ރަޝިޔާއިން އަންނަނީ ކުރިޔަށް އޮތް ދުވަސްތަކުގައި ޔޫކްރެއިން އަށް ހަމަލާދިނުމަށް ރާވަމުން ކަމަށާއި އެގޮތަށް އެމެރިކާއިން ގަބޫލުކުރާ ސަބަބުތައް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން އ.ދ. ގެ ސަލާމަތީ މަޖިލީހުގައި ވިދާޅުވެ ދެއްވައިފިއެވެ.
ފާއިތުވި ދެ ހަފްތާގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި އެމެރިކާގެ އޮފިޝަލުން ގެންދަވަނީ ރަޝިޔާއިން ޔޫކްރެއިން އަށް ހަމަލާދޭނެކަމަށް ވިދާޅުވެ އެކަމުގެ އިންޒާރުތައް ދެމުންނެވެ. އެގޮތުން ޔޫކްރެއިން އަށް އެރުމަށް ބޭނުންވާ ސަބަބުތައް ރަޝިޔާއިން އުފައްދަމުންދާ ކަމަށް ގެންދަވަނީ ވިދާޅުވަމުންނެވެ.
ނަމަވެސް ބްލިންކެންގެ މިވާހަކަތަކަށް ރައްދު ދެއްވަމުން ރަޝިޔާގެ ޑެޕިޔުޓީ ފޮރިން މިނިސްޓަރ ވަނީ ބްލިންކެންގެ ބަޔާނަކީ ވަރަށް ނުރައްކާތެރި، މަސްރަހު އިތުރަށް ހޫނުވެގެންދާ ބަޔާނެއްކަމަށް ވިދާޅުވެފައެވެ. ޑެޕިޔުޓީ ފޮރިން މިނިސްޓަރ އިތުރަށް ވިދާޅުވީ ރަޝިޔާގެ ސިފައިން ތިބީ ރަޝިޔާގެ ސަހަރައްދުގައި ކަމަށާއި ބައެއް ސިފައިން މިހާރުވެސް ތަމްރީނުތައް ނިންމާލުމަށްފަހު ދާއިމީ މަރުކަޒުތަކަށް އައިސްފައިވާކަމަށެވެ.
ބްލިންކެން ވަނީ އެއްވެސް ޝައްކެއް ނެތްގޮތަށް ސާފުބަހުންނާއި އަމަލުން ރަޝިޔާއިން ޔޫކްރެއިން އަށް ހަމަލާނުދޭނަކަމުގެ ޔަގީންކަން ދިނުމަށް އެދިވަޑައިގަންނަވާފައެވެ.
ބަރު ހަތިޔާރާއި ސިފައިންނާއި އެމީހުންގެ އަސްލު މަގާމުތަކަށް ފޮނުވާ މަޝްވަރާގެ މޭޒަށް ޑިޕްލޮމެޓުން ގެންދިޔުމަށް ބްލިންކެން އެދިވަޑައިގެންނެވިއެވެ. ބްލިންކެން ވިދާޅުވީ ރަޝިޔާއިން ވަނީ ޔޫކްރެއިން އަށް ހަމަލާދޭނެ މުހިއްމު ތަންތަންވެސް މިހާރު ކަނޑައަޅާފައިކަމަށާއި އޭގެތެރޭގައި ޔޫކްރެއިންގެ ވެރިރަށް ކީވް ވެސް ހިމެނޭކަމަށެވެ. ބްލިންކެން ވަނީ ރަޝިޔާގެ ފޮރިން މިނިސްޓަރަށް އަންނަ ހަފްތާގައި ޔޫރަޕްގައި ބައްދަލުވުމެއް ބޭއްވުމަށް އެދިވަޑައިގެންނެވިކަމަށް ވިދާޅުވެފައެވެ.
ރަޝިޔާއިން އަންނަނީ ޔޫކްރެއިން އަށް އަރަން އުޅޭކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ތަކުރާރުކޮށް ދޮގުކުރަމުންނެވެ. ޔޫކްރެއިން އާ ކައިރި ހިސާބުތަކުގައި ނޭޓޯގެ އަސްކަރީ ފައުޖުތައް ހަރަކާތްތެރިވާއިރު އެކަމަކީ ރަޝިޔާއިން ރުހޭ ކަމެއް ނޫނެވެ. އެއަށްވުރެ ބޮޑަށް ނޭޓޯގެ މެމްބަރު ގައުމަކަށް ޔޫކްރެއިން ވުމަކީ ރަޝިޔާ އެއްގޮތަކަށްވެސް ބޭނުންވާކަމެއް ނޫނެވެ.
ބްލިންކެން އދ ގެ ސަލާމަތީ މަޖިލީހަށް މިވަޑައިގެންނެވީ މިންސްކް އެއްބަސްވުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށެވެ. އެއެއްބަސްވުމަކީ 8 އަހަރު ވަންދެން ޔޫކްރެއިންގެ އަސްކަރިއްޔާ އާއި ރަޝިޔާއިން އެހީދީގެން ޔޫކްރެއިންގެ އިރުމަތީ ސަރަހައްދުގައި ހަރަކާތްތެރިވާ އަސްކަރީ ފަރާތްތަކާ ދެމެދު ކުރިޔަށްދާ ހަމަލާ ބަދަލުކުރުންތައް ހުއްޓާލުމާއި ގުޅޭ އެއްބަސްވުމެކެވެ.
ބްލިންކެން ވިދާޅުވީ މިއަދު އެތަނަށް ވަޑައިގެންނެވީ ހަނގުރާމައެއް ފެށުމަށް ނޫންކަމަށާއި ހަނގުރާމައެއް ހިނގުމުން ސަލާމަތްކުރުމަށްކަމަށެވެ.
ބްލިންކެން ރަޝިޔާއިން ޔޫކްރެއިން އަށް ހަމަލާދިނުމަށް ތައްޔާރުވަމުންދާ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކާއި ގުޅިގެން ރަޝިޔާގެ ޑެޕިޔުޓީ ފޮރިން މިނިސްޓަރ ވިދާޅުވީ ޔޫކްރެއިން އާ ގުޅިގެން ހުޅަނގުން ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން ރަޝިޔާއިން ޖަވާބުދީފައިވާކަމަށާއި އެކަމުގައި ރަޝިޔާގެ ސްޓޭންޑް ވަަރަށް ސާފުކަމަށެވެ. އަދި އެކަންކަން ވަނީ ތަފްސީލުކޮށްދެވިފައިކަމަށް ވިދާޅުވިއެވެ.