ރަޝިޔާ ސިފައިން, ޔޫކްރެއިންއާއި ރަޝިޔާ ގުޅޭ ބޯޑަރު ސަރަހައްދުގައި ކުރިޔަށްގެންދިޔަ އަސްކަރީ ތަމްރީނުތައް ނިންމާލުމަށްފަހު ބައެއް ސިފައިން އެމީހުންގެ ދާއިމީ ބޭސްއަށް ގޮސްފައިވާކަމަށް ރަޝިޔާއިން ބުނެފިއެވެ.
އެކަމާގުޅިގެން ނޭޓޯއާއި އެމެރިކާއިން ބުނެފައިވަނީ ހަނގުރާމައެއް ނުފެށޭނެކަމުގެ ޔަގީންކަން ހޯދުމަށް އެކަމުގެ ހެކި ބޭނުންވާކަމަށެވެ. ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން ވިދާޅުވީ އެސަރަހައްދުގެ ސަލާމަތީ ކަންކަމާއި ގުޅޭގޮތުން ހުޅަނގާއި ވާހަކަދެއްކުމަށް ތައްޔާރަށް ހުންނެވިކަމަށެވެ.
ރަޝިޔާގެ ސިފައިންގެ ބަޔަކު އެމީހުންގެ ދާއިމީ ބޭސްތަކަށް ގޮސްފައިވާކަމަށް ރަޝިޔާއިން ބުނެފައިވުމަކީ އެސަރަހައްދުގެ މަސްރަހު ބަދަލުވެދާނެ ކަމުގެ ފުރަތަމަ ނިޝާނެވެ. އެސަރަހައްދުގައި ރަޝިޔާގެ 130،000 ސިފައިން އެބަތިއްބެވެ. ރަޝިޔާއިން ބުނަމުން އަންނަނީ އެސަރަހައްދުގައި އަސްކަރީ ތަމްރީނުތަކެއް ކުރިޔަށް ގެންދަނީކަމުގައެވެ. ނަމަވެސް އެހާ ގިނަ އަދަދެއްގެ ސިފައިން ތިބެގެން ކުރާ ކަމެއް ސާފުކޮށްދިނުމަށް ޔޫކްރެއިންއާއި ހުޅަނގުން ވަނީ އެދިފައެވެ.
މަސްރަހު އަދިވެސް ނުތަނަވަސްކޮށް ފެންނަން އޮތްއިރު ޖަރުމަނުގެ ޗާންސެލަރ އޫލާފް ޝޯލްޒް އަންގާރަ ދުވަހު ޕުޓިންއާ ބައްދަލުކުރެއްވުމަށްފަހު ވިދާޅުވީ, ރަޝިޔާގެ ބައެއް ސިފައިން އެސަރަހައްދުން ދިޔުމަކީ ރަނގަޅު ފާލެއްކަމަށެވެ.
އެސަރަހައްދުން ދުރަށް ދިޔަ ސިފައިންގެ އަދަދެއް ރަޝިޔާއިން ހާމަކޮށްފައެއްނުވެއެވެ. އދ.ގައި ހުންނަ އެމެރިކާގެ އެމްބަސެޑަރ ވިދާޅުވީ, އެސަރަހައްދުން ރަޝިޔާގެ ސިފައިން ދިޔަކަމުގެ އެއްވެސް ނިޝާނެއް ނުވަތަ ހެއްކެއް ނެތްކަމަށެވެ.
ޔޫކްރެއިނުންވެސް ބުނެފައިވަނީ އެސަރަހައްދުން ރަޝިޔާގެ ސިފައިން ދިޔަނަމަ, އެކަން ގަބޫލުކުރެވޭވަރަށް ފެންނަންވެސް ވާނެކަމަށެވެ. އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަންވެސް ވިދާޅުވީ, ލިބޭ އިންޓެލް މައުލޫމާތަށް ބަލާއިރު ރަޝިޔާއިން ހަދަނީ ތެދެއްކަމެއް ގަބޫލުކުރެވޭނެ ޖާގައެއް ނުލިބޭކަމަށެވެ.
އަނެއްކޮޅުން ޔޫކްރެއިންގެ ސެންޓަރ ފޮރ ސްޓްރެޓެޖިކް ކޮމިޔުނިކޭޝަންސް އެންޑް އިންފޮރމޭޝަން ސެކިޔުރިޓީން ބުނެފައިވަނީ, ޑިފެންސް މިނިސްޓްރީއާއި ޕްރައިވެޓް ބޭންކެއްގެ ވެބްސައިޓަށް ސައިބަރ އެޓޭކްތަކެއް އަންގާރަ ދުވަހު އައިސްފައިވާކަމަށެވެ.
ނޭޓޯގެ ޗީފް ވަނީ ރަޝިޔާއިން މިކަމަށް ޑިޕްލޮމެޓިކް ހައްލެއް ގެންނަން ބޭނުންނަމަ އެކަމަށް މަރުހަބާކިޔާކަމަށް ވިދާޅުވެފައެވެ. އަދި އެކަމުގެ ނިޝާންތައް ރަޝިޔާގެ ފުށުން ފެންނަކަމަށް ވިދާޅުވިއެވެ.
ޕުޓިން ޖަރުމަނުގެ ޗާންސެލަރާއެކު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ, ސިފައިން ފަހަތަށް ޖެހިފައިވާކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް ދެއްވާފައެއްނުވެއެވެ.
ޔޫކްރެއިންއަށް ހަމަލާދޭނެކަމަށް އެމެރިކާއާއި ހުޅަނގުން ދައްކަމުންދާ ވާހަކަތައް ރަޝިޔާއިން ވަނީ ތަކުރާރުކޮށް ދޮގުކޮށްފައެވެ.