ކ. މާލެ
|
11 އޭޕްރިލް 2022 | ހޯމަ 23:29
ނިއުދިއްލީގައި ކުޑަކުއްޖަކު ކޮވިޑަށް ޓެސްޓްކުރުމަށް ސާމްޕަލް ނަގަނީ
ނިއުދިއްލީގައި ކުޑަކުއްޖަކު ކޮވިޑަށް ޓެސްޓްކުރުމަށް ސާމްޕަލް ނަގަނީ
ރޮއިޓަރސް
އޮމިކްރޯން ވޭރިއަންޓްގެ ހާލަތު
އޮމިކްރޯން ވޭރިއަންޓްގެ އައު 2 ސަބް ވޭރިއަންޓެއް ފެނިގެން ދިރާސާކުރަނީ
ރިޕޯޓްކޮށްފައިވަނީ އައު 2 ސަބްވޭރިއަންޓްގެ މަދު ކޭސްތަކެއް

ހަލުވިކަމާއެކު ފެތުރެމުން އަންނަ އޮމިކްރޯން ވޭރިއަންޓްގެ މުޅިން އައު ދެ ސަބް ވޭރިއަންޓްގެ ކޭސްތަކެއް ފެނިގެން އެ ވޭރިއަންޓްތައް އިތުރަށް ދިރާސާކުރަމުން އަންނަކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ)އިން ބުނެފިއެވެ.

ޑަބްލިޔުއެޗްއޯއިން ބުނެފައިވަނީ, އޮމިކްރޯން ވޭރިއަންޓްގެ އަސްލުކަމުގައިވާ BA.1ގެ 2 ސަބްވޭރިއަންޓް ކަމުގައިވާ BA.4އާއި BA.5 އިތުރަށް މޮނިޓަރ ކުރަންޖެހޭ ވޭރިއަންޓްގެ ލިސްޓަށް ލާފައިވާކަމަށެވެ. މީގެއިތުރުން މިހާރުވެސް ޑަބްލިޔުއެޗްއޯއިން އަންނަނީ BA.1އާއި BA.2އާއި BA.1.1 އަދި BA.3 އިތުރަށް ދިރާސާކުރަމުންނެވެ.

ޑަބްލިޔުއެޗްއޯއިން ބުނީ އެ ވޭރިއަންޓްތައް އިތުރަށް ބަލަމުން އަންނަނީމ މިޔުޓޭޓްވަމުން އަންނަ ގޮތަށް ބަލާއިރު މިވޭރިއަންޓްތަކުގެ ސަބަބުން ކުރާ އަސަރާއި ދިފާއީ ނިޒާމުން ސަލާމަތްކޮށްދޭ މިންވަރު ދެނެގަތުމަށެވެ.

މިހާރުގެ ހާލަތަށް ބަލާއިރު BA.2އަކީ މިހާތަނަށް ސީކުއެންސްކޮށްފައިވާ ކޭސްތަކުގެ 94 އިންސައްތަ ހިއްސާކުރާ ވޭރިއަންޓެވެ. އަދި މިއީ ބަލީގައި އެންމެ ބޮޑުވަރުވާކަމަށް މިހާތަނަށް ބެލެވިފައިވާ ވޭރިއަންޓްވެސްމެއެވެ.

ޑަބްލިޔުއެޗްއޯއިން ބުނެފައިވަނީ މިހާތަނަށް ގްލޯބަލް ގިސްއެއިޑް ޑާޓާބޭސްއަށް ރިޕޯޓްކޮށްފައިވަނީ އައު 2 ސަބްވޭރިއަންޓްގެ މަދު ކޭސްތަކެކެވެ.

އިނގިރޭސިވިލާތުގެ ހެލްތު ސެކިޔުރިޓީ އެޖެންސީން މިދިޔަ ހަފުތާގައި ބުނެފައިވަނީ އޮމިކްރޯން ވޭރިއަންޓްގެ އައު ސަބްވޭރިއަންޓް ކަމުގައިވާ BA.4 ޖެނުއަރީ 10ން މާޗް 30ގެ ނިޔަލަށް, ދެކުނު އެފްރިކާ، ޑެންމާރކް، ބޮޓްސްވާނާ، ސްކޮޓްލެންޑް އަދި އިނގިރޭސިވިލާތުން ފެނިފައިވެއެވެ.

މީގެއިތުރުން މިދިޔަ ހަފުތާއާ ހަމައަށް ފެނިފައިވާ އޮމިކްރޯން ވޭރިއަންޓްގެ އަނެއް ސަބްވޭރިއަންޓްކަމުގައިވާ BA.5 ފެނިފައިވަނީ ދެކުނު އެފްރިކާއިން ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް ހޯމަ ދުވަހު ބޮޓްސްވާނާގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ އެގައުމުން އޮމިކްރޯން ވޭރިއަންޓްގެ އައު ދެ ސަބްވޭރިއަންޓް ފެނިފައިވާކަމަށެވެ. އެއީ ވެކްސިން ފުރިހަމަކޮށްފައިވާ, އުމުރުން 30 އަހަރާ 50 އަހަރާ ދެމެދުގެ މީހުންގެ ފަރާތުން ކަމަށް ބުނެފައިވެއެވެ. އެމީހުންގެ ފަރާތުން ފެންނަނީ އާދައިގެ އަލާމާތްތަކެއްކަމަށްވެސް އެގައުމުން ބުނެފައިވެއެވެ.

- ކޮމެންޓް