ކ. މާލެ
|
13 ފެބްރުއަރީ 2022 | އާދީއްތަ 01:26
ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް
ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް
އަލްޖަޒީރާ
ކޮވިޑް-19 ޕެންޑަމިކް
ކޮވިޑް-19 ޕެންޑަމިކްގެ އެކިއުޓް ފޭސް މިއަހަރުގެ މެދު ތެރޭގައި ނިމޭނެ: ޑަބްލިޔުއެޗްއޯ
އެކަން ވާނީ މިއަހަރުގެ ޖޫން، ޖުލައި ހިސާބުގައި ދުނިޔޭގެ އާބާދީގެ 70 އިންސައްތަ މީހުންނަށް ވެކްސިން ދެވިއްޖަނަމަ
އެފްރިކާ ސަރަހައްދުން ވެކްސިން ޖަހާފައިވަނީ އެންމެ 11 އިންސައްތަ މީހުން

ދުނިޔޭގެ އާބާދީގެ 70 އިންސައްތަ މީހުންނަށް ކޮވިޑް-19 ވެކްސިން މި އަހަރު ތެރޭގައި ދެވިއްޖެނަމަ ޕެންޑަމިކްގެ އެކިއުޓް ފޭސް މިއަހަރު ތެރޭގައި ނިމޭނެކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ން ބުނެފިއެވެ.

ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ދެކުނު އެފްރިކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ވިދާޅުވީ ޕެންޑަމިކްގެ އެކިޔުޓް ފޭސް މިއަހަރުގެ ތެރޭގައި ނިމުމަކަށް ގެނެވިދާނެކަމަށެވެ. ނަމަވެސް އެކަން ވާނީ މިއަހަރުގެ ޖޫން ޖުލައި ހިސާބުގައި ދުނިޔޭގެ އާބާދީގެ 70 އިންސައްތަ މީހުންނަށް ވެކްސިން ދެވިއްޖަނަމަ ކަމަށް ޓެޑްރޯސް ވިދާޅުވިއެވެ.

އެކަންވާނެ ކަމަށް އުންމީދުކުރައްވާކަމަށް ޓެޑްރޯސް ވިދާޅުވިއެވެ. އަދި އެކަންވާން އޮތީވެސް ގައުމުތަކުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށްކަމަށް ޓެޑްރޯސް ވިދާޅުވިއެވެ.

ޓެޑްރޯސް މިމޭރުމުން ވާހަކަދައްކަވާފައިވާއިރު އެފްރިކާ ސަރަހައްދުގެ ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ މަޓާޝިޑިސޯ ވަނީ ދެކުނު އެފްރިކާ ސަރަހައްދު މިހާރު އޮތީ ކޮވިޑް-19 ޕެންޑަމިކުން ނިކުތުމުގެ ފޭސްއަށް ބަދަލުވާ ހިސާބުގައި ކަމަށް ވިދާޅުވެފައެވެ. އެގޮތުން ދިގު މުއްދަތަކަށް ވައިރަސްގެ ކަންކަން މެނޭޖްކުރުމުގެ ކަންކަން ދެކުނު އެފްރިކާއަށް ކުރެވޭ ހިސާބަށް މިހާރު ކަންކަން ބަދަލުވަމުން އަންނަކަމަށް ވިދާޅުވިއެވެ.

އެފްރިކާ ސަރަހައްދުން ވެކްސިން ޖަހާފައިވަނީ އެންމެ 11 އިންސައްތައެވެ. އެއީ މުޅި ދުނިޔޭގައިވެސް އެންމެ މަދުން ކޮވިޑް ވެކްސިން ޖަހާފައިވާ ސަރަަހައްދެވެ. 70 އިންސައްތަ ޓަރގެޓަށް ވާސިލުވުމަށް ދެކުނު އެފްރިކާއިން ވެކްސިން ޖެހުމުގެ ޕްރޮގްރާމް ހަ ގުނަ ހަލުވިކުރަންޖެހެއެވެ.

ވޯރލްޑް ބޭންކުން އަންދާޒާކުރާ ގޮތުގައި ޕެންޑަމިކްގެ ސަބަބުން ދެކުނު އެފްރިކާގެ 40 މިލިއަން މީހުން ވަނީ އިންތިހާ ދަރަޖައިގެ ފަގީރުކަމާ ކުރިމަތިލާން ޖެހިފައެވެ.

ދެކުނު އެފްރިކާގައި މިހާރު އަންނަނީ މޮޑާނާއިން ކޮވިޑަށް އުފައްދާފައިވާ ވެކްސިންގެ ސީކުޔެންސް ބޭނުންކޮށްގެން ވެކްސިން އުފެއްދުމުގެ މަސައްކަތްކުރަމުންނެވެ. މިވެކްސިންގެ ކްލިނިކަލް ޓްރެއަލް މިއަހަރުގެ ނޮވެމްބަރ މަހު ފެށޭއިރު 2024 ވަނަ އަހަރު ވެކްސިން ބޭނުންކުރުމުގެ ހުއްދަ ލިބޭނެކަމަށް ބެލެވެއެވެ.

- ކޮމެންޓް