ކ. މާލެ
|
20 ފެބްރުއަރީ 2023 | ހޯމަ 11:27
ބަރލިންގައި ހުންނަ އިނގިރޭސި އެމްބަސީގެ ސެކިއުރިޓީ ގާޑެއްގެ ގޮތުގައި މަސައްކަތް ކުރަމުން އިނގިރޭސި ސަރުކާރުގެ ސިއްރު މައުލޫމާތު ރަޝިއާ ސަރުކާރާ ހިއްސާކުރި ޑޭވިޑް ބެލަންޓައިން ސްމިތު 13 އަހަރަށް ޖަލަށް
ރަޝިއާއަށް ޖާސޫސުކޮށްދިން އިނގިރޭސި އެމްބަސީ ގާޑު
ރަޝިއާއަށް ޖާސޫސުކޮށްދިން އިނގިރޭސި އެމްބަސީ ގާޑު 13 އަހަރަށް ޖަލަށް
ސްމިތު ވަނީ އޭނާގެ މޯބައިލް ފޯނު ބޭނުންކޮށްގެން އެމްބަސީގެ ސެކިއުރިޓީ ކިއޮސްކެއްގައި ހުރި ސީސީޓީވީ މޮނިޓަރުތަކުން ފެންނަ މަންޒަރުތައް ތިން އަހަރަށްވުރެ ގިނަ ދުވަހު ވީޑިއޯ ކޮށްފައި
ފެބްރުއަރީ 17 ވަނަ ދުވަހު، ލަންޑަން ކޯޓުގައި ގާޒީ މާކް ވޯލް ވަނީ ސްމިތު 13 އަހަރާއި ދެ މަހަށް ޖަލަށް ލުމަށް ހުކުމުކޮށްފައި
ހިޔާނާތުގެ އަގު ރަޝިއާއިން ސްމިތުއަށް ދިން ކަމަށް މައްސަލަ ބެއްލެވި ގާޒީ ވަނީ ވިދާޅުވެފައި

އުމުރުން 58 އަހަރުގެ ޑޭވިޑް ބެލަންޓައިން ސްމިތު ވަނީ ބަރލިންގައި ހުންނަ އިނގިރޭސި އެމްބަސީގެ ސެކިއުރިޓީ ގާޑެއްގެ ގޮތުގައި މަސައްކަތް ކުރަމުން އިނގިރޭސި ސަރުކާރުގެ ސިއްރު މައުލޫމާތު ރަޝިއާ ސަރުކާރާ ހިއްސާކޮށްފައެވެ.

ސްމިތު ވަނީ އޭނާގެ މޯބައިލް ފޯނު ބޭނުންކޮށްގެން އެމްބަސީގެ ސެކިއުރިޓީ ކިއޮސްކެއްގައި ހުރި ސީސީޓީވީ މޮނިޓަރުތަކުން ފެންނަ މަންޒަރުތައް ތިން އަހަރަށްވުރެ ގިނަ ދުވަހު ވީޑިއޯ ކޮށްފައެވެ. މިގޮތަށް އޭނާ އެއްކޮށް ރަޝިއާގެ ސަރުކާރާ ހިއްސާކުރި މައުލޫމާތުތަކުގެ ތެރޭގައި ކުރީގެ އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އާއި ސަރުކާރުގެ އިސްފަރާތްތަކުގެ މެދުގައި ކުރިއަށްދިޔަ މަޝްވަރާތަކާއި އެހެނިހެން މައުލޫމާތުތައް ހިމެނެއެވެ.

ފެބްރުއަރީ 17 ވަނަ ދުވަހު، ލަންޑަން ކޯޓުގައި ގާޒީ މާކް ވޯލް ވަނީ ސްމިތު 13 އަހަރާއި ދެ މަހަށް ޖަލަށް ލުމަށް ހުކުމުކޮށްފައެވެ. ގާޒީ ވަނީ ސްމިތު މިގޮތަށް އަމަލުކޮށްފައި ވަނީ އޭނާ އިނގިރޭސި ސަރުކާރާ ދެމެދު ގެންގުޅޭ ނުރުހުމާއި، ޕްރޯ-ރަޝިއާ ހިޔާލުތަކުގެ ސަބަބުންކަމަށް ފާހަގަކުރައްވާފައެވެ.

އަޅުގަނޑަށް ޔަގީން 2020 ވަނަ އަހަރުގެ ކޮންމެވެސް މަރުހަލާއެއްގައި ރަޝިޔާގެ އެމްބަސީގައި ހުރި މީހަކާ ގަވާއިދުން ގުޅުން ގާއިމް ކުރިކަން އަދި މި ގުޅުމަކީ ގަވާއިދާ ހިލާފަށް ތިޔަބޭފުޅުން ހޯއްދެވި ތަކެތި ފޯރުކޮށްދިނުމަށް ބޭނުންކުރި މަގުކަން،
މައްސަލަ ބެއްލެވި ގާޒީ މާކް ވޯލް

ގާޒީ ވިދާޅުވިގޮތުގައި ސްމިތުއަށް ހުކުމްކޮށްފައި ވަނީ އޭނާ 2020 އަދި 2021 ވަނަ ހިންގި އަމަލުތަކުގެ މައްޗަށެވެ. ނަމަވެސް ސްމިތު ވަނީ އޭނާގެ ހިޔާނާތުގެ މަސައްކަތް އޭގެ ދެ އަހަރު ކުރިން ފަށާފައިކަމަށް ގާޒީ ފާހަގަކުރެއްވިއެވެ.

މިހިޔާނާތުގެ އަގު ރަޝިއާއިން ތިބޭފުޅާއަށް ދިން،
މައްސަލަ ބެއްލެވި ގާޒީ މާކް ވޯލް

ޝަރީއަތުގައި ސްމިތު ވަނީ ސިއްރު މައުލޫމާތު ހިމެނޭ ދެ ސިޓީއެއް ބަރލިންގައި ހުންނަ ރަޝިއާ އެމްބަސީގެ މީހުންނަށް ފޮނުވާފައިވާނެ ކަމަށް އެއްބަސްވެފައެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސްމިތު ވަނީ އިނގިރޭސި ރަސްމީ ސިއްރުތަކާ ބެހޭ ގާނޫނުގެ ދަށުން ތުހުމަތުކުރެވޭ އަށް ކުށަކަށް އިއުތިރާފުވެފައެވެ.

ފެބްރުއަރީ މަހުގެ ކުރީކޮޅު ޝަރީއަތުގައި ސްމިތު ވަނީ އެނާގެ އަމަލުތަކާމެދު ލަދުގަންނަކަމަށް ބުނެފައެވެ. އަދި އޭނާ މައުލޫމާތުތައް ވީޑިއޯކޮށްފައި ވަނީ މަސްތުގެ ހާލަތުގައި ހުރެކަމަށްވެސް ސްމިތު ވަނީ ބުނެފައެވެ.

- ކޮމެންޓް