އިސްކަންދަރު ސްކޫލުގެ ދަރިވަރުންތަކެއް، އެ ދަރިވަރުންގެ ބެލެނިވެރިންނަށް ނާންގާ ސްކޫލުގެ އިސް ދެ ޓީޗަރަކު ވެގެން ސެލޫނަކަށް ގެންގޮސް ބޯކޮށާ، ތުނބުޅި މަތިމަސް ކޮށި މައްސަލައެއް ފެންމަތިވެއްޖެވެ.
އިސްކަންދަރު ސްކޫލުގައި މީގެ ކުރިންވެސް މިފަދަ ކަންކަން ދިމާވެފައިވާކަމުގެ ވާހަކަތައް ފެންމަތިވެފައިވާ އިރު، މި ފަހަރު 15 ދަރިވަރެއްގެ ބޯ ކޮށާ، ތުނބުޅި އަދި މަތިމަސް ކޮށާލާފައިވެއެވެ. ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން މިއިން ދަރިވަރެއްގެ ބެލެނިވެރިއަކު ބުނީ ހޮނިހިރު ދުވަހުގެރޭ އެ ސްކޫލުގައި އޮތް ގްރެޖުއޭޝަން ހަފްލާއަށް ދިޔަ 15 ދަރިވަރަކަށް ދެ ޓީޗަރަކުވެގެން ބިރުދައްކާ ގެންގޮސް މިކަން ކޮށްފައިވާ ކަމަށެވެ.
ބެލެނިވެރިޔާ ބުނީ އެ ސްކޫލުގެ ލީޑިންގ ޓީޗަރު ޝިމްލާ އޭނާގެ ދަރިފުޅާއި އެކު އެހެން ދަރިވަރުން ސްކޫލު ހޯލުން ބޭރަށް ނެރެ ލީޑިންގ ޓީޗަރު ލޯމިރު އާއެކު ގ. ޝޭޑީކެބިން ކައިރީގައި ހުރި ބޯކޮށާ ތަނެއް ކަމުގައިވާ ވީ ސެލޫނަށް ގެންދިޔަ ކަމަށެވެ. އެގޮތުން ހޯލުން 15 ވަރަކަށް ދަރިވަރުން ނެރުނު ކަމަށާއި، ބައިބަޔަށް އެތަނަށް ދަރިވަރުން ގެންދިޔަ ކަމަށެވެ. އަދި ސެލޫނަށް ގެންގޮސް ތުނބުޅި އާއި މަތިމަސް ބޭލި ކަމަށާއި، މިކަންކަން ހިނގައިދިޔަ އިރު ބެލެނެވެރިއަކަށް އެކަން އަންގާފައި ނުވާ ކަމަށެވެ.
”ދަރިވަރުން ދާން އިނީ އެރޭ ހަތެއް ޖަހާއިރަށް، ބެލެނިވެރިޔާއަށް ފޮނުވި އިންވިޓޭޝަން ކާޑުގައި އިންނަނީ އައްގަޑި ފަނަރައަށް ދާން. ދެން 7 ޖަހާއިރަށްމި މީހުން މި ސޭޝް އަޅާ ޓީޗަރުންނާ ދިމާވޭ މި ހުރިހާ ކަމެއް ދާނެތާ ދެން ސްކޫލް ތެރެއިން އެގަޑީގައި. ދެން އަޅުގަނޑު ގޮސް ހޯލުގައި. 8:30 ގައި އެއީ. ދެން ރަސްމިއްޔާތު ނުފެށޭ އެއިރުވެސް. 8:30 ނުވެއްޖަހަން ފަނަރަ އަށް ވީރުވެސް ނުފަށާ. ވެގެން އުޅޭގޮތެއް ނޭނގޭ. އަޅުގަނޑު އިނީ ހޯލް ތެރޭގައި އަޅުގަނޑުމެން މި ހީކުރީ ރަސްމިއްޔާތަށް ބޮޑުބޭފުޅަކު ވަޑައިނުގަންނަވާތީ ނުފަށަނީ ކަމަށް. އެއްގޮތަކަށްވެސް ހިޔާލަކަށް ނާދޭ އަޅުގަނޑުގެ ދަރިފުޅަށް ބަޔަކު މަޖުބޫރުކޮށްގެން ތުނބުޅި މަތިމަސްކޮށައި މިކަހަލަ ކަމެއް ކުރާކަމެއް. ސްކޫލުން ވެސް ޓީޗަރެއްގެ ވެސް އެއްވެސް ލީޑިންގ ޓީޗަރެއްގެ ވެސް ފޯނުކޯލެއް ލިބިފަ ނެތް މިކަން ހިނގާ ކަމުގެ. ދެން ނުވައެއް ޖަހަނިކޮށް، ޓާސްލާފަ ފެނުނީ އަޅުގަނޑު ދަރިފުޅު ހޯލް ތެރެއަށް ވަތްތަން. ދެން ނުވައެއް ނުޖަހާ އަށްގަނޑި ބައިން ފެށިގެން ހަމަ ކުދިންތައް ވަންނަތަން ފެނޭ. ބައެއް ކުދިން ވަކިވަކިން ހަމަ ވަންނަތަށް އެބަފެނޭ. ކޮންމެ ކުއްޖެއްގައިވެސް މޫނު ފޮޅާ ހަދަނީ. ދެން ވާނުވާއެއް ނޭނގޭނެތާ. އަޅުގަނޑު ދަރިފުޅު ހަމަ ޓާސްލާފަ ވަނުމާއެކީ އަޅުގަނޑަށް އޭނާ މޫނު ފެނި ކޮންމެވެސް ކަމެއް ދިމާވެއްޖެކަން އެނގިއްޖެ، އެކަމަކު ވެގެން އުޅޭ ގޮތެއް ނޭނގުނު އެއިރަކު. “
ދަރިވަރެއްގެ ބެލެނިވެރިއެއް![]()
ބެލެނިވެރިޔާ ބުނީ ތުނބުޅި މަތިމަސް ބާލާ ބޯކޮށައިގެން ގެނައުމުން ވެސް އަދިވެސް ތުނބުޅި މަތިމަސް ދިގުކަމަށް ބުނެ ދަރިވަރުން ގެންދަން އުޅުނު ކަމަށާއި، ދަރިވަރުން ތަކުރާރުކޮށް އެދުމުން ވެސް ބެލެނިވެރިންނަށް ނުގުޅާ ސެލޫނަށް ގެންދިޔަ ކަމަށެވެ. މީގެ އިތުރުން ސެލޫނުން ދަރިވަރުންގެ ބޮލާއި ތުނބުޅި މަތިމަސް ކޮށުމަށްފަހު ފައިސާ ދެއްކީ ލޯމިރުގެ އެކައުންޓުން ކަމަށް ވެސް ބެލެނިވެރިޔާ ބުންޏެވެ.
”ގްރެޖުއޭޝަން ނިމުނީ ބާރަ ޖަހަން ވަރަށް ކައިރިވެފައި ހުއްޓާ. ދެން ނިމިގެން އަޅުގަނޑު ހަމަ ކޮމްޕައުންޑަށް ނުކުތްތަނާ ދަރިފުޅު އައިސް ބުނެފި ހިނގާށޭ ދާން މިތަނުން. ސުވާލުކުރީމާ ބުނީ މިއަދު ގަދަކަމުން ބޯކޮށަން އުޅެފިޔޭ، ތުނބުޅި މަތިމަސް ބާލުވައިިފިޔޭ. ދެން އަޅުގަނޑު ހީކުރި ދަރިފުޅު މަޖަލަކަށް ބުނި ވާހަކައެއްކަމަށް. ދެން އެހެން ހުއްޓާ އެހެން ބެލެނިވެރިއަކު އައިސް ބުނަނީ އޭނާ ދަރިއުޅު އެތަނަށް ގެނައި އިރު ފެނޭ ގުރުޕެއް ހަދާފަ ދަރިވަރުން ގެންދާތަން، ގެންދިޔައީ ކޮންތާކަށް ކަމެއް ނޭނގޭ. ދެން އަނެއްކާވެސް އެހެން ޕޭރަންޓަކު ދިމާވެގެން ބުނެފި މިއަދު އަޅުގަނޑުގެ ދަރިފުޅު ސެލޫނަކަށް ގެންގޮސްފިޔޭ. ތިމަންނައަށް ގުޅިޔޭ. އެކަމަކު އަޅުގަނޑަކަށް ނުގުޅާ. ދެން ދަރިފުޅު ބުނެފި އަނެއްކާވެސް ގެއަށްދާން. ބުނުމުން ދިޔަ މަގުމަތީގައި ކިޔައިދިނީ ސެލޫނަށް ގެންގޮސް ބޮލާއި ތުނބުޅި ކޮށި ވާހަކަ. މި ވާހަކަ މި ކިޔައިދިނީ ގެއަށް ދިޔަ އިރު ސައިކަލު ފަހަތުގައި އިނދެގެން.“
ދަރިވަރެއްގެ ބެލެނިވެރިއެއް![]()
ބެލެނިވެރިޔާ ބުނީ ދަރިވަރު ސްކޫލަށް ވައްދަނީ ޕޭރެންޓް ކާޑް ދެއްކުމުން ކަމަށާއި، ޕޭރެންޓުންނަށް ނާންގާ ސްކޫލުން ބޭރު ނުކުރެވޭނެ ކަމަށެވެ. އަދި ސެލޫނަށް ގެންދިޔަކަން އަންގަން ޖެހޭނެކަމަށާއި، ދަރިވަރުގެ ރުހުމާއި ނުލާ ސްކޫލަށް އެކަން ނުކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން ދަރިވަރުން ބޮލާއި ތުނބުޅި ނުބާލައިފިނަމަ ގްރެޖުއޭޝަންގައި ބައިވެރި ނުކުރުވާނެ ކަމާއި، ގެއަށް ވެސް ނުފޮނުވާނެކަމަށް ބުނެ ޓީޗަރުން ބިރު ދެއްކި ކަމަށާއި، އޭގެ ތެރެއިން އެއް ކުއްޖަކު ދެކޮޅު ހަދައި ބެލެނިވެރިޔާއަށް ގުޅަން އެދުމުން އެކަން ނުކުރާނެކަމަށް ބުނެފައިވާ ކަމަށް މައުލޫމާތު ދިން ބެލެނިވެރިޔާ ވަނީ ބުނެފައެވެ.
”ސެލޫނަށް ގެންގޮސްފައި އެންގީ ދަރިވަރުންގެ އިސްތަށިގަނޑު ޒިރޯ އަށް ޖައްސަން. ދެން އެކަމާއި ދަރިފުޅު ދެކޮޅު ހެދީ. ހެދީމަ ބުނީ ބޯ ނުކޮށާނަމަ ގްރެޖުއޭޝަންގައި ބައިވެރި ނުކުރާނެ ކަމަށް. ދަރިވަރަށް ދިނީ 2 ޗޮއިސް. އެއީ ބޯކޮށުން ނޫނީ ގުރެޖުއޭޝަންގައި ބައިވެރިނުވުން. ދެން އެގޮތަށް ބޯ ނުކޮށޭނެކަމަށް ބުނީމައި ބުނީ އަމިއްލައަށް ކަތުރު ނަގައިގެން ކޮށަން. މިއޮތީ އެ ކަތުރު ބުނެ، ކަތުރު ދީފައި ދަރިފުޅު ފާހާނައަށް ފޮނުވާ އެމީހުން އެ ބުނި ގޮތަކަށް އަމިއްލައަށް ބޯކޮށީ. ކުއްޖާ މި އޮތީ ގޮތް ހުސްވެފަތާ. އެގަޑީގައި މި އޮތް ނުވައެއް ޖަހަނީ. އޭނާ ގޮތެއް ނެތިގެންތާ ނޯ ޗޮއިސްގައި އެކަން ކުރަން ޖެހުނީ. ފުރުސަތެއް ދިނީކީ ނޫން ގްރެޖުއޭޝަނުގައި ބައިވެރިވާން، އަނެއްކޮޅުން މި އެންގީ ބޯވެސް ކޮށަންޖެހޭނޭ. މަންމައާ ގުޅޭނެތޯ ބުނީމަ ނުގުޅި. ސްކޫލަކުން އަޅުގަނޑަކަށް ނުގުޅާ. ދެން އެހިސާބުން މީނާ ފާހާނައަށްވަދެ ބުނި ގޮތަށް ބޯކޮށައިގެން އައިމާ އިސްތަށިތައް ފޮޅާ ހަދާފައި މީނަ ވެއްދި ހޯލްތެރެއަށް. “
ދަރިވަރެއްގެ ބެލެނިވެރިއެއް![]()
ބެލެނިވެރިޔާ ބުނީ މިކަން އެނގުނީ ދަރިވަރުންގެ ބޯކޮށުމަށްފަހު ހޯލަށް ގެނައުމުން ދަރިވަރުންގެ ފަރާތުން ފެނުނު މަންޒަރުތަކުން ކަމަށާއި، ދަރިވަރުން އިތުރަށް އެތަނުގައި ތިބެން ބޭނުން ނުވި ކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން އާދީއްތަ ދުވަހުގެ ހެނދުނުން ފަށައިގެން ލީޑިންގ ޓީޗަރު ޝާހިދު އާއި ޝަހާދާ އަށް ގުޅުމަށް މަސައްކަތް ކުރި ނަމަވެސް، ދެ ޓީޗަރުންވެސް ފޯނެއް ނުނަގާ ކަމަށާއި، އެރޭ އިސްކަންދަރު ޕްރިންސިޕަލްއަށް ގުޅުމަށްފަހު ބައްދަލުކުރި ކަމަށެވެ.
ޕްރިންސިޕަލްއާއި ބައްދަލުކުރީމަ ބުނީ ދަރިފުޅު ބުންޏޭ ބޯކޮށަން ބުނެ މާ ބޮޑުވަރޭ ތިކުރަނީ. ބުނީމަ އަޅުގަނޑު ބުނިން އޭނާގެ ނުރުހުމުގައި ކަންކަން ކުރާނަމަ ދިފާއުގައި ވާހަކަ ދައްކަން ދަސްކޮށްދީފައޭ ހުންނާނީ. މިކުރި ކަންތަކުން ދަރިފުޅު ބަލިކަށިވެއްޖެ. ގަދަކަމުން ބޯބާލާ ކަންކަން ކުރީމަ ނަފްސާނީވާނެ ވަރު ވިސްނާލާ. ކުއްޖާ އަމިއްލައަށް ބޯކޮށާނީ ގޮތް ހުސްވެގެންނޭ. ޕްރީސްކޫލުންސުރެ ކަތުރު ތޫނެއެއްޗެއް ނުދީ ގެންގުޅަ ކުއްޖަކު، އަނިޔާ ނުކުރި ކުއްޖަކު މިއަދު އަމިއްލަ ބޯކޮށާނީ ވަރަށް ބޮޑުވަރު ވީމައޭ. އެވަރު ކަލިމޭންނަށް ނުވިސްނަންހޭ އެހިން ޕްރިންސިޕަލް ކައިރިން. ކަލޭމެން އަހަރީ ރިޕޯޓުން ލިޔަން އެޑިޔުކޭޝަނަށް ފޮނުވަން، ކަލޭމެން ތިކުޅުނު ޑްރާމާއިން ކުއްޖާ ވީ ގެއްލުންކޮށް ކޮބާހޭ؟ ބުނީމަ ނުގުޅާހޭ ޕްރިންސިޕަލް ބުނަނީ. ދެން އަޅުގަނޑަށް ނުގުޅައޭ ބުނީ ދެން ބުނީ ބަލައިލާނަމޯ ނުގުޅި ސަބަބު. މިއީ އެކި އަހަރުމަތިން އިސްކަންދަރުގެ ހިސްޓްރީގައި ގުރެޖުއޭޝަންވީ ކުދިންނާ ދިމާވި ކަމެއް. ހަމަ ކޮންމެ ގުރެޖުއޭޝަނެއްގަ އެބަހުރި ޙަސަން ސައީދުން ސުރެން ކުދިން ސެލޫނަށް ގެންގޮސްގެން ބޯކޮށާ، މިއީ އިސްކަންދަރު ސްކޫލްގެ ސަގާފަތެއް. އެއްވެސް ޕޭރަންޓެއް ނެތޭ މި ދުވަހާ ހަމައަށްވެސް ކުއްޖާގެ ދިފާއުގައި ތެދުވެފައެއް. މިއަދު އޭރު އެކަން ކުރި ބަޔަކު ތެދުވި ނަމަ މިއަދު އަޅުގަނޑުމެންގެ ދަރިންނަށް މިއަދު މިހެންނެއް ނުވިސް ދެއްތޯ؟
ދަރިވަރެއްގެ ބެލެނިވެރިއެއް![]()
ބެލެނިވެރިޔާ ބުނީ މި މައްސަލަ ކަމާއިބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށެވެ. އަދި މި މައްސަލަ އެޑިއުކޭޝަން މިނިސްޓްރީއާއި، ޗިލްޑްރަންސް އޮމްބަޑްސް ޕާސަންގެ އޮފީހާއި، ފެމިލީ މިނިސްޓްރީއަށް ވެސް މައްސަލަ ޖައްސާފައިވާނެ ކަމަށް ބެލެނިވެރިޔާ ބުންޏެވެ.
ބެލެނިވެރިޔާ ބުނީ އަދި މިހާތަނަށް ސްކޫލުން މިކަމުގައި އެއްވެސް އެއްޗެއް ބުނެފައި ނުވާ ކަމަށެވެ. އަދި ސްކޫލުގެ ދެ ޓީޗަރަކު ދަރިވަރުންނަށް ބިރުދައްކައިގެން މަޖުބޫރުކުން މި ކުރިވި ކަންކަމުގެ ސަބަބުން ދަރިވަރުން ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ ކަމަށާއި، ދަރިވަރުން ސްކޫލަށް ގެނެސް ޓީޗަރުންނާއި ހަވާލުކުރަނީ އިތުރުބާރު ކޮށްފައި ކަމަށެވެ. ނަމަވެސް މިކަމުން ދޭހަވަނީ ޓީޗަރުންގެ ފަރާތުން ދަރިވަރުންނަށް އެއްވެސް ރައްކާތެރިކަމެއް ނެތް ކަމާއި، ސްކޫލު މާހައުލުގައި ވެސް ދަރިވަރުންނަށް ރައްކާތެރިކަމެއް ނެތްކަން ކަމަށް ބެލެނިވެރިޔާ ބުންޏެވެ.
މި މައްސަލައާއި ގުޅިގެން ސްކޫލުން އަދިވެސް ވަކި އެއްޗެއް ބުނެފައި ނުވެއެވެ.