ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން އާއި ފްރާންސްގެ ރައީސް މެނުއަލް މެކްރޮން ފޯނުން ގުޅުއްވައިގެން ދެއްކެވި ވާހަކަތަކުގައި ޔޫކްރެއިން އަށް އަރާނެކަމުގެ އެއްވެސް އިޝާރާތެއް ޕުޓިން ދެއްވާފައިނުވާކަމަށް ފްރާންސްގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
ދެ ލީޑަރުން ފޯނުން ގުޅުއްވައިގެން ވާހަކަދައްކަވާފައި މިވަނީ ރަޝިޔާ އާއި ޔޫކްރެއިން ގުޅޭ ބޯޑަރު ސަރަހައްދުގައި ރަޝިޔާގެ އަސްކަރިއްޔާގެ ހަރަކާތްތައް އިތުރުވެ މަޝްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައެވެ. އަނެއްކޮޅުން އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ނޭޝަނަލް ސެކިޔުރިޓީ އެޑްވައިޒަރ ޖޭކް ސުލިވަން ހުކުރު ދުވަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވިދާޅުވީ އެމެރިކާއަށް ލިބެމުންދާ އިންޓެލިޖެންސް މައުލޫމާތުތަކަށް ބަލާލާއިރު ރަޝިޔާ އޮތީ ޔޫކްރެއިންއަށް ކޮންމެ ގަޑިއެއްގައި އެރުމަށްވެސް އަސްކަރީ ގޮތުން ތައްޔާރަށްކަމަށެވެ.
ރަޝިޔާ އާއި ފްރާންސްގެ ރައީސުން ފޯނުން ގުޅުއްވާ ކުރިޔަށްގެންދިޔަ 90 މިނެޓްގެ ފޯނު ކޯލުގައި ރަޝިޔާއިން ޔޫކްރެއިންއަށް އަރާނެކަމުގެ އެއްވެސް އިޝާރާތެއް ދެއްވާފައިނުވިނަމަވެސް ފްރާންސް އޮތީ ކޮންމެ ފަދަ ހާލަތަކަށްވެސް ތައްޔާރަށްކަމަށް އޮފިޝަލް ވަނީ ވިދާޅުވެފައެވެ. އެގޮތުން ރަޝިޔާގެ އަސްކަރިއްޔާއިން އަޅާ ކޮންމެ ފިޔަވަޅެއް ގާތުން ބަލަން އޮތްކަމަށް ފްރާންސްގެ އޮފިޝަލް ވިދާޅުވިއެވެ.
މި ފޯނުކޯލާ ގުޅޭގޮތުން ރަޝިޔާ އިން ބުނީ ފޯނުކޯލުގައި ޕުޓިން ވަނީ އެމެރިކާ އާއި ނޭޓޯގެ ފަރާތުން ރަޝިޔާއިން އިސްވެ ހުށަހެޅި ކަންކަމާއި ގުޅޭގޮތުން އެދެވޭ ޖަވާބެއް ދީފައިނުވާކަން ފާހަގަކުރައްވާފައެވެ. ޕުޓިން އިޝާރާތްކުރައްވަނީ ރަޝިޔާއިން އެދިފައިވާ އެސަރަހައްދުގެ ސަލާމަތީ ކަންކަމާއި ގުޅުންހުރި ހުށަހެޅުންތަކާއެވެ. ވަކިން ޚާއްސަކޮށް ޔޫކްރެއިން ދުވަހަކުވެސް ނޭޓޯއާ ނުގުޅޭނެކަމުގެ ޔަގީންކަމެވެ.
މީގެއިތުރުން ދެބޭފުޅުން ވަނީ ރަޝިޔާއިން ޔޫކްރެއިންއަށް އަރަން އުޅޭކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެންވެސް މަޝްވަރާކުރައްވާފައެވެ.
ފްރާންސުން ވަނީ އެޤައުމުގެ ރައްޔިތުން ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ޔޫކްރެއިންއަށް ނުކުރުމަށް އަންގާފައެވެ. އަދި ޔޫކްރެއިންގައި ހުރި ފްރާންސްގެ އެމްބަސީގައި މަސައްކަތްކުރާ މުވައްޒަފުން ބޭނުންވެއްޖެނަމަ ޔޫކްރެއިން ދޫކޮށްދިޔުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާކަމަށް ވަނީ އަންގާފައެވެ.
އެމެރިކާ އާއި އިނގިރޭސިވިލާތް އަދި އެހެން ޤައުމުތަކުންވެސް ވަނީ ހަނގުރާމައެއް އުފެދިދާނެކަމުގެ ބިރަށް ޔޫކްރެއިންގައި ތިބި އެގައުމުތަކުގެ ރައްޔިތުން ވީއެންމެ އަވަހަކަށް ޔޫކްރެއިން ދޫކޮށް ދިޔުމަށް އެދިފައެވެ.
މެކްރޮން ވަނީ މިދިޔަ ހަފްތާގައި ރަޝިޔާއަށް ދަތުރުފުޅެއްވެސް ކުރައްވާފައެވެ.