ކ. މާލެ
|
16 އޭޕްރިލް 2022 | ހޮނިހިރު 17:48
އިސްލާމިކް މިނިސްޓަރ ނަބީހު އާއި ބައްދަލުކުރައްވަނީ
އިސްލާމިކް މިނިސްޓަރ ނަބީހު އާއި ބައްދަލުކުރައްވަނީ
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް
މިނިސްޓަރ ނަބީހާއި ބައްދަލުކުރެއްވުން
އިސްލާމިކް މިނިސްޓަރ، އަލްޙާފިޡް ނަބީހް އަށް މަރުޙަބާ ވިދާޅުވެ، ހިތްވަރުދެއްވައިފި
ނަބީޙް ފައިނަލް ބުރުގައި ކިޔެވުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް
އެ މުބާރާތުގައި ނަބީޙް ފަދަ ކުއްޖަކު ދިވެހިރާއްޖެ ތަމްސީލުކުރުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ. އަޙްމަދު ޒާހިރު އަލީ، އަލްޙާފިޡް އަޙްމަދު ނަބީޙް އަށް މަރުޙަބާ ވިދާޅުވެ، ހިތްވަރުދެއްވައިފިއެވެ.

މި ރަމަޟާން މަހުގެ 1 -14އަށް ދުބާއީގައި ބޭއްވި ދުބާއީ އިންޓަނޭޝަނަލް ހޯލީ ޤުރްއާން ކޮމްޕެޓިޝަން 2022 ގައި ރާއްޖެ ތަމްސީލުކުރުމަށްފަހު ނަބީޙް ރާއްޖެ އައިސްފައިވަނީ ހޮނިހިރު ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. ނަބީޙަށް މަރުޙަބާ ވިދާޅުވުމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ އިތުރުން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އިލްޔާސް ޖަމާލްއާއި، މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޙްމަދު އަދީލާއި މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ. އަޙްމަދު ޒާހިރު އަލީ، އަލްޙާފިޡް އަޙްމަދު ނަބީޙާއި ބައްދަލުކުރައްވާ ހިތްވަރު ދެއްވާ ވިދާޅުވީ ދުބާއީ އިންޓަނޭޝަނަލް ހޯލީ ޤުރްއާން ކޮމްޕެޓިޝަން 2022 ގައި ބައިވަރު ކުދިބަޔަކާއި ވާދަކޮށް ނަބީޙް ފައިނަލް ބުރުގައި ކިޔެވުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްކަމަށެވެ. އަދި އެކަމަށްޓަކައި ނަބީޙަށާއި ނަބީޙުގެ މަންމައަށް މަރުޙަބާ ވިދާޅުވިއެވެ. އަދި އެ މުބާރާތުގައި ނަބީޙް ފަދަ ކުއްޖަކު ދިވެހިރާއްޖެ ތަމްސީލުކުރުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއްކަން ފާހަގަކުރައްވާ މިފަދަ އިތުރު މުބާރާތްތަކުގައި ބައިވެރިވުމަށް މިނިސްޓަރ ވަނީ ނަބީޙް އަށް ހިތްވަރުދެއްވާފައެވެ.

މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އިލްޔާސް ޖަމާލްވެސް ވަނީ ބައިނަލްއަޤްވާމީ މިފަދަ މުބާރާތެއްގައި ނަބީޙުގެ ކިޔެވުން ފެނިގެން ދިޔުމަކީ ވަރަށް ބޮޑުކާމިޔާބީއެއްކަން ފާހަގަކުރައްވައި ހިތްވަރުދެއްވާފައެވެ.

ނަބީޙުގެ މަންމަ ވަނީ ސަރުކާރުން ނަބީޙް އަށް ދެއްވި މި ފުރުސަތަށް ޝުކުރުއަދާކޮށް، ދުބާއީގައި ހޭދަވި 17 ދުވަހު، އެއްވެސްކަހަލަ ދަތިކަމެއް ނެތި އެޤައުމުގައި ތިބެވުނީތީ އެކަމަށްޓަކައި ސަރުކާރަށް ޝުކުރުއަދާކޮށްފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަރަށް ގާތުން ނަބީޙުގެ ހާލުބައްލަވައި، މުބާރާތުގެ ކަންކަން ހިނގަމުންދާގޮތް ބެއްލެވިކަމަށާއި  އަދި މިނިސްޓަރާއި މިނިސްޓްރީގެ އިސްވެރިން ބެހެއްޓެވި ގާތްކަމާއި މިއަދު ވިދާޅުވި ހޫނު މަރުޙަބާއަށްވެސް ވަނީ ޝުކުރުއަދާކޮށްފައެވެ.

ދުބާއީ އިންޓަނޭޝަނަލް ހޯލީ ޤުރްއާން ކޮމްޕެޓިޝަން 2022 ގައި އޮންނަ އުސޫލުން ދަތުރުގެ ކަންތައް ހަމަޖައްސައިދެނީ ހަމައެކަނި ކިޔަވާ ދަރިވަރަށެވެ. އެހެންނަމަވެސް ނަބީޙަކީ ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރަކަށްވާތީ ނަބީޙުގެ މަންމައާއި ދައްތައަށް މި މުބާރާތަށް ދުބާއީއަށް ދިޔުމާއި ހުރުމުގެ ކަންކަން ހަމަޖެއްސުމުގައި ސަރުކާރާއި ސަރުކާރު ޙިއްސާވާ ގިނަ ކުންފުނިތަކާއި މީގެ އިތުރުން ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ވަނީ ލިބިގެން ގޮސްފައެވެ.

- ކޮމެންޓް