ކ. މާލެ
|
6 ޖުލައި 2022 | ބުދަ 13:48
މުމްބާއީގައި ފެންބޮޑުވުން
މުމްބާއީގައި ފެންބޮޑުވުން
ގެޓީ އިމޭޖަސް
އިންޑިޔާގައި ފެންބޮޑުވުން
މުމްބާއީއަށް ބޯކޮށް ވާރޭވެހި އާންމު ދިރިއުޅުން ހުއްޓުމަކަށް!
ބައެއްހިސާބުތަކުގައި އުނަގަނޑު ތާފެނަށް ފެންބޮޑުވެފައިވޭ

އިންޑިޔާގެ ފައިނޭންޝަލް ކެޕިޓަލް މުމްބާއީއަށް ބޯކޮށް ވާރޭ ވެހުމާއިއެކު ވަރަށް ބޮޑަށް ފެންބޮޑުވުމުގެ ސަބަބުން އެތައް މިލިއަން މީހުންގެ އާންމު ދިރިއުޅުމުގެ މަސައްކަތްތައް ހުއްޓުމަކަށް އަތުވެއްޖެއެވެ. މުމްބާއީ ސިޓީގެ ބޮޑެތި ސަރަހައްދުތަކެއްގައި ވަރަށް ބޮޑަށް ފެންބޮޑުވެފައިވާއިރު، ބައެއް ހިސާބުތަކުގައި އުނަގަނޑާ ހަމަޔަށްވެސް ފެންގަނޑު އެހަބުރި ކަމަށް ވެއެވެ. އަދި ކުރިޔަށް އޮތް ފަސް ދުވަހުވެސް ބޯކޮށް ނުވަތަ ވަރަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާބެހޭ އިދާރާތަކުން ދަނީ ބުނަމުންނެވެ.

ފެންބޮޑުވުމުގެ ސަބަބަބުން ދިމާވާ ކުއްލި ހާލަތްތަކުގައި އެހީވުމަށް ޚާއްސަ ޓީމްތައް ނެރެފައިވާކަމަށް އިންޑިޔާގެ ނެޝަނަލް ޑިޒާސްޓަރ ރެސްޕޮންސް އިދާރާއިން ބުނެފައިވެއެވެ. ޚާއްސަކޮށް މީހުންގެ ފުރާނައަށް ނުރައްކާވަމުންދާ ސަރަހައްދުތަކަށް ޓީމްތައް ދަނީ ފޮނުވަމުން ކަމަށް އެފަރާތުން ބުނެފައިވެއެވެ.

މުމްބާއީ ފެންބޮޑުވުން - ގެޓީ އިމޭޖަސް

މުމްބާއީ ހިމެނޭ މަހާރާޝްތުރާ ސްޓޭޓްއަށް އަހަރުގެ މިހާ ހިސާބުގައި މޫސުމީ ވާރޭއާއި ކުރިމަތިލާން ޖެހުމަކީ އާންމު ކަމެކެވެ. ދަނޑުވެރިންގެ ދަނޑުތަކަށް ފެން ބޭނުންވާއިރު ދަނޑުވެރިންނާއި އެހެންވެސް ފަރާތްތަކުން އާންމުކޮށް މޫސުމީ ވާރޭއަށް ތައްޔާރުވާކަމަށް ވެއެވެ. ނަމަވެސް ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކާއެކު މިހާރު ވާރޭ ވެހޭގޮތްވެސް ބަދަލުވެފައިވާކަމަށް މާހިރުން ފާހަގަކުރެއެވެ. މިގޮތުން ވެހޭ ފަހަރަކު މާބޯކޮށް މާގިނަ އިރު ވެހޭކަން އެފަރާތްތަކުން ފާހަގަކުރެއެވެ. މައިގަނޑު ގޮތެއްގައި ފެންބޮޑުވަނީ މިސަބަބާ ހުރެއެވެ. މީގެ އިތުރުން ވެސް ސިޓީތައް ތަރައްގީ ކުރުމުގައިވެސް ކުރިއަށް ނުވިސްނުމާއި، ފެން ހިންދުން ނުވަތަ ވެހޭ ފެން ދެމިގެން ދާނެގޮތަށް ކަންތައް ކުރެވިފައި ނެތުމުގެ ނަތީޖާއެއްގެ ގޮތުން ވެސް މިހާރު ފެންބޮޑުވެ ޓްރެފިކް ހުއްޓުން ފަދަ ކަންކަމާ ކުރިމަތިލާން ޖެހިފައިވެއެވެ.

މުމްބާއީ ފެންބޮޑުުވުން، ރޭލުދަތުރުތައް ހުއްޓިފައި - ގެޓީ އިމޭޖަސް

އިންޑިޔާގެ މުމްބާއީއަކީ މާލީ ހުރިހާ ހަރަކާތްތަކުގެ މައި މަރުކަޒުކަމަށް ވާއިރު ވަޒީފާ ހޯދުމަށް މުމްބާއީއަށް ކޮންމެ ދުވަހަކުވެސް އެތައްހާސް ބަޔަކު ބަދަލުވެއެވެ. އެހެން ކަމުން އިމާރާތްކުރުމުގެ މިންގަޑުތަކާ ޚިލާފަށް ވެސް ބައެއް ހިސާބުތައް އާރާސްތު ކުރެވެމުންދެއެވެ. މުމްބާއީ ސިޓީގެ ޑްރެއިނޭޖް ސިސްޓަމް ވެސް ދުވަސްވެ ބާވެފައިވާއިރު މިކަމުގެ ސަބަބުންވެސް ފެންބޮޑުވާ ގޮތް ވެއެވެ. ހަމައެއާއެކު ޑްރެއިނޭޖް ނިޒާމް އާއި ގުޅިފައިވާ ސްވަވަރެޖް ނިޒާމްވެސް ހުއްޓި މަގުތަކަށް ނަޖިސްފެން ދަނީ ނުކުންނަމުންނެވެ.

މަގުތަކުގައި ފެންބޮޑުވެފައިވުމުގެ ސަބަބުން ކާރާއި އެހެންވެސް ވެހިކަލްތައް ދުއްވޭ ވަރު ނުވާއިރު، މުމްބާއީގައި ދަތުރުފަތުރު ކުރުމުގައި އެންމެ ގިނަ ބަޔަކު ބޭނުން ކުރާ ކޮމިއުޓަރ ރޭލުގެ ދަތުރުތައްވެސް ފެންބޮޑުވުމުގެ ސަބަބުން ވަނީ ގިނަ ސަރަހައްދުތަކެއްގައި ހުއްޓާލަން މަޖްބޫރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް