ކ. މާލެ
|
12 ޖުލައި 2022 | އަންގާރަ 17:23
ރާއްޖޭގެ އިގްތިސާދު ރަނގަޅުވާނެ ކަމަށް ބެލެވޭ
ރާއްޖޭގެ އިގްތިސާދު ރަނގަޅުވާނެ ކަމަށް ބެލެވޭ
ރާއްޖެއެމްވީ
ރާއްޖެގެ އިގްތިސާދު
ޓެކްސް ގެ ގޮތުގައި ލިބޭ އާމްދަނީ ބަޖެޓުގައި އަންދާޒާ ކުރި މިންވަރަށް ވުރެއް ރަނގަޅު ވާނެ - ފިނޭންސް މިނިސްޓްރީ
އިތުރަށް ޚަރަދު ކުޑަކުރަން މަސައްކަތްކުރި ނަމަ އިގުތިސާދުގެ ރިކަވަރީ ލަސްވާނެ
ރިކަރަންޓް ޚަރަދުގެ ތެރެއިން އެންމެ ބާރަށް އިތުރުވަމުންދަނީ ސަބްސިޑީއަށް ކުރާ ޚަރަދު
ކާބޯތަކެތީގެ އަގުތައް މަތިވި ނަމަވެސް، 2022 ވަނަ އަހަރުގެ ތެރޭގައި ޖުމުލަ އިންފްލޭޝަން އިތުރުނުވަނީ މުވާސަލާތީ ހިދުމަތުގެ އަގުތަކަށް 2021 ވަނަ އަހަރުގެ ފަހުކޮޅު ހެޔޮކުރުމުގެ ސަބަބުން

ޓެކްސް ގެ ގޮތުގައި ލިބޭ އާމަދަނީ ބަޖެޓުގައި އަންދާޒާ ކުރި މިންވަރަށް ވުރެ ރަނގަޅު ވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

2022 ވަނަ އަހަރުގެ ފިސްކަލް ހާލަތާއި ގުޅޭގޮތުން، ފިނޭންސް މިނިސްޓްރީ އިން ބުނެފައިވަނީ 2022 ވަނަ އަހަރުގެ ބަޖެޓުގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރި މިންވަރަށް އަހަރުގެ ތެރޭގައި އާމްދަނީ ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދީ ދުވެލި އަހަރުގެ ތެރޭގައި ރަނގަޅު މިންވަރަކަށް ހުންނާނެ ކަމަށް ބެލެވޭތީއާއިއެކު ޓެކްސް ގެ ގޮތުގައި ލިބޭ އާމްދަނީ ބަޖެޓުގައި އަންދާޒާ ކުރި މިންވަރަށް ރަނގަޅުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ނަމަވެސް ހިލޭ އެހީ އަދި ނިއު ރެވެނިއު މެޝަރސް އިން ފާސްކުރި ބަޖެޓުގައި އަންދާޒާ ކުރި މިންވަރަށް ލިބޭނެ ކަމަކަށް ނުބެލެވޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އަދި 2022 ވަނަ އަހަރުގެ ތެރޭގައި ޚަރަދުތައް ހިނގަމުންދާ ގޮތަށް ބަލާލާއިރު ރިކަރަންޓް ޚަރަދާއި ކެޕިޓަލް ޚަރަދުތައް ވެސް ހިނގަމުން ދަނީ 2021 ވަނަ އަހަރަށް ވުރެ ބާރަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

އަދި ރިކަރަންޓް ޚަރަދުގެ ތެރެއިން އެންމެ ބާރަށް އިތުރުވަމުންދަނީ ސަބްސިޑީއަށް ކުރާ ޚަރަދު ކަމަށާއި، ކެޕިޓަލް ޚަރަދުގެ ތެރެއިން މަޝައޫރުތަކަށް ހިނގާ ޚަރަދު ބާރަށް ކުރިއަށް ދާއިރު ސަރުކާރު ކުންފުނިތަކަށް ކެޕިޓަލް ދޫކުރުމަށް ހިނގާ ޚަރަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި މީގެ ސަބަބުން އަހަރުގެ ނިޔަލަށް ފާސްކުރި މިންވަރާ އަޅާ ބަލާއިރު ޑެފިސިޓް އިތުރު ވާނެ ކަމަށް ބެލެވޭ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގެ އިގްތިސާދަށް ބަލާއިރު 2020 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދު ފަހުގެ ތާރިހުގައި ހީނަރުވެގެން ނުދާ މިންވަރަށް ވަނީ ހީނަރުވެފައެވެ. 2020 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދުގެ ތިންބައިކުޅަ އެއްބައި މަދުވި އިރު، 2021 ވަނަ އަހަރު އިގުތިސާދުގެ ރިކަވަރ ވަމުން އައީ ވަރަށް ބާރު މިނެއްގައެވެ. އެއީ ސަރުކާރުން އިގުތިސާދު ކުރިއެރުވުމަށް އަމިއްލަ ވިޔަފާރިތަކާއި ގޭބިސީތަކަށް ގިނަ އެހީތައް ދިނުމާއި، ކޮވިޑް-19 ގެ ވެކްސިން ރޯލްއައުޓްގެ ކާމިޔާބުގެ ސަބަބުން ރާއްޖޭއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްކަމުގައި ހެދުމުގެ ސަބަބުންނެވެ.

ސަރުކާރުން އިގުތިސާދު ކުރިއަރުވަން މަސައްކަތްނުކުރި ނަމަ ނުވަތަ އިތުރަށް ޚަރަދު ކުޑަކުރަން މަސައްކަތްކުރި ނަމަ އިގުތިސާދުގެ ރިކަވަރީ ލަސްވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އަދި 2022 ވަނަ އަހަރު ކޮވިޑް-19 ގެ ކުރިން އިގުތިސާދުހުރި މިންވަރަށް ދާނެ ކަމަށް ލަފާކުރެވޭ އިރު ހިރާސްތައް ގިނަ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އެގޮތުން ރަޝިޔާ/ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގުތިސާދަށް އަންނަ ލޮޅުމާއިއެކު ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު ދަށްވުމާއި، އަގުތައް މަތިވުމުގެ ސަބަބުން ދުނިޔޭގެ ގިނަގައުމުތަކުގެ އިގުތިސާދަށް ކުރަމުން އަންނަ އަސަރު، ދިވެހިރާއްޖެއަށް ވެސް ކުރާނެތީއެވެ.

ދުނިޔޭގެ އިންފްލޭޝަން އަށް ބަލާލާއިރު، މުޅި ދުނިޔޭގައި ވެސް 2021 އާއި 2022 ވަނަ އަހަރު އިންފްލޭޝަން ރޭޓު ދަނީ އުފުލެމުންނެވެ. އިންފްލޭޝަން މަތިވާ ސަބަބުތަކުގެ ތެރޭގައި ކޮވިޑް-19 ގެ ސަބަބުން ދުނިޔޭ ސަޕްލައި ޗެއިންއަށް އެރި ތާށިކަން ފިލާ ނުދިއުމާއި، ކޮވިޑް-19 ގެ ކޮންޓްރޯލްތައް ދޫކޮށްލުމާއެކު ޑިމާންޑް އިތުރުވުން އަދި ރަޝިއާ- ޔޫކްރޭން ހަނގުރާމައާއި އެކު ހަކަތައާއި ކާބޯތަކެތީގެ އަގު އިތުރަށް އުފުލިފައިވުން ހިމެނެއެވެ.

ރާއްޖޭގެ އިންފްލޭޝަނަށް ބަލާލާއިރު 2022 ވަނަ އަހަރުގެ ފުރަތަމަ ހަތަރުމަހު އަގުތައް މަތިވާ މިންވަރު ވަނީ އިތުރުވެފައެވެ. އަގުތައް އެންމެ ބޮޑަށް މަތިވެފައިވަނީ ކާބޯތަކެތީގެ ބައިންނެވެ. ދިވެހިރާއްޖޭގައި ކާބޯތަކެތީގެ ގޮތުގައި ބޭނުންކުރާ ގިނަ ބާވަތްތަކަކީ ރާއްޖެއިން ބޭރުން އިމްޕޯޓުކުރާ މުދަލަށް ވާތީ، ބައިނަލްއަގުވާމީ އަގުތަކަށް އަންނަ ބަދަލު ރާއްޖޭގެ އަގުތަކުން ފެނިގެންދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އަދި ކާބޯތަކެތީގެ އަގުތައް މަތިވި ނަމަވެސް، 2022 ވަނަ އަހަރުގެ ތެރޭގައި ޖުމުލަ އިންފްލޭޝަން އިތުރުނުވަނީ މުވާސަލާތީ ހިދުމަތުގެ އަގުތަކަށް 2021 ވަނަ އަހަރުގެ ފަހުކޮޅު ހެޔޮކުރުމުގެ ސަބަބުންނެވެ.

2022 ވަނަ އަހަރުގެ ކުރިއަށް އޮތްތާނގައި އަގުތަކަށް ބަދަލު އަންނާނެ ކަމަށް ލަފާކޮށްފައިވެއެވެ. މީގެ ސަބަބުތަކުގެ ތެރޭގައި ރަޝިޔާ/ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލާއި ކާބޯތަކެތީގެ އަގު މަތިވުމާއި، 2021 ވަނަ އަހަރުގައި މުވާސަލާތީ ހިދުމަތްތަކުގެ އަގު ދަށްކުރުމުގެ ބޭސްއިފެކްޓްގެ އަސަރު ނެތިގެން ދިޔުން ހިމެނެއެވެ. އަދި ދުނިޔާގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތައް ކަރަންޓުގެ އަގަށް ޕާސް-ތްރޫ ނުކުރުމަކީ ރާއްޖޭގެ ކޮންޒިއުމަރުންގެ ވަރަށް ބޮޑު ޕްރައިޒް ރިސްކެއް ސަރުކާރުން ނެގުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ދުނިޔޭގެ އިގުތިސާދުގެ ދުވެލި 2021 ވަނަ އަހަރު %5.1 އިން 2022 ވަނަ އަހަރު %2.9 އަށް މަޑު ޖެހޭނެ ކަމަށް ލަފާކުރެއެވެ. 2023-2024 އަށް ދުނިޔޭގެ އިގުތިސާދީ ދުވެލި ހުންނާނީ އެވަރެޖްކޮށް %3 ގައެވެ. ދުނިޔޭގެ އިގުތިސާދަށް ހުރި ހިރާސްތަކަކީ ރަޝިއާ-ޔޫކްރޭން ހަނގުރާމަ، ތެލާއި ތަކެތީގެ އަގު ބޮޑުވުން، މަނިޓަރީ ޕޮލިސީ ޓައިޓްނިންގ، ގްލޯބަލް ސަޕްލައި ޗޭން ގެ ތާށިކަން އަދި ކޮވިޑް-19 ގެ ބަލިމަޑުކަމާއި ފިޔަވަޅުތަކެވެ.

- ކޮމެންޓް