ކ. މާލެ
|
31 މެއި 2022 | އަންގާރަ 03:00
ބްލޫ ބެރީސް
ބްލޫ ބެރީސް
އިންޑިޕެންޑެންޓް.ޔޫކޭ
ބްލޫ ބެރީގެ ފައިދާތައް
ބްލޫ ބެރީ ބޭނުން ކުރުމުން ހަނދާން ނެތޭ ބަލިޖެހުން ދުރުކޮށްދޭ
ބްލޫ ބެރީގެ ސަޕްލިމަންޓް 12 ހަފްތާ ވަންދެން ބޭނުން ކުރި މީހުންގެ ހަނދާނުގެ މައްސަލަތަކަށް ހެޔޮ ބަދަލު އައި

މެދު އުމުރުފުރައިގެ މީހުން، ބެރީގެ ވައްތަރެއް ކަމަށްވާ ބްލޫ ބެރީ ބޭނުން ކުރާނަމަ "އަލްޒައިމަރސް" ނުވަތަ ހަނދާން ނެތޭ ބަލި ޖެހުން ދުރުކޮށްދިނުމުގެ ފުރުސަތު އޮންނަކަން ދިރާސާ އަކުން ހާމަވެއްޖެއެވެ.

މި ދިރާސާގައިވަނީ ހަނދާން ނެތުމުގެ މައްސަލަ ހުންނަ، އުމުރުން 50 އަހަރާއި 65 އަހަރާ ދެމެދުގެ ބަޔަކަށް ބްލޫ ބެރީގެ ޕައުޑަރ ސަޕްލިމެންޓެއް 12 ހަފްތާވަންދެން ދީފައެވެ. އަދި އެއަށްފަހު ދެވުނު ވިސްނުމުގެ ޓެސްޓަކުން ރަނގަޅު ނަތީޖާ ހޯދާފައިވާކަމަށް ވެއެވެ.

ބްލޫ ބެރީގައި ގިނަ މިންވަރަކަށް މައިކްރޯ ނިއުޓްރިއަންޓް އަދި (އެންތޯސަޔަނިންސް ކިޔާ) އެންޓި އޮކްސިޑަންޓް ހުންނަ ކަމަށް ވެއެވެ. ބްލޫ ބެރީއަށް އޭގެ ކުލަ ގެނުވަނީ މިމާއްދާތަކުން ކަމަށް ވެއެވެ. އަދި މައިކްރޯ ނިއުޓްރިއަންޓް އާއި (އެންތޯސަޔަނިންސް ކިޔާ) އެންޓި އޮކްސިޑަންޓް އަކީ އިންފެކްޝަންތަކާއި އަދި ރޭޑިއޭޝަނަށް ހުށައެޅުނަސް އެކަމުންވެސް ހިމާޔަތްކޮށްދޭ މާއްދާތަކެއްކަމަށް ވެއެވެ.

އިނގިރޭސި ވިލާތުގައި އެކަނިވެސް ހަނދާން ނެތޭ ބަލި ޖެހިފައިވާ ނުވަ ލައްކައެއްހާ މީހުން އެބަތިބިކަމަށް ދަ ސަން ނޫހުން ރިޕޯޓްކޮށްފައިވެއެވެ. އަދި މިބަލި ޖެހޭ މީހުން އަދިވެސް ގިނަ ވާނެކަމަށް ވަނީ އަންދާޒާކުރެވިފައެވެ.

ސިންސިނާޓީ ޔުނިވަރސިޓީގައި މަސައްކަތް ކުރައްވާ އެމެރިކާގެ އެކްސްޕާޓެއް ކަމަށްވާ ޕްރޮފެސަރ ރޮބާރޓް ކްރިކޯރިއަންވެސް ވަނީ ބްލޫ ބެރީގެ ފައިދާއާ ބެހޭގޮތުން އެކި ދިރާސާތައް ކުރައްވާފައެވެ. މިގޮތުން ފުރަތަމަ އުމުރުން ދުވަސްވީ މީހުންނަށް ބްލޫ ބެރީ ސަޕްލިމަންޓްތައް ދީގެން ފަރުވާ ކުރެއްވުމަށް ފަހު އޭނާ މިހާރުވަނީ ހަންދާން ނެތޭ ބަލި ހުންނަ މެދު އުމުރުގެ މީހުންނަށްވެސް ބްލޫ ބެރީ ބޭނުންކޮށްގެން ފަރުވާދެއްވަން ފައްޓަވާފައެވެ. އަދި ހަކުރު ހުންނަ މީހުންނަށް ވެސް އަޖުމަ ބެލުމަށް އޭގެ ސަޕަލިމަންޓް އޭނާ ދަނީ ދެއްވަމުންނެވެ.

"އަލްޒައިމަރސް" ނުވަތަ ހަނދާން ނެތޭ ބަލިވެސް ކްރޯނިކް، ނުވަތަ ދިގު މުއްދަތަށް ދެމިގެންދާ އެހެންވެސް ބަލިތައް ފަދައިން އާންމު ގޮތެއްގައި ޖެހެނީ މެދު އުމުރު ފުރައިގެ މީހުންނަށެވެ. އަދި ބަލީގެ އަލަމާތްތައް ފުރަތަމަ ކުޑަކޮށް ފެނުމަށްފަހު ހާލަތު ގޯސްވުމަށް އަހަރުތަކެއް ނަގައެވެ.

ބްލޫ ބެރީއިން ލިބޭކަން ހާމަވެފައިވާ އެހެން ފައިދާތަކުގެ ތެރޭގައި އިންފެކްޝަނެއްގެ ސަބަބުން ހަށިގަނޑުގެ ތަންތަން ދުޅަވެ ރަތްވުން ފަދަ ކަންކަމުން ދިފާއު ކޮށްދިނުން، ހަށިގަނޑުގެ މެޓަބޮލިކް ފަންކްޝަން ރަނގަޅުކޮށް ދިނުން އަދި ހަށިގަނޑުގެ ހަކަތަ އިތުރުކޮށް ދިނުން ހިމެނެއެވެ.

- ކޮމެންޓް