ރ. ފައިނުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ދަރިވަރަކާއި އެރަށު ސުކޫލުގެ އިސްދަރިވަރާއި ޓީޗަރުގެ ހާލު ސީރިއަސްވެ އިތުރުފަރުވާއަށް މާލެ ގެނެސްފިއެވެ.
ރާއްޖެ އެމްވީ އަށް މައުލުމާތު ލިބޭ ގޮތުގައި، ސައިކަލުގައި ތިބި 2 ފިރިހެން ކުދިންނަށާއި، ކަސްރަތު ކުރަންތިބި ދެ ފިރިހެނުންނަށް ވަނީ އަނިޔާ ލިބިފައެވެ. އަދި އޭގެ ތެރެއިން 2 ކުދިންނާއި ޓީޗަރުގެ ހާލު ސީރިއަސްވެ މިހާރު ވަނީ މާލެ ގެނެސްފައެވެ. އަދި ޕްރިންސިޕަލް މިހާރު ސްޓޭބަލް ކަމަށް މައުލޫމާތު ލިބެއެވެ.
އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް އެރަށު ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށްފަހު އެ މީހުން ގެންދިޔައީ އުނގޫފާރުގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށެވެ.
އެގޮތުން އަނިޔާވި ދެ ކުދިންނާއި ޓީޗަރަށް މިހާރު ފަރުވާދެމުންދަނީ އައިޖީއެމްއެޗް އީއާރުގައެވެ. ނަމަވެސް އެމީހުންނަށް ލިބިފައިވާ އަނިޔާގެ އެއްވެސް ތަފުސީލެއް އަދި ނުލިބެއެވެ.
ފުލުހުން މީޑިއާތަކަށް މައުލޫމާތު ދިންގޮތުގައި އެ ހާދިސާގައި ދެ ކުދިންގެ އިތުރުން ސީރިއަސް އަނިޔާތައް ލިބުނީ 49 އަހަރުގެ މީހަކަށެވެ. މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ވަނީ ޓޯކޮށްފައެވެ. އަދި މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.