Advertisement
ކ. މާލެ
|
12 އޭޕްރިލް 2022 | އަންގާރަ 23:37
ހުޅުމާލެ ޖަލު
ހުޅުމާލެ ޖަލު
މިހާރު
އެޗްއާރުސީއެމަށް ހުށަހެޅޭ މައްސަލަތައް
އެންމެ ގިނަ މައްސަލަތައް ހުށަހެޅެނީ ބަންދުގައި ތިބޭ މީހުންގެ ފަރާތުން: އެޗްއާރުސީއެމް
ބަންދު މީހުންނާއި ގައިދީންގެ ސިއްހަތާ ގުޅުންހުރި ގިނަ މައްސަލަތަކެއް ހުށަހަޅާ
މައްސަލަތަކާ ގުޅިގެން ރެކޮމެންޑޭޝަންތައް ދެމުންދޭ

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އަށް އެންމެ ގިނަ މައްސަލަ ހުށަހެޅެނީ ބަންދުގައި ތިބޭ މީހުންގެ ފަރާތުން ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އެޗްއާރުސީއެމުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ކޮމިޝަންގެ ޑިރެކްޓަރ އަމީރާ ނައީމް ވިދާޅުވީ ގާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކުރާ އިންސާނީ ހައްގުތަކާ ގުޅުންހުރި އެކި ދާއިރާތަކުން މައްސަލަތައް ހުށަހެޅޭ ކަމަށެވެ.

Advertisement

ވޭތުވެދިޔަ އަހަރުތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ގިނަ މައްސަލަ ހުށަހަޅާފައިވަނީ މިނިވަންކަން ގެއްލޭގޮތަށް ބަންދުގައި ތިބޭ މީހުންގެ ފަރާތުން ކަމަށް އަމީރާ ވިދާޅުވިއެވެ. ބަންދުގައި ތިބޭ މީހުންނާއި ގައިދީންގެ ފަރާތުން ހުށަހަޅާ މައްސަލަތަކުގެ ތެރޭގައިވެސް އެންމެ ގިނައީ އެފަރާތްތަކުގެ ސިއްހަތާ ގުޅުންހުރި މައްސަލަތައް ކަމަށް އަމީރާ ވިދާޅުވިއެވެ. އެގޮތުން ޚާއްސަ ޑޮކްޓަރުންނަށް ދެއްކުމުގައި އެކަށީގެންވާ އަވަސްމިނެއްގައި ނުދެއްކުން ފަދަ މައްސަލަތައް ހިމެނޭކަމަށް އަމީރާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ 2021 ވަނަ އަހަރު އެޗްއާރުސީއެމަށް ހުށަހެޅުނު 520 މައްސަލައިގެ ތެރެއިން 136 މައްސަލައަކީ ބަންދު މީހުންނާއި، ގައިދީންގެ ސިއްހަތާ ގުޅުންހުރި މައްސަލަތައް ކަމަށެވެ.

އަމީރާ ވިދާޅުވީ އެޗްއާރުސީއެމަށް މައްސަލައެއް ހުށަހެޅޭ ހިސާބުން އެ މައްސަލައަކާ ގުޅިހެން އިތުރު މައުލޫމާތު ހޯދައި މައްސަލަ ބެލުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. މިގޮތުން މައްސަލަތައް ހުށަހަޅާ ފަރާތްތަކާއި މައްސަލަތަކުގައި ހިމެނޭނެ ވިކްޓިމްސްއާ އަދިވެސް މިނޫން ފަރާތްތަކާ ވާހަކަދައްކައި އިތުރު މައުލޫމާތު ސާފުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ގުޅުންހުރި އިދާރާތަކާއެކު ބައްދަލުވުންތައް ބާއްވައި މައުލޫމާތު ސާފުކުރެވޭކަމަށް އަމީރާ ވިދާޅުވިއެވެ.

ބަލަމުންދާ މައްސަލަތަކާއި، ބަލައި ނިމިފައިވާ މައްސަލަތަކާ ގުޅިގެން އިދާރާތަކަށް ރެކޮމެންޑޭޝަންތައްވެސް ހުށަހަޅަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ރެކޮމެންޑޭޝަންތަކާ އެއްގޮތަށް އަމަލުކުރަމުންދޭތޯވެސް ބަލަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް