ރަޝިޔާގެ އަސްކަރިއްޔާއާއި މޮސްކޯގެ ޖާސޫސީ ފަރާތްތަކުގެ ހަރަކާތްތައް ފާއިތުވި ހަފުތާތަކުގައި ޔޫކްރެއިންގައި އިތުރުވެފައިވާކަމަށް ހުޅަނގުގެ ސީނިއަރ ތިން ސެކިޔުރިޓީ ފަރާތަކާ ހަވާލާދީ ރޮއިޓަރސްއިން ރިޕޯޓްކޮށްފިއެވެ.
ނޭޓޯގެ މެމްބަރު ގައުމުތަކުން ވަނީ, ރަޝިޔާއިން ޔޫކްރެއިންއަށް އެރުމަށް ބޭނުންވާ ސަބަބު އުފައްދަފާނެތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ސެކިޔުރިޓީ ފަރާތްތަކާއި ހަވާލާދީ ރޮއިޓަރސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި, ފާއިތުވި ހަފުތާތަކުގައި ރަޝިޔާގެ އަމަލުތައް ހުރިގޮތުން ކަންބޮޑުވުން ވަނީ އިތުރުވެފައެވެ. ރަޝިޔާއިން ޔޫކްރެއިންއަށް ހަމަލާދީފާނެކަމަށް ނުވަތަ ޔޫކްރެއިންގެ ތެރެއަށް ވަދެގެންފާނެކަމަށް ބެލެވިފައިވަނީ މައުލޫމާތު ބަދަލުކުރުމުގެ ޒަރީއާއިންނާއި، ސައިބަރ އެޓޭކެއް ދީގެންނެވެ. ޔޫކްރެއިންގެ އިންފްރާސްޓްރަކްޗަރތައް ކަމުގައިވާ ކަރަންޓާއި ގޭހުގެ ނެޓް ވޯރކުތަކަށް ސައިބަރ ހަމަލާއެއް ދީފާނެކަމަށް ބެލެވޭކަމަށް ހުޅަނގުގެ މި ސެކިޔުރިޓީ ފަރާތްތަކުން ވަނީ ބުނެފައެވެ.
މީގެއިތުރުން ރަޝިޔާގެ އަސްކަރިއްޔާގައި މަސައްކަތްކުރާ ފަރާތްތަކުގެ އެހީގައި ޔޫކްރެއިންގެ އެތެރޭގައި ހަމަނުޖެހުން އުފައްދައި، ޔޫކްރެއިންގެ ވަކިވަކި މީހުންނަށް ޓާގެޓްކޮށްގެން އެމީހުން މަރާލުމާއި, ވަކި ކަހަލަ ޚާއްސަ ހަތިޔާރު ބޭނުންކުރުން ފަދަ ކަންކަން ރަޝިޔާއިން ކޮށްފާނެކަމަށްވެސް ވަނީ ބުނެފައެވެ.
އެމެރިކާއިންވެސް އާދިއްތަ ދުވަހު ވަނީ, ރަޝިޔާއިން ޔޫކްރެއިންއަށް އަރައިގަތުމަށް ބޭނުންވާ ސަބަބު ޔޫކްރެއިންގެ ތެރޭގައި ރަޝިޔާއިން އުފައްދަފާނެކަމަށް ބުނެފައެވެ.
ކޮންބައެއްކަން ހާމަނުކުރުމަށްއެދި ރޮއިޓަރސްއާ ވާހަކަދެއްކި ސެކިޔުރިޓީ މިފަރާތްތަކުން ބުނެފައިވަނީ, ރަޝިޔާ ސަރުކާރުގެ އޯޑަރަށް އަސްކަރީ ތަމްރީނު ލިބިފައިވާ ރަޝިޔާގެ ފަރާތްތަކުން ޔޫކްރެއިންގެ ތެރޭގައި މީހުން ވަގަށްނެގުމާއި، ޔޫކްރެއިންއަށް ހަމަލާދިނުމުގެ ކަންކަމުގައި ބައިވެރިވުމަކީ ވަރަށް ގާތްކަމެއްކަމަށެވެ.
ރަޝިޔާގެ އަސްކަރީ ތަމްރީނު ލިބިފައިވާ މިފަރާތްތަކުން ހަރަކާތްތެރިވަނީ ރަޝިޔަން ޕްރައިވެޓް މިލިޓަރީ ކޮމްޕެނީސް (ޕީއެމްސީ)އާ ގުޅިގެން, ފެޑެރަލް ސެކިޔުރިޓީ ސަރވިސް (އެފްއެސްބީ)އާއި ޖީއާރުޔޫ މިލިޓަރީއާއެކުއެވެ.
ފާއިތުވި ހަފުތާތަކުގައި މިގޮތަށް މަސައްކަތްކޮށްފައިވަނީ ކުރީގެ ޖީއާރުޔޫ އޮފިސަރުންކަމަށްވެސް ވަނީ ރިޕޯޓްކޮށްފައެވެ. އެގޮތުން ކުރީގެ އޮފިސަރަކު ވަނީ, 2014 ވަނަ އަހަރުން ފެށިގެން ޕްރޯ ރަޝިޔަންއިން ކޮންޓްރޯލު ކުރަމުން އަންނަ އިރުމަތީ ޔޫކްރެއިންގެ ދެ ސަރަހައްދުންކުރެ އެއް ސަރަަހައްދަށް ގޮސްފައިކަމަށްވެސް ވަނީ ރިޕޯޓްކޮށްފައެވެ.
ނަމަވެސް އެއީ ކޮން އޮފިސަރެއްކަމެއް ހާމަކޮށްފައެއްނުވެއެވެ.
ރަޝިޔާއިން ވަނީ ޔޫކްރެއިން ސަރަހައްދުގައި ރަޝިޔާގެ ހަރަކާތްތައް އިތުރުނުކުރާކަމަށް ބުނެފައެވެ. އަދި ރަޝިޔާގެ އަސްކަރީ އެއްވެސް ހަރަކާތެއް ޔޫކްރެއިންގައި ނެތްކަމަށް ބުނެފައެވެ.
އަސްކަރީ ތަމްރީނު ލިބިފައިވާ ރަޝިޔާގެ ގްރޫޕްތަކުން ވަނީ, ހަނގުރާމައިގެ ހަތިޔާރާއި ތަޖުރިބާ ހުރި މީހުންނާއި އަސްކަރިއްޔާގައި މަސައްކަތްކުރާ ތަމްރީނު ލިބިފައި ތިބި މީހުން އިރުމަތީ ޔޫކްރެއިންއަށް ފޮނުވާފައެވެ.
މީގެތެރެއިން ބައެއް ގްރޫޕްތަކުގެ ހަރަކާތްތައް މިއަހަރު ފެށުނުތަނާހެން ޔޫކްރެއިންގައި އިތުރުކުރަން ފަށާފައިވާކަމަށްވެސް ރޮއިޓަރސްއިން ވަނީ ރިޕޯޓްކޮށްފައެވެ.