ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ފްރާންސްގެ ރައީސް އިމެނުއަލް މެކްރޮން އާއި ފޯނުން ގުޅުއްވާ މިހާރުން މިހާރަށްވެސް މަސްރަހު ފިނިކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
އެކަން ހާމަކުރައްވަމުން ޔޫކްރެއިންގެ ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަސްރަހު ފިނިކުރެވޭނެ ގޮތްތަކާއި ސިޔާސީ އަދި ޑިޕްލޮމެޓިކް ގޮތުން އެއްބަސްވެވޭނެ ކަންތައްތަކާއި ގުޅޭގޮތުން ފްރާންސްގެ ރައީސް އާއި މަޝްވަރާ ކުރައްވާފައިވާކަމަށެވެ. އަދި މަސްރަހު މިހާރު ހޫނުވަމުންދާ ގޮތާއި ގެއްލުންވާނެ ގޮތާއި ހަމަލާތައް ދެމުންދާ ގޮތާގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށެވެ.
ހޮނިހިރު ދުވަހު ނޫސްވެރިންތަކެއް ޔޫކްރެއިންގެ އިންޓީރިއާރ މިނިސްޓަރާއެކު ފްރޮންޓްލައިންގައި މަސައްކަތްކުރަނިކޮށް ވަނީ މޯޓަރު ބަޑީގެ ހަމަލާތަކުގެ އަޑުއިވިފައެވެ. އިންޓީރިއާ މިނިސްޓަރާއެކު ނޫސްވެރިން މަސައްކަތްކުރަމުންދިޔައީ އެސަރަހައްދުގެ ކަންކަން ހަމަޖެހިފައިވާގޮތް ބަލާލުމަށެވެ. ނޫސްވެރިންގެ ގްރޫޕްގައި ފްރާންސްގެ އޭއެފްޕީ ނިއުސް އެޖެންސީ އާއި ސީއެންއެންގެ ނޫސްވެރިން ހިމެނެއެވެ. މޯޓަރު ބަޑީގެ އަޑުއިވުނުނަމަވެސް އެއްވެސް މީހަކަށް އަނިޔާ ވެފައެއްނުވެއެވެ.
ޒެލެންސްކީ އާއި މެކްރޮން ފޯނުން ގުޅުއްވާ މަޝްވަރާކުރެއްވިއިރު އާދިއްތަ ދުވަހު މެކްރޮން އާއި ރަޝިޔާގެ ރައީސް ޕުޓިން އާވެސް ފޯނުން ގުޅުއްވާ މަސްރަހާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މެކްރޮން ވެފައިވަނީ ފާއިތުވި ދުވަސްތަކުގައި އެންމެ ގިނައިން ޕުޓިން އާ ވާހަކަދައްކަވަމުން ގެންދަވާ ލީޑަރަށެވެ.
މަސްރަހުގެ ނުތަނަވަސްކަން އިތުރުވަމުން އަންނައިރު ޒެލެންސްކީގެ އިންސްޓަރގްރާމް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ޔޫކްރެއިން ރުޅިއަރުވާ ހަމަލާ ފެށުމަށް ކުރަމުންދާ މަސައްކަތަށް ޔޫކްރެއިން އިން ރައްދުނުދޭނެކަމަށެވެ. ޔޫކްރެއިން އިން ބޭނުންވަނީ މިކަމުގައި ސުލްހަވެރި ހައްލެއްކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.
އިރުމަތީ ޑޮންބަސް ސަރަހައްދުގައި ހިނގަމުންދާ ކަންކަމަށް ޔޫކްރެއިން އިން ރައްދުނުދޭނެކަމަށް ޒެލެންސްކީ ވިދާޅުވިއެވެ. ރަޝިޔާއިން އެހީވެދީގެން ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކުގެ ހަމަލާތައް ފާއިތުވި ދުވަސްތަކުގައި ވަނީ އިތުރުވެފައެވެ.
ޒެލެންސްކީ މިހާރު ހުންނެވީ ޖަރމަނުގައި ކުރިޔަށްދާ ސެކިޔުރިޓީ ކޮންފެރެންސްގައި ބައިވެރިވެވަޑައިގަތުމަށް މިޔުނިކްގައެވެ.
ރަޝިޔާގެ ލައްކައަކަށްވުރެ ގިނަ ސިފައިން ޔޫކްރެއިން އާއި ރަޝިޔާ ގުޅޭ ބޯޑަރު ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު ރަޝިޔާއިން ވަނީ ޔޫކްރެއިން އަށް ހަމަލާނުދޭނެކަމަށް ބުނެފައެވެ. ނަމަވެސް އެހާގިނަ އަދަދެއްގެ ސިފައިން ބޯޑަރު ސަރަހައްދުގައި ބަރު ހަތިޔާރާއެކު ހަރަކާތްތެރިވަމުންދާތީ ރަޝިޔާއިން ދައްކަމުންދާ މިވާހަކަތައް ގަބޫލުކުރުމަށް އެމެރިކާ އާއި ހުޅަނގުން ގެންދަނީ ދެކޮޅުހަދަމުންނެވެ.