ކ. މާލެ
|
11 ޖޫން 2022 | ހޮނިހިރު 18:49
މާލޭ ވިޔަފާރި ބަނދަރު
މާލޭ ވިޔަފާރި ބަނދަރު
އެމްޕީއެލް
ފީޗަރ ރިޕޯޓް
ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުން: ރާއްޖެއިން ފެންނަނީ ކުޑަ އަސަރެއް
ކުރިއަރާފައިވާ ބޮޑެތި ގައުމުތަކުގައިވެސް އަގު ދަނީ އުފުލެމުން
ރާއްޖޭގައި ތަކެތީގެ އަގު އުފުލިފައިވާ ކަން އިހުސާސުނުކުރެވެނީ ސަބްސިޑީގެ ސަބަބުން

ރާއްޖޭގައި މިއަދު ގިނަ ބައެއްގެ ޝަކުވާއަކަށް ވެފައި އޮތީ ތަކެތީގެ އަގު ކުއްލިއަކަށް ބޮޑުވާންފެށުމެވެ. ކުރިން 45 ރުފިޔާއަށް ލިބެން ހުރި ކުކުޅުގެ އަގު 85 ރުފިޔާއަށް އެރުމެވެ. މިކަމުގައި ގިނަ ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވަނީ ސަރުކާރަށެވެ. ނަމަވެސް މިއަދު ދުނިޔޭގެ ހާލަތަށް ބަލާއިރު މިކަމުގައި ސަރުކާރު ކުށްވެރިކުރެވޭކަށް ނެތެވެ.

2020 ވަނަ އަހަރު ކޮވިޑް-19އާ ގުޅިގެން މުޅި ދުނިޔެ އެއްކޮށް ހުއްޓުނުވެ. އޭގެ ސަބަބުން އަސަރު ނުކުރާ ގައުމެއް، އަސަރު ނުކުރާ ދާއިރާއެއް ނެތެވެ. ކާބޯތަކެއްޗާއި ތެލާއި، އިމާރާތް ކުރުމަށް ބޭނުންވާ ސާމާނާއި ދަތުރުފަތުރުގެ އަގު އިންތިހާއަށް ބޮޑުވެގެންދިޔައެވެ. ނަމަވެސް އޭރުވެސް ގިނަ ގައުމުތަކަށް އަސަރުކުރި ވަރަށް ރާއްޖެއަށް އަސަރެއް ނުކުރެއެވެ. ތަކެތި ލިބުމުގައި ދަތިކަން އިހުސާސްކުރެވުނު ނަމަވެސް އަގު ބޮޑުވެއްޖެކަން އިހުސާސް ކުރެވުނީ މަދު އެއްޗަކުންނެވެ.

ދެ އަހަރު ވަންދެން ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި އުޅުމަށްފަހު އެއިން އަރައިނުގަނެވެނީސް މިއަހަރު އަނެއްކާވެސް ދިމާވީ "ގްލޯބަލް ކްރައިސިސް"އަކާއެވެ. އެއީ ރަޝިއާއާއި ޔޫކްރެއިންގެ ހަމަނުޖެހުންތަކެވެ. ދިވެހިންގެ ތެރެއިން މަދުބަޔަކު ގަބޫލުކުރާގޮތުގައި، އެހެން ދެ ގައުމެއްގެ ދެމެދުގައި ހިނގާ ކަމެއްގެ ސަބަބުން ރާއްޖޭގެ އަގުތަކަށް އަސަރު ކޮށްގެން ނުވާނެއެވެ. ދިވެހިންނަށް ތަކެތި ލިބެން ޖެހޭނީ ކުރިންވެސް ލިބެމުން އައި އަގުތަކުގައެވެ. ނަމަވެސް ހަގީގަތަކީ ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައި އޮންނަ ގައުމަކަށްވެފައި، އެހެން ގައުމުތަކުގައި ހިނގާ ކަންކަމުގެ ސަބަބުން ރާއްޖެއަށް ސީދާ ގޮތުންނާއި ނުސީދާގޮތުން އޭގެ އަސަރު ކުރާނެކަމެވެ.

ރަޝިއާއިން ޔޫކްރޭނަށް ހަމަލާ ދޭން ފެށުމުން، ދުނިޔޭގެ ގިނަ ގައުމުތަކުން އެ ގައުމާމެދު ފިޔަވަޅުއެޅިއެވެ. އެގޮތުން، ގައުމުތަކުގެ ވައިގެ ސަރަހައްދުތަކާއި ކަނޑުގެ ސަރަހައްދުތައް ރަޝިއާގެ އުޅަނދުތަކަށް ބަންދު ކުރިއެވެ. މިއާއެކު އެ ގައުމުން ތެޔޮ އެކްސްޕޯޓްކުރުންވެސް މަޑުޖައްސާލިއެވެ. ރަޝިއާއަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ މައި ހިއްސާދާރަކަށްވުމުން، ފިޔަވަޅުތަކާއެކު ތެލުގެ އަގަށް އޭގެ އަސަރުކުރިއެވެ. މިހާރުވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ މިހާތަނަށް ނުއުފުލޭވަރަށް އުފުލިފައެވެ.

ތެލުގެ އަގަށް ކުރާ އަސަރުތަކާއެކު އެހެން ދާއިރާތަކަށް ވެސް އޭގެ އަސަރު ކުރާނެ އެވެ. އެގޮތުން ދަތުރުފަތުރުތަކަށް އޭގެ އެންމެ ބޮޑު އަސަރެއް ކުރާއިރު، މިއީ ތަކެތީގެ އަގު އުފުލުގައި ބޮޑު ދައުރެއް އަދާކުރާ ކަމެކެވެ. ރާއްޖެއަށް މުދާ އެތެރެކުރާ ބައެއް ފަރާތްތަކުން "ރާއްޖެ އެމްވީ"އަށް މައުލޫމާތު ދިން ގޮތުގައި، ތަކެތި ގެނައުމަށް ކުރަން ޖެހޭ ޚަރަދު ވަނީ ދެގުނައަށްވުރެ ބޮޑުވެފައެވެ. މީގެ ސަބަބުން ވިޔަފާރިވެރިންނަށް ވެސް ތަކެތީގެ އަގު ބޮޑުކުރަން މަޖުބޫރު ވަނީ ކަމަށާއި އަގުތައް ދަށްވާނީ ދުނިޔޭގެ ބާޒާރުގައި އަގުތައް ހަމައަކަށް އެޅުމުން ކަމަށް ވެސް ގިނަ ވިޔަފާރިވެރިން ބުނެއެވެ.

ތަކެތީގެ އަގު އުފުލިފައިވަނީ ރާއްޖޭގައި އެކަންޏެއް ނޫނެވެ. ރާއްޖެއަށްވުރެ އެތައް ގުނައެއް ކުރިއަރާފައިވާ އެމެރިކާގައި ވެސް މިއަދު ތަކެތީގެ އަގުވަނީ އިންތިހާއަށް އުފުލިފައެވެ. އެ ގައުމުގެ އިންފްލޭޝަން ރޭޓް 8.6 އިންސައްތައަށް އުފުލިފައިވާއިރު، މިއީ 1981 ވަނަ އަހަރުގެ ފަހުން އެ ގައުމުގައި އަގުތައް މިހާވަރަށް އުފުލުނު ފުރަތަމަ ފަހަރެވެ. އެމެރިކާފަދަ މުއްސަނދި އަދި އުފެންދުންތެރިކަން ބޮޑު ގައުމަކަށް، އެހެން ދެ ގައުމެއްގެ ދެމުގައި ހިނގާ ހަމަނުޖެހުމުގެ އަސަރު ކުރާއިރު، ރާއްޖެއަށް އޭގެ އަސަރު ކުރާނެކަމާމެދު ޝައްކެއްވެސްނެތެވެ.

ދުނިޔޭގެ ގައުމުތަކުގައި ތަކެތީގެ އަގު އުފުލިފައިވާ ވަރަށް ބަލާއިރު ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލިފައިވަނީ ވަނީ ކުޑަ މިންވަރެކެވެ. އެކަން ދިވެހިންނަށް އިހުސާސް ނުކުރެވެނީ އިމްޕޯޓްކުރާ ގިނަ އަދަދެއްގެ ތަކެތި ސަރުކާރުން ސަބްސިޑައިޒް ކުރާތީއެވެ. މީގެ ތެރޭގައި ތެލާއި ކާޑުގެ ބާވަތްތަކާއި ބޭހުގެ ބާވަތްތަކާއި ފެނާއި ކަރަންޓް ފަދަ މުހިންމު ޚިދުމަތްތަކާއި ތަކެތި ހިމެނެއެވެ.

ރާއްޖޭގެ ބަޖެޓުގައި ތެލަށް އެކަނި 340 މިލިއަން ރުފިޔާގެ ސަބްސިޑީ ދޭއިރު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުން އެ އަދަދު ވަނީ 1.3 ބިލިއަން ރުފިޔާއަށް އަރައިފައެވެ.

ސަރުކާރުން ޚިދުމަތްތަކާއި ތަކެއްޗަށް ސަބްސިޑީ ދެނީ އެތަކެތީގެ އަގު ބާޒާރުގައި އެއްވަރެއްގައި ހިފެހެއްޓުމަށެވެ. ބަޖެޓަށް ބޮޑު ބުރައަކަށް ވި ނަމަވެސް މިކަން ކުރަނީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުނު ނަމަވެސް އޭގެ މާބޮޑު ނޭދެވޭ އަސަރެއް ދިވެހިންނަށް ވިޔަނުދިނުމަށެވެ.

- ކޮމެންޓް