ނިމިގެން މިދާ 2022 ވަނަ އަހަރާ ބައްދަލު ކުރި ދެކުނު އޭޝިއާ ސަރަޙައްދުން އެންމެ ގިނަ ބަޔަކު ސިއްސުވާލި އެއް ވާހަކައަކީ ސްރީލަންކާގެ އިޤްތިޞާދީ އިނދަޖެހުމާއެކު އެ ޤައުމުގެ ސިޔާސީ މަސްރަޙަށް އައި ލޮޅުމުގެ ވާހަކައެވެ. ސިހުން ގެނުވި އެންމެ ބޮޑު އެއް ސަބަބަކީ، ދުނިޔެ އިނދަޖައްސާލި ކޮރޯނޯވައިރަހާ ދެކޮޅަށް ކާމިޔާބު މަސައްކަތްތަކެއް ކުރަމުން ދާ ކަމަށް ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަ ކޮށްފައި އޮތް ޤައުމަކުން އެ ދަރަޖައަށް އިނދަޖެހިގެން ދިޔަ ދިއުމެވެ. ސްރީލަންކާއަކީ ދެކުނު އޭޝިއާ ސަރަޙައްދުގައި އެންމެ ތަނަވަސްކޮށް އުޅެމުން ދިޔަ އާބާދެއް އޮތް އެއް ޤައުމަށް ވުމުންނެވެ. އިޤްތިޞާދު ހަފުސްވުމާއި، ސިޔާސީ ކޯޅުންގަނޑުގެ ހުރިހާ ވޭނަކާއި ތަކުލީފެއް އާންމުންގެ ކޮނޑުގައި އެޅުމުންނެވެ.
2022 ވަނަ އަހަރަށް މަރުޙަބާ ކިއުމާ އެކުގައިހެން ސްރީލަންކާއަށް ބިންދާލި އިންސާނީ ކާރިޘާގެ ރާޅުގެ ގަދަ އޮއެގަނޑުން އެ ޤައުމުގެ ރައްޔިތުންނަށް އަދިވެސް ސަލާމަތެއް ނުވެވެއެވެ. އޮއެދަމަނީ ހައްތަހާވެސް ބޮޑަށް، ކާރިޘީ އަނދަވަޅާ ދިމާއަށެވެ. އާންމު ދިރިއުޅުމުގެ ޒަރޫރީ ކަންކަމަށް ދުވަހުން ދުވަހަށް ބޭނުންވާ ސަމާނުވެސް ލިބުން ވަނީ އިންތިހާއަށް ދަތިވެފައެވެ. ކާބޯތަކެއްޗާއި، ހަކަތައިގެ އިތުރުން ކައްކާ ގޭސް ލިބުން، ތަދު ބޭހަކަށް ވުރެ ތަދެވެ. ބާޒާރުގައި ތަކެތީގެ އަގުތައް، އޭގެ އެންމެ އިންތިހާއަށް އުފުލެމުން ގޮސް، އިޤްތިޞާދު ހެޔޮ ފާލަކަށް އެޅުވުމަކީ ހުވަފެނަކުންވެސް ނުފެންނަ ވަރުގެ ކަމަކަށް ވެއްޖެއެވެ.
ހޫނުގަދަވި މުޒާހަރާތަކަކާއެކު ރައީސްކަމުގެ މަޤާމަށް ބަދަލުތަކެއް ގެނައި މަންޒަރު ފެނިގެން ދިޔައީ އޯގަސްޓް މަހުގެ ތެރޭގައެވެ. އެކަމުންވެސް، އާންމު ރައްޔިތުންނަށް ލިބުނު ލުޔެއް ނެތް ފަދައެވެ.
ސްރީލަންކާގެ އިޤްތިޞާދީ ކާރިޘާއާއެކު ބޯމަތިވީ ބަނޑުހައިހޫނު ކަމުގެ ބަނަ ވިލާގަނޑެވެ. އެ ވިލާގަނޑުގެ ކޮޅިގަނޑުގައި އެ ޤައުމުގެ ރައްޔިތުން ވަނީ ހަމަ ރަނގަޅަށްވެސް ޖެހިފައެވެ. ސްރީލަންކާގެ އާބާދީގައި ހިމެނޭ ޢާއިލާތަކުގެ ތެރެއިން 70 ޕަސެންޓް ޢާއިލާއަށް މިއަދު ވަނީ ދުވަހުގެ ކޭންތަކުގެ ތެރެއިން ބައެއް ކޭންތައް ދޫކޮށްލަން މަޖުބޫރުވެފައެވެ. ނުވަތަ ކޭންތަކުގެ ސައިޒް ކުޑަ ކުރަން މަޖުބޫރުވެފައެވެ.
އަހަރަމެންނަށް ކަނޑުމަހެއް، އެއްގަމު މަހެއް ނުލިބޭ. 3 އިރު ކަމުން ދިޔަ ދިއުން، 2 އިރަށް މަދު ކޮށްފިން. ދަރިންގެ ހަށިގަނޑަށް ފައިދާ ކުރާ ކަހަލަ އެއްޗެއް ހޯދާ ދޭނެ ތަނަވަސް ކަމެއް އަހަރަމެންގެ އަތަކު ނެތް.ނިލްމިނީ މަންގަލިކާ؛ ސްރީލަންކާގެ ރައްޔިތެއް
ހެޔޮ ފާލަކަށް ކަންކަން ބަދަލުވެދާނެ ކަމުގެ ކޮޅުމަތި މާ ދުރުން ފެންނަން އޮތް ނަމަވެސް، އެ މަންޒިލަށް ވާސިލުވުމަށްޓަކާ ކުރަން އޮތީ ދިގު، އަދި ތަކުލީފު ބޮޑު ދަތުރެކެވެ.
ރައްޔިތުންގެ ޝަކުވާތަކުގެ އަޑުފަށްގަނޑު ދަނީ ދުވަހަކަށް ވުރެ ދުވަހެއް ގަދަ ވަމުން ކަމީ، ބީރު ކަންފަތެއް ދީގެން އޮވެވެން ނެތް ޙަޤީޤަތެވެ.
އަހަރަމެންނަކީ އާންމުކޮށް ހަފުތާއަކު އެންމެ މަދުވެގެން 3 ފަހަރު، ކަނޑުމަސް ނޫނީ އެއްގަމު މަސް ކައި އުޅުނު ބައެއް. އެކަމަކު މިހާރު، މަހަކު އެންމެ ފަހަރަކުވެސް އެ ކާލާނެ ވަރުގެ ތަނަސްވަކަމެއް އަހަރަމެންގެ އަތަކު ނެތް. ބައެއް މަސްމަހު އެއް ފަހަރުވެސް ކާލަން ނުލިބޭ. އަގުތައް އެހާ ބޮޑު.އުޕާލީ ސިނަރަތު؛ ސްރީލަންކާގެ ދަނޑުވެރިއެއް
އދއިން އާންމު ކޮށްފައި ވާ ރިޕޯޓެއް ބުނާ ގޮތުގައި، ސްރީލަންކާގައި ދިރިއުޅެމުންދާ ކޮންމެ 4 މީހަކުން 1 އަށް، ކާބޯތަކެތީގެ ކަށަވަރުކަމެއް ނެތެވެ.
އެންމެ ބޮޑު އަސަރެއް ފޯރާފައި ވަނީ ކުޑަ ކުދިންނަށެވެ. ކިއެވުން ކުރިއަށް ނުގެންގޮސް، ސްކޫލްތަކުން ވަކިވާ ކުދިންގެ ޢަދަދު ދަނީ އިތުރު ވަމުންނެވެ. ކިއެވުން ހުއްޓާލުމަށްފަހު، ވަޒީފާގެ މައިދާނަށް ނުކުންނަ ކުދިންގެ ޢަދަދު އިތުރު ވަމުން ދާ ކަމަށް އދއިން ބުނެއެވެ.
ޢާއިލާތަކުން ދަނީ ސްކޫލުން ކަނޑާލާ، އެ ކުދިން މަސައްކަތު ފޮނުވަމުން. އެއީ އެކުދިންގެ ހަށިގަނޑަށް ބޭނުންވާ ކާނާއާއި ދުވަހުގެ ޒަރޫރީ ބޭނުންތައް ފުދޭނެ ފަދަ ކުރަން ވެގެން. ކައިބޮއި ހެދުމަކީ ސްކޫލަށް ގޮސްގެން ހަމަޖެހޭ ކަމެއް ނަމަ، އެކަން ވާނެ.މައިކަލް ޑޭވިޑް؛ ސްރީލަންކާގެ ސޯޝަލް ވޯކަރެއް
އިޤްތިޞާދީ ކާރިޘާ ދިގުލާ ދިއަ ކަމުގައި ވީ ނަމަވެސް، ސްރީލަންކާގެ ފަތުރުވެރިކަމުގެ ސިނާޢަތުން އެދެވޭ ނިޝާންތަކެއް މިހާރު ވަނީ ފެންނަން ފަށާފައެވެ. ފަތުރުވެރިކަމުގެ ސިނާޢަތަކީ ސްރީލަންކާއަށް ބޭރު ފައިސާ ވަންނަ، 3 ވަނައަށް އެންމެ ބޮޑު ދޮރޯއްޓެވެ. ސްރީލަންކާގެ ކަމާ ބެހޭ ފަރާތްތަކުން ދަނީ، އެ ޤައުމަކީ ރައްކާތެރި މަންޒިލެއްކަން ކަށަވަރު ކޮށްދީ، ފަތުރުވެރިންގެ ސަމާލުކަން ހޯދުމަށްޓަކާ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކަންމިހެން އޮތް އިރު ސްރީލަންކާގެ ސަރުކާރުން ވަނީ އެ ޤައުމުގެ މަނިޓަރީ އަދި ފިސްކަލް ޕޮލިސީއަށް އިސްލާޙީ ބަދަލުތަކެއް ގެނެސް، ތަންފީޒު ކުރަން ފަށާފައެވެ. ޤައުމު ކޮޅަށް ޖަހާ، އާންމު ދިރިއުޅުން އާރާސްތު ކުރުމަށް ބައިނަލްއަޤުވާމީ މާލީ އިދާރާ (އައިއެމްއެފް)ގެ އެހީ ހޯދާ، އެހެންވެސް ބައިވެރިންގެ އަތުން އެހީ ކަށަވަރު ކުރުމަށް ފެށި މަޝްވަރާތައް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ.