އިތުރު ވޭރިއަންޓްތައް އަދިވެސް އަންނާނެކަމަށް ބެލެވޭތީ ކޮވިޑް-19 ޕެންޑަމިކް އަދި ނިމޭނެކަމަށް ނިންމެން ނެތްކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ޗީފް ސައިންޓިސްޓް ސޯމިޔާ ސްވާމިންތަން ވިދާޅުވެއްޖެއެވެ.
ދެކުނު އެފްރިކާގައި ހަދަމުން އަންނަ ވެކްސިން އުފައްދާ ފެސިލިޓީއަށް ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އާއެކު ކުރެއްވި ޒިޔާރަތަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ސޯމިޔާ ވިދާޅުވީ ވައިރަސް މިޔުޓޭޓްވެ ބަދަލުވަމުން އަންނަތަން އެންމެންނަށްވެސް ފެންނަކަމަށެވެ. އެހެންކަމުން އިތުރު ވޭރިއަންޓްތައް އަދިވެސް އަންނާނެކަމަށް ބެލެވޭކަމަށާއި ކޮވިޑް-19 ޕެންޑަމިކް ނިމުމަކަށް އަންނަން ނޫޅޭކަމަށް ސޯމިޔާ ވިދާޅުވިއެވެ.
ސޯމިޔާ މިމޭރުމުން ވާހަކަދައްކަވާފައި ވާއިރު ޑަބްލިޔުއެޗްއޯގައި ޓެކްނިކަލް ކަންކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މާރިޔާވެސް ވަނީ މީގެ ދުވަސްކޮޅެއް ކުރިން އޮމިކްރޯން އަކީ ކޮވިޑްގެ އެންމެ ފަހު ވޭރިއަންޓަށް ނުވާނެކަމުގެ އިންޒާރު ދެއްވާފައެވެ. މާރިޔާ ވިދާޅުވީ ކުރިޔަށް އޮތްތަނުގައި އޮމިކްރޯން ވޭރިއަންޓަށްވުރެވެސް ބާރުގަދަ ވޭރިއަންޓެއް އައުމުގެ ފުރުސަތު އެބައޮތްކަމަށެވެ.
އެގޮތުން މިހާރުވެސް ޑަބްލިޔުއެޗްއޯއަށް އޮމިކްރޯން ވޭރިއަންޓްގެ ހަތަރު ވައްތަރެއް ފާހަގަކުރެވިފައިވާކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން ވައިރަސް ހުއްޓުވުމަށް މަސައްކަތްކުރަން ޖެހޭނީ ހަމައެކަނި ވެކްސިން ބޭނުންކޮށްގެން ނޫންކަމަށާއި ދެންވެސް ވައިރަސް ފެތުރުން ހުއްޓުވުމަށް ހުރި ފިޔަވަޅުތައް އަޅަންޖެހޭކަމަށް މާރިޔާ ވިދާޅުވިއެވެ. އޮމިކްރޯންގެ އިތުރު ސަބްވޭރިއަންޓް ތަކެއް ފެނިފައިވާއިރު އެތަނުން އެންމެ ބާރު ގަދަ ސަބްވޭރިއަންޓެއްގެ ގޮތުގައި މިހާތަނަށް ފާހަގަކުރެވިފައިވަނީ ބީއޭޓޫއެވެ. އެ ސަބްވޭރިއަންޓް އޮމިކްރޯންއަށްވުރެވެސް ހަލުވިކޮށް ފެތުރޭކަން މިހާތަނަށް ވަނީ ހޯދިފައެވެ. އަދި ދުނިޔޭގެ އެކި ހިސާބުތަކުން އޮމިކްރޯންގެ މި ސަބްވޭރިއަންޓްގެ ކޭސްތައް އަންނަނީ ގިނަ އަދަދަކަށް ފެންނަމުންނެވެ.