ރަޝިޔާއިން ހުޅަނގުގެ ގައުމުތަކަށް ވިއްކާ ގޭހަށް ރަޝިޔާގެ ކަރަންސީކަމުގައިވާ ރުބެލްއިން އަގުއަދާކުރުމަކީ ކުރެވޭނެ ކަމެއްނޫންކަމަށް ފްރާންސްގެ ރައީސް އެމެނުއަލް މެކްރޮން ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން އަރިހު ދަންނަވައިފިއެވެ.
ރަޝިޔާއިން ޔޫކްރެއިނަށް ހަމަލާދޭން ފެށުމުން ހުޅަނގާއި، އެމެރިކާ އަދި ނޭޓޯގެ ގައުމުތަކުން ވަނީ ރަޝިޔާ އާއި ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އެފިޔަވަޅުތަކާއި ދެކޮޅަށް ރަޝިޔާއިންވެސް ވަނީ ފިޔަވަޅު އަޅާފައެވެ.
އެގޮތުން ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން ވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު ހުޅަނގާ ދެކޮޅަށް ވަރުގަދަ ފިޔަވަޅެއް އަޅުއްވާފައެވެ. އެއީ ރަޝިޔާއިން އެކްސްޕޯޓްކުރާ ގޭހަށް ފައިސާ ދައްކަންޖެހޭނީ ރަޝިޔާގެ ފައިސާއިން ކަމުގައިވާ ރުބެލް އިންކަމަށް ނިންމަވާފައެވެ. ޕުޓިން ނިންމެވީ ރަޝިޔާގެ ތެލާއި ގޭސް ގަންނަ ގައުމުތަކުގެ ތެރޭން ރަހްމަތްތެރި ނޫން ގައުމުތަކުން އޭގެ އަގު ދެން އަދާކުރަންޖެހޭނީ ރުބެލްއިން ކަމުގައެވެ.
ޕުޓިންގެ މިނިންމެވުމާއި ގުޅިގެން މެކްރޮން ޕުޓިން އާއި ފޯނުން ގުޅުއްވާ ކުރިޔަށްގެންދެވި މަޝްވަރާތަކުގައި ވަނީ ފްރާންސްއިން ރަޝިޔާގެ ގޭހަށް ރުބެލްއިން އަގުއަދާކުރުމާއި ދެކޮޅުކަން ހާމަކުރައްވާފައެވެ. މީގެއިތުރުން އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާއި ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ.
އަންގާރަ ދުވަހު ރަޝިޔާއިން ވަނީ ހަމަލާތައް މަޑުޖައްސާލުމަށް ވައުދުވެފައެވެ. މިއީ ރަޝިޔާ އާއި ޔޫކްރެއިނާއި ދެމެދު ކުރިޔަށްދާ ސުލްހައިގެ ވާހަކަތަކުގައި ލިބުނު ބޮޑު ކާމިޔާބީއެކެވެ.
 
                             
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
