ސްރީލަންކާގެ ސިޔާސީ ވެރިކަމުގެ ކޯލަށް އަތްގަދަ ކުރައްވަމުން ގެންދެވި ރާޖަޕަކްސަ އާއިލާގެ ދެބެން ކަމަށްވާ ގޮތަބާޔާއާއި މަހިންދަ، އެ ގައުމުގެ ރައީސް ކަމާއި ބޮޑުވަޒީރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވިއިރު ގައުމު އޮތީ ފުންމިން ނޭނގޭ ވަރުގެ އަނދަވަޅަކަށް ވެއްޓިފައެވެ. ހީނަރުކަމާއި ނުތަނަވަސްކަމުގެ ފަކީރާތަކުން ކޮނެވެމުން ދިޔަ އަނދަވަޅުގައި އާންމުންގެ ރުޅިވެރިކަމާއި ނަފުރަތުގެ ގިނި، އަނދަމުން ދިޔައެވެ. އަނގުރު އަލިފާނުގެ ތެރޭގައި ގައުމު ކޮޅަށްޖެހުމުގެ މަސައްކަތް، އެ ގައުމުގެ ބޮޑުވަޒީރުކަން 6 ފަހަރެއްގެ މަތިން ކުރެއްވި ރަނިލް ވިކްރަމަސިންހައާ މިހާރު ވަނީ ހަވާލުކޮށްފައެވެ.
އަނދަވަޅުން ގައުމު ނެގެހެއްޓުމަކީ މާ ފަސޭހަ ކަމަކަށް ނުވާނެއެވެ. މިހާރުން މިހާރަށް ބޭނުންވާ އެހީ ހޯދުމަށް ބައިނަލްއަގުވާމީ މާލީ އިދާރާ (އައިއެމްއެފް)އާއެކު ކުރިއަށްގެންދާ މަޝްވަރާތައް ކޮޅެއްގައި ޖައްސަން ޖެހެއެވެ. ގައުމު އޮތީ ކާބޯތަކެއްޗާއި ސިއްހީ ބޭސްފަރުވާ ފަދަ ޒަރޫރީ ސަމާނު ހޯދޭނެ ފަދައެއްވެސް ނެތް ހާލަތުގައެވެ. ދަރަނިވެރިވެ، ބަނގުރޫޓުވެފައެވެ. ބޭރު ފައިސާގެ ރިޒާވް އޮތީ ހިނދިފައެވެ. ބާޒާރުގައި ތަކެތީގެ އަގުތައް އިންތިހާ މައްޗެވެ. ސްކޫލްތަކާއި ގިނަ ވިޔަފާރިތަކުގެ ދޮރުތައް ހުންނަނީ ބަންދުކޮށްފައެވެ. 22 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮތް ލަންކާގެ އުދަރެހުން އިރު ފާއްދާލާ ކޮންމެ ދުވަހަކީ އާ ތަކުލީފުތަކަކާ ކުރިމަތިކުރުވާ ދުވަހަކަށް ވަނީ ވެފައެވެ.
ގައުމަށްޓަކައި މަސައްކަތް ކުރުމުގެ ވާހަކަ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދައްކާ އިރު، ލަންކާ އޮތީ މިސާލު ބަހަކަށް ވެފައެވެ. ގައުމުތަކުގެ ސަރުކާރުތަކަށް ދޭ އިންޒާރުގެ މެސެޖަކަށް ވެފައެވެ. ކަން މިހެން އޮތް އިރު، އަދުގެ ހާލަތަށް ސްރީލަންކާ ވައްޓާލުމުގައި ބައިނަލްއަގުވާމީ އަތެއް އޮތްކަމުގެ ބަހުސަކީ އަދިވެސް އެންމެ ހޫނުކޮށް ކުރަމުންދާ އެއް ބަހުސެވެ. އެންމެ ގިނަ ބައެއްގެ ފަރާތުން ތުހުމަތުގެ އިނގިލި އަމާޒު ވަނީ، މުޅި ދުނިޔޭގެ ކޮންޓްރޯލް، އެ ގައުމުގެ މުށުތެރެއަށް ލުމަށް މަސައްކަތް ކުރަމުން ދާ ޗައިނާއާ ދިމާއަށެވެ.
ސަބަބެއް ނެތިއެއް ނޫނެވެ. ޗައިނާއަކީ ސްރީލަންކާއަށް އެންމެ ފުޅާ ދާއިރާއެއްގައި ލޯނު ދޫކުރާ ގައުމެވެ. ސްރީލަންކާއިން ދަރާފައިވާ ދަރަނީގެ 10 ޕަސެންޓް ހިއްސާ ކުރަނީ ޗައިނާއިންނެވެ. 2000 އާއި 2020 ވަނަ އަހަރާ ދެމެދު ޗައިނާއިން ވަނީ ސްރީލަންކާގެ ސަރުކާރަށް، ލޯނުގެ ގޮތުގައި ގާތްގަނޑަކަށް 12 ބިލިއަނެއްހާ ޑޮލަރު ދޫކޮށްފައެވެ. އޭގެ ބޮޑު ބައެއް ހިއްސާ ކުރަނީ މާބޮޑު އިގުތިސާދީ މަންފާއެއް ލިއްބައި ނުދޭ، އުމްރާނީ ތަރައްގީގެ މަޝްރޫއުތަކެވެ. ނުފޫޒު ގަދަ ރާޖަޕަކްސަ ހާންދާނުގެ އުފަން ބިން ކަމަށްވާ ހަމްބަންޓޯޓާގައި އަޅާ، މިހާރު ޗައިނާގެ އަތް މައްޗަށް ދޫކޮށްލާފައިވާ ބަނދަރުގެ ވާހަކަ، މިދަނޑިވަޅުގައި ހަނދާން ނައްތާލެވޭކަށް ނެތެވެ.
އުމްރާނީ ތަރައްގީގެ ދަޅަ ދައްކައިގެން ޗައިނާއިން ގައުމުތަކަށް ފައިސާ ދޫކުރަމުން ގޮސް، ޗައިނާގެ އަމިއްލަ ފަސްގަނޑަށް ހީނަރުކަން ކުރިމަތިވާން ފެށިއެވެ. އެހާ ހިސާބުން ޗައިނާއިން އަމާޒު ހިފީ ދޫކޮށްފައިވާ ދަރަނިތައް އަނބުރާ ހޯދުމުގެ މަސައްކަތެވެ. ޗައިނާގެ ބޭންކުތަކުގެ ޝައުގު އެ މިސްރާބަށް ބަދަލުކޮށްލިއެވެ. އެ ހާލަތުގައި ސްރީލަންކާއިން ގޮސް ވަނީ، ޗައިނާއިން ތައްޔާރު ކުރި ދަރަނި ދުންތުރައިގެ ތެރެއަށް ކަމަށް، ޗައިނާ ސަރުކާރަށް ފާޑުކިއާ ފަރާތްތަކުން ސިފަކުރެއެވެ. ސްރީލަންކާއިން ދަރާފައިވާ ދަރަނި ޚަލާސް ކުރުމުގެ އެހީއެއްގެ ގޮތުގައި ޗައިނާއިން 3 ބިލިއަން ޑޮލަރުގެ ކްރެޑިޓްލައިނެއް ދޫކޮށްލީ 2020 ގައެވެ. ދަރަނި ރީސްޓްރަކްޗާ ކުރުމާއި، އައިއެމްއެފްއާ މަޝްވަރާކޮށް، ޚަރަދު ކުޑަ ކުރުމުގެ ބުރަ އުފުލުމުގެ ބަދަލުގައި، ސްރީލަންކާއިން ހިފީ ކްރެޑިޓްލައިނުގައެވެ.
ލަންކާއަށް ހެދުނު އެންމެ ބޮޑު ގޯހަކީ އެއީއެވެ.
އޭޕްރިލް އިން މެއި 2022 އަށް ސްރީލަންކާގެ ވަގުތީ މާލީ ވަޒީރުކަން ކުރެއްވި ޢަލީ ޞަބްރީ ވިދާޅުވި ގޮތުގައި ގައުމުގެ ރިޒާވްގައި ބާކީ ހުރި މަދު ފައިސާ ކޮޅުގެ ބޭނުން ހިފާ، ދުރާލާ ދަރަނި ރީސްޓްރަކްޗާ ކުރުމުގެ ބަދަލުގައި، ހުރިހާ ފައިސާއެއް ހުސްވަންދެން ލަންކާއިން ޚިޔާރު ކުރީ ދަރަނި ދެއްކުމަށެވެ. ހަގީގަތާ ކުރިމަތިލާ ކަމުގައި ވަނީ ނަމަ، މީގެ 12 މަހެއްހާ ދުވަސް ކުރިން އައިއެމްއެފްގެ އެހީއަށް އެދުނީސް ކަމަށް އޭނާ ވިދާޅުވިއެވެ.
ސްރީލަންކާއަކީ ޗައިނާގައި މަޅީގައި ބެދުނު ހަމަ އެކަނި ގައުމެއް ނޫނެވެ. ޒެމްބިއާއިން ބޭރުގެ ގައުމުތަކަށް ދަރާފައިވާ ދަރަނީގެ 30 ޕަސެންޓް ހިއްސާ ކުރަނީ ޗައިނާއިންނެވެ. ހަމަ އެއް ވާހަކައެކެވެ. އުމްރާނީ ތަރައްގީގެ ދަޅައިގެ ވާހަކައެވެ. ފެނުން ހަކަތަ އުފެއްދުމުގެ ފެސިލިޓީއަކާއި ރޭލުވޭ ނިޒާމެކެވެ. ހަމަ އެ މޭރުމުން ލާއޯސްވެސް މިހާރު ދަނީ ބަނގުރޫޓުވުމާ ގާތަށެވެ.
ކަން މިހެން އޮތް އިރު ސްރީލަންކާ ދަރަނިވެރި ކުރުވި ހަމަ އެކަނި ޗައިނާ ކަމަށްވެސް ބުނާނެ ޖާގައެއް ނެތެވެ. ސްރީލަންކާގެ ދަރަނީގެ ބޮޑު ހިއްސާއެއް، އިންޑިއާއާއި ޖަޕާނުގައިވެސް އެބަ އޮތެވެ. ހުޅަނގުން ވާހަކަ ބައްޓަން ކުރުމުގެ ދައުރު ބޮޑުކަމުން، ޗައިނާއަށް އަމާޒުވާ އިލްޒާމުގެ އަޑު ގަދަ ވަނީ ކަމަށްވެސް ވެދާނެއެވެ.