މިއަދު އަތުގައި ސްމާޓް ފޯނެއް ނޯންނަ މީހަކު މަދުވާނެއެވެ. ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އެކައުންޓެއް ނޯންނަ މީހަކު ވެސް މަދުވާނެއެވެ. އެ ޕްލެޓްފޯމްތައް މެދުވެރިކޮށް ގިނަ މީހުން ކުރާ ކަމަކީ އެމީހުންގެ ޚިޔާލުތައް ފާޅުކުރުމެވެ. އެކި ކަންކަމުގައި އެމީހުން ދެކޭ ގޮތުގެ މައްޗަށް ބަސްކިޔާ ހަދައެވެ. އެއީ އިޖްތިމާއީ ކަމަށް ވިޔަސް ސިޔާސީ ކަމަށްވިޔަސް އެކަކަށްވުރެ އަނެކަކު ޚިޔާލު ފާޅުކުރުމުގައި އުޅެނީ ކުރީގައެވެ. ކަން މިހެން ހުރިއިރު ޚިޔާލުތައް ފާޅުކުރަމުން ގޮސް ހައްދު ފަހަނަ އަޅާ މީހުން ވެސް މަދެއް ނޫނެވެ. މިއަދު ވަސީލަތްތައް ހުރީތީވެ، އެކަމަށް މަގުފަހި ވެފައި އޮތުމުން އެމީހަކު ބޭނުން ގޮތަކަށް ހަމަ ބޭނުން ޚިޔާލެއް ފާޅު ކުރަމުން ދަނީއެވެ.
މިކަންތައްތައް އެންމެ ކައިރިން ފެނިގެން ދިޔައީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. އެއީ މި މަހުގެ އެއްވަނަ ދުވަހު ހިނގައިދިޔަ ކަމެކެވެ. ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އެދުވަހު ސަރުކާރުން ވަނީ ބޮޑުކޮށްފައެވެ. ސަރުކާރުން އެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމާއެކު އެކި ކަހަލަ ޕޯސްޓުތައް މީހުން ޝެއަރ ކުރަން ފެށިއެވެ. މިވެނި ރޭންކެއްގެ ޓީޗަރެއް އަންބެއްގެ ގޮތުގައި ބޭނުންވާ ކަމަށް ބުނެ ޕޯސްޓްތައް ޝެއަރ ކޮށް، އެ ޕޯސްޓްތަކުގައި މީހުން ޓެގްކޮށް، ބައެއް މީހުންނަށް މިކަންވީ ނުހަނު މަޖާކަމެއްގެ ގޮތުގައެވެ. އަދި އަނެއްބައި މީހުން މިކަމަށް ޖޯކު ޖަހާ ވެސް ހެދިޔެވެ. މިއީ ވެސް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން އެމީހުން ކުރި ކަމެކޭ ވެސް ބުނަންވީހެއްޔެވެ.
މިފަދަ ޕޯސްޓްތައް ފެނި އެ ޓީޗަރުންގެ ހިތަށް ކުރާނެ އަސަރު ތަސައްވަރު ކުރަން މި މީހުންނަށް އިނގޭ ބާވައެވެ. ޓީޗަރުންނަކީ ގައުމު ބިނާ ކުރުމުގެ މުހިންމު ދައުރެއް އަދާ ކުރާ ބައެއްކަން އަހަރެމެން އެންމެންވެސް ގަބޫލްކުރެއެވެ. ޅަދަރިންނަށް ތައުލީމު އުގަންނައިދީ އެ ކުދިން މުޖުތަމައުއަށް ބޭނުން ހިފޭ ބަޔަކަށް ހެދުމުގައި އިސްދައުރެއް އަދާ ކުރަނީ ޓީޗަރުންނެވެ. އެކި މިޒާޖުގެ އެތައް ކުދިންނަކާ ކުރިމަތިލައި, އެ ހުރިހާ ކުދިންނަށް އެނގޭ ގޮތަށް ފިލާވަޅުތައް ބުނެދިނުމަށް ކޮންމެ ދުވަހަކުވެސް އެމީހުން ބުރަ މަސައްކަތްތަކެއް ކުރެއެވެ. މިއީ ދެބަސް ނުވޭނެ ހަޤީޤަތެކެވެ.
އެ ޓީޗަރުންގެ މުސާރަ ބޮޑުކުރުމުން ނޭނގި ނަމަވެސް ތި ޖޯކު ޖެހެނީ އެމީހުން ރެޔާއި ދުވާލު ކުރަމުންދާ ބުރަ މަސައްކަތަށެވެ. ސްކޫލުގައި ވަގުތު ހޭދަކުރުމަށްފަހު، ގެއަށް އައިސްވެސް އެ ޓީޗަރުން އުޅެނީ އަނެއް ދުވަހުގެ ލެސަން ޕްލޭން ތައްޔާރު ކުރުމުގައެވެ. އެކި މިޖާޒުގެ ތަފާތު ކުދިންނަށް ތައުލީމު އުނގަންނައިދީ ، ހެޔޮ ލަފާ ކުދިންތަކެއް މި މުޖުތަމައުއަށް ނެރުމަށްޓަކައި މަސައްކަތް ކުރުމަކީ ކުޑަ މަސައްކަތެއް ނޫނެވެ. އެއީ އެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްގެން ޖޯކު ޖެހުމުގެ ބަދަލުގައި އެއީ ތައުރީފު ހައްގު މަސައްކަތެކެވެ. ކޮންމެ ކޮންމެ ކަމަކީ ބޮޑު ޖޯކަކަށް ނަހަދަމާތޯއެވެ.