ޑިޕްލޮމެޓެއް ނުވަތަ އިސްވެރިއެއް ރާއްޖެ ވަޑައިގަންނަވާއިރު، ޕްރޮޓޮކޯލް އޮންނަ ގޮތުން އެކަމާއި ގުޅިގެން ޖަވާބުދާރީވާންޖެހޭނީ ހާރިޖިއްޔާއިންނެވެ. އަދި އެއީ ޑިފެންސް މިނިސްޓްރީގެ ރޯލެއް އޮންނަ ކަމެއް ނޫނެވެ. ގަވާއިދު ބުނާ ގޮތުން ޑިފެންސްގެ މަސައްކަތަކަށް ވާނީ އެހީތެރިކަން ފޯރުކޮށްދޭން އެދުމުން އެކަން ކުރުމެވެ.
އާންމު އުސޫލުން ވެސް ބޭރު ގައުމެއްގެ ޑިޕްލޮމެޓެއް ނުވަތަ އިސް ވެރިއެއް ރާއްޖެ އަންނަ ނަމަ އެކަންކަން ހަމަޖައްސާ ހުރިހާ ކަމެއް ބަލަހައްޓާނީ ހާރިޖިއްޔާއިންނެވެ. އަދި ޕްރޮޓޮކޯލް އޮންނަ ގޮތުން ދަތުރާއި ބެހޭ ކަންކަމާއި، އަންނަ ފަރާތްތަކާއި، ދަތުރުކުރާ އުޅަނދާއި އެކަމުގެ މައުލޫމާތު ޑިފެންސަށް ފޯރުކޯށްދޭނީ ހާރިޖިއްޔާއިންނެވެ.
ބޭރުގެ އެއްވެސް އުޅަނދެއް ރައްޖޭގެ ވައިގެ ސަރަހައްދަށް ވަނުމުގެ ކުރިން އެކަމަށް ބޭނުންވާ ހުއްދަ ހޯދަން ޖެހޭނީ ހާރިޖިއްޔާއިންނެވެ. އަދި އެ ހުއްދަ ހާރިޖިއްޔާއިން އެ އުޅަނދަކަށް ދިނުމަށްފަހު އެކަން ޑިފެންސަށް އެންގުމުން ޑިފެންސްގެ ޕްރޮޓޮކޯލްގެ ތެރެއިން ފޯރުކޮށްދެންޖެހޭ އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެއެވެ. މިއީ އަބަދުވެސް އަމަލުކުރަމުން އަންނަ އުސޫލެވެ.
ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އަންގާރަ ދުވަހުގެ ދަންވަރު 2:00 ޖަހާކަންހާއިރު، ލަންކާގެ ވައިގެ އަސްކަރިއްޔާގެ އުޅަނދެއްގައި ގައުމު ދޫކުރައްވާ ވަޑައިގެންނެވުމާއެކު އާންމުން އަންނަނީ މިކަމާއި ގުޅިގެން ނުރުހުން ފާޅުކުރަމުންނެވެ. އަދި މިކަމުގައި ސަރުކާރުން ވަކި އެއްޗެއް ބުނެފައި ނުވާތީ އެކަމާވެސް އާންމުން ވަނީ ސުވާލު އުފައްދާފައެވެ.
މި މައްސަލައާއި ގުޅިގެން ޑިފެންސް މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ. އަދި މިއީ ބޭރު ގައުމެއްގެ އިސް ފަރާތެއް ހިމެނޭ މައްސަލައަކަށްވުމުން ފޮރިން މިނިސްޓްރީގައި ނޫސްވެރިން ސުވާލު ކުރުމުން، އެ މިނިސްޓްރީން ވަނީ މި މައްސަލައިގައި ވަކި އެއްޗެއް ބުނަން ބޭނުން ނުވާކަމަށް ބުނެފައެވެ.
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ކަނޑާއި ވައިގެ ބަނދަރުތަކަށް އަންނަ އަދި ފުރާ އުޅަނދުފަހަރާއި އެ އުޅަނދުފަހަރުން އެތެރެކުރެވޭ އަދި ބޭރުކުރެވޭ ތަކެއްޗާއި، އަންނަ އަދި ފުރާ މީހުންނާއި، ބަނދަރު ހިމެނޭ ސަރަހައްދުތަކަށް ވަދެނިކުމެވާ މީހުންނާއި، ވެއްދޭ އަދި ނެރެވޭ ތަކެތި ބެލުމާއި މިފަދަ ކަންކަން ބެލެހެއްޓުމުގައި، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް އެހީވެދިނުމެވެ.
ނަމަވެސް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގެ އިއްޒަތްތެރިން ރާއްޖެއިން ބޭރަށް ކުރައްވާ ރަސްމީ ދަތުރުފުޅުތަކާއި، ބޭރު ގައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރައްވާ އިއްޒަތްތެރިންގެ ރަސްމީ ދަތުރުފުޅުތަކާއި ބެހޭ ކަންތައްތައް، އެކަންކަމަށް ހަމަޖެހިފައި އޮންނަ ޑިޕްލޮމެޓިކް އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އިންތިޒާމް ކުރުން ހިމެނެއެވެ.