މެދުއިރުމަތީގެ ގައުމެއް ކަމުގައިވާ ޖޯރޑަންގެ ޖެރާޝް ސިޓީގެ ޖޯޑޭނިއަން ފައިސަލް ފާރމުން، ދަނޑުވެރިކަން ކުރުމުގެ ޓެކްނީކެއް ކަމުގައިވާ އޭރޯޕޮނިކްސް އަދި އަކުއާޕޮނިކްސް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރަން ފަށައިފިއެވެ.
އޭރޯޕޮނިކްސް އަދި އަކުއާޕޮނިކްސް ޓެކްނީކަކީ ފެނުގެ ޚަރަދު ކުޑަ ޓެކްނީކެކެވެ. މިގޮތަށް ގަސް ހައްދާއިރު ބޭނުންކުރަން ޖެހެނީ ވަރަށް ކުޑަ ފެންފޮދެކެވެ. ޖޯޑޭނިއަން ފައިސަލް ފާރމުން މި ޓެކްނިކް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރަން ފަށާފައިވާއިރު، އެކުންފުނީގެ މެނޭޖަރ ބަޖާތު ސަވާލްމޭ ބުނީ, ޖޯޑަންއަކީ ފެން ލިބުމަށް އަބަދުވެސް ދަތި ގައުމެއް ކަމަށެވެ. އެހެންކަމުން މި ޓެކްނީކް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމަށް ބާރުއަޅާ ކަމަށާއި، މިގޮތަށް ކުޑާ ދަނޑުވެރިކަމުގައި ފެން ބޭނުންކުރާ މިންވަރު 90 އިންސައްތައަށް ކުޑަކުރެވޭ ކަމަށް ސަވާލްމޭ ބުނެފައިވެއެވެ.
މި ޓެކްނީކް ބޭނުންކޮސްގެން ދަނޑުވެރިކަން ކުރުމަށް އަހަރެއް ބާރުއަޅަން. މި ޓެކްނީކްގައި ފެން ބޭނުންވަނީ އާންމުގޮތެއްގައި ދަނޑުވެރިކަން ކުރުމަށް ފެން ބޭނުންކުރާ މިންވަރަށްވުރެ 90 އިންސައްތަ މަދުން.ބަޖާތު ސަވާލްމޭ
ސަވާލްމޭ ބުނީ އޭރޯޕޮނިކް ސިސްޓަމަކީ މުޅިން އަލަށް ބޭނުންކުރަން ފަށާފައިވާ ސިސްޓަމެއް ކަމަށެވެ. އަދި މި ސިސްޓަމް އެގައުމުގައި ތަޖުރިބާކޮށްފައިވާކަމަށް އޭނާ ބުނެފައިވެއެވެ.
މިއީ ގަސްތަކުގެ މޫތަކަށް ފެން ސްޕްރޭ ކުރާ ސިސްޓަމެއް.ބަޖާތު ސަވާލްމޭ
އަދި އަކުއަޕޯނިކްސް ސިސްޓަމްގައި ވެލީގެ ބަދަލުގައި ބޭނުންކުރަނީ ވޯލްކޭނިކް ޓަފް ނުވަތަ އަލިފާން ފަރުބަދަ ގޮވުމުން އުފެދޭ ގާތައް ކަމަށް ސަވާލްމޭ ބުނެފައިވެއެވެ.
މިތަނުގައި ބޭނުންކުރާ ހުރިހާ ސިސްޓަމަކީވެސް ފެން ބޭނުންކުރާ މިންވަރު ކުޑަ ސިސްޓަމްތަކެއް.ބަޖާތު ސަވާލްމޭ
ސަވާލްމޭ ކިޔައިދިން ގޮތުގައި މި ސިސްޓަމްތަކަކީ ހަމައެކަނި ތަރުކާރީގެ ބާވަތްތައް ހެއްދުމަށް އެކަށީގެންވާ ސިސްޓަމްތަކެކެވެ. އޭނާ ބުނީ ތަކުރާރީގެ ބާވަތްތަކުގެ މުލުގައި ހުންނަނީ 30 ވަރަކަށް ސެންޓިމީޓަރު ކަމަށެވެ. އެހެންކަމުން އެހެނިހެން ބާވަތުގެ ގަސްތައް ހެއްދުމަށް މި ސިސްޓަމްތައް އެކަށީގެންނުވާނެ ކަމަށް އޭނާ ބުނެފައިވެއެވެ.
ތަރުކާރީ ނޫން އެހެނިހެން ބާވަތްތައް ހައްދަން މި ސިސްޓަމް އެކަށީގެނެއް ނުވޭ.ބަޖާތު ސަވާލްމޭ
މިކަމާއި ގުޅޭގޮތުން ޖޯޑަންގެ ދަނޑުވެރިކަމުގެ މާހިރެއް ކަމުގައިވާ ޑރ. ޑުރެއިޑް މަހާސްނޭ ވިދާޅުވެފައިވާގޮތުގައި އެގައުމުގެ އެންމެ ބޮޑަށް ބޭނުންކުރަމުންދަނީ ދަނޑުވެރިކަމަށެވެ. އެގޮތުން 55 އާ 60 އިންސައްތައާ ދެމެދުގެ އަދަދު މިކަމަށް ބޭނުންކުރަމުންދާކަމަށް ޑރ. ޑުރެއިޑް ވިދާޅުވިއެވެ. މިއީ ކާނާ ލިބުމުގެ ދަތިކަން ހައްލުކުރުމަށް ކުރާ މަސައްކަތެއް ނަމަ މިއީ ރަނގަޅު މަސައްކަތެއް ކަމަށާއި، އެހެންނަމަވެސް އެގައުމުގައި ފެނުގެ ދަތިކަން އިންތިހާއަށް އޮތްއިރު، ގައުމުން ބޭރަށް ފޮނުވާ ތަކެއްޗަށް މިވަރުގެ ބޮޑު އަދަދަކުން ފެން ހޭދަކުރުން ރަނގަޅު ނޫންކަމަށް އޭނާ ބުނެފައިވެއެވެ.
އެގައުމުގެ ފެނާބެހޭ މާހިރެއް ކަމުގައިވާ އަދްނާން އަލް ޒޯބީ ވިދާޅުވިގޮތުގައި, ދަޑުވެރިކަމުގެ ސިނާއަތުގައި ފެން ބޭނުންކުރާ މިންވަރު މަދުކުރަންޖެހެއެވެ. މަދުން ފެން ބޭނުންވާ ތަކެތި އުފައްދައި، ގައުމުން ބޭރަށް އެކްސްޕޯޓްކުރުމަށާއި، މަދުން ފެން ބޭނުންކޮށްގެން ދަނޑުވެރިކަން ކުރެވޭނެ ނިޒާމެއް ޚިޔާރުކުރަންޖެހޭ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ދޮންކެޔޮ ހެއްދުމަށް ވަރަށް ގިނައިން ފެން ބޭނުންވޭ. ލުނބޯފަދަ ތަކެތި ހެއްދުމަށް މާ ގިނަ ފެނެއް ބޭނުމެއް ނުވޭ. އެހެންކަމުން އެހެން ގައުމުތަކަށް އެކްސްޕޯޓްކުރުމަށް ދޮންކެޔޮ ހެއްދުމުގެ ބަދަލުގައި ލުނބޯ ފަދަ ތަކެތި ހައްދަންޖެހޭ. އެހެން ދަނޑުވެރިންވެސް މަދުން ފެން ބޭނުންކުރާ ނިޒާމުތައް ބޭނުންކުރަން ފަށަންޖެހޭ.އަދްނާން އަލް ޒޯބީ
މިގޮތަށް މަދުން ފެން ބޭނުންވާ ނިޒާމުތައް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމަށް ހުރިހާ ދަނޑުވެރިންވެސް އެގައުމުގެ މިނިސްޓްރީ އޮފް އެގްރިކަލްޗަރއާ ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.