ކ. މާލެ
|
11 ފެބްރުއަރީ 2022 | ހުކުރު 07:07
އެންމެ މަދުން އާމްދަނީ ލިބޭ ގައުމުތަކުގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 10 އިންސައްތަ މީހުން
އެންމެ މަދުން އާމްދަނީ ލިބޭ ގައުމުތަކުގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 10 އިންސައްތަ މީހުން
އަލްޖަޒީރާ
ކޮވިޑް-19 ޕެންޑަމިކް
ކޮވިޑް-19 ޕެންޑަމިކް ނިމުމަކަށް ގެނައުމަށް 23 ބިލިއަން ޑޮލަރުގެ ފަންޑު ބޭނުންވޭ: ޑަބްލިޔުއެޗްއޯ
މުއްސަނދި 55 ގައުމަކުން 23 ބިލިއަން ޑޮލަރުގެ ފަންޑު ދިނުމަށް ޑަބްލިޔުއެޗްއޯއިން ވަނީ އެދިފައި
އެހީތެރިކަން ފޯރުކޮށްދީގެން އައު ވޭރިއަންޓްތައް އައުމުން ސަލާމަތްވެ ސިއްހީ މަސައްކަތްތެރިންނަށާއި ސިއްހީ ނިޒާމަށް ލޯޑު ބޮޑުވުން ކުޑަކޮށްދޭނެ
މުޅި ދުނިޔޭގައި 4.7 ބިލިއަން ކޮވިޑް-19 ޓެސްޓްކޮށްފައިވާއިރު އެންމެ މަދުން އާމްދަނީ ލިބޭ ފަގީރު ގައުމުތަކުގައި ކޮށްފައިވަނީ 22 މިލިއަން ޓެސްޓް

ކޮވިޑް-19 ޕެންޑަމިކް ނިމުމަކަށް ގެނައުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ދުނިޔޭގެ މުއްސަނދި ގައުމުތަކުގެ އެހީތެރިކަމަށް އެދެފިއެވެ.

އެންމެ މަދުން އާމްދަނީ ލިބޭ ގައުމުތަކާއި މެދު މިނުގައި އާމްދަނީ ލިބޭ ގައުމުތަކަށް ކޮވިޑަށް ޓެސްޓްކުރުމާއި ކޮވިޑް-19ށް ފަރުވާކުރުމުގައި އަދި ވެކްސިން ޖެހުމުގެ ކަންކަމުގައި އެހީތެރިކަން ދިނުމަށް ޑަބްލިޔުއެޗްއޯއިން ވަނީ އެދިފައެވެ. އެގޮތުން މުއްސަނދި 55 ގައުމަކުން 23 ބިލިއަން ޑޮލަރުގެ ފަންޑު ދިނުމަށް ޑަބްލިޔުއެޗްއޯއިން ވަނީ އެދިފައެވެ.

މިފަންޑުގެ ފައިސާ ޚަރަދުކުރެވިގެންދާނީ އެކްސެސް ޓު ކޮވިޑް-19 ޓޫލްސް (އޭސީޓީ) ޕްރޮގްރާމް ހަލުވިކުރުމަށާއި ހަމަހަމަކަމާއެކު ހުރިހާ އެންމެންނަށްވެސް ކޮވިޑަށް ޓެސްޓްކުރެވޭނެ ނިޒާމަކާއި، ބައްޔަށް ފަރުވާ ދެވޭނެ ގޮތްތަކާއި ވެކްސިން ފޯރުކޮށްދެވޭނެ ގޮތްތަކަށެވެ.

އެކަމާއި ގުޅިގެން ޑަބްލިޔުއެޗްއޯއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެކަންކަމަށް އެހީތެރިކަން ފޯރުކޮށްދީގެން އައު ވޭރިއަންޓްތައް އައުމުން ސަލާމަތްވެ ސިއްހީ މަސައްކަތްތެރިންނަށާއި ސިއްހީ ނިޒާމަށް ލޯޑު ބޮޑުވުން ކުޑަކޮށްދީ ގިނަބައެއްގެ ފުރާނަ ސަލާމަތްކުރެވޭނެކަމަށެވެ.

ޑަބްލިޔުއެޗްއޯއިން ބުނީ އެންމެ މަދުން އާމްދަނީ ލިބޭ ގައުމުތަކުގައި ވެކްސިންގެ އެއް ޑޯޒް ލިބިފައިވަނީ އެންމެ 10 އިންސައްތަ މީހުންނަށްކަމަށެވެ. މުއްސަނދި ގައުމުތަކުގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންގެ އިންސައްތަ އަކީ 68 އެވެ.

މުޅި ދުނިޔޭގައި 4.7 ބިލިއަން ކޮވިޑް-19 ޓެސްޓްކޮށްފައިވާއިރު އެންމެ މަދުން އާމްދަނީ ލިބޭ ފަގީރު ގައުމުތަކުގައި ކުރެވިފައިވަނީ 22 މިލިއަން ޓެސްޓްކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ. އެއީ 0.4 އިންސައްތައެވެ.

ފަގީރުންނާއި މުއްސަނދިގެން ދެމެދުގައި ހުރި މިބޮޑު ފަރަގުގެ ސަބަބުން ހަމައެކަނި މީހުންގެ ފުރާނަ ގެއްލިގެންދަނީ ނޫންކަމަށާއި އެކަމުގެ ސަބަބުން އިގްތިޞާދުތަކަށް ގެއްލުންވެ ނުރައްކާތެރި ވޭރިއަންޓްތައް އުފެދުމުގެ ފުރުސަތު ފަހިވެ މިހާރު ހާސިލުކުރެވިފައިވާ މިންވަރުވެސް ނެތިގެންދާނީ ކަމަށް ޑަބްލިޔުއެޗްއޯގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މިހާރު ޑަބްލިޔުއެޗްއޯއިން ބޭނުންވާ ފަންޑު ލިބިއްޖެނަމަ 2022 ވަނަ އަހަރުގެ މެދުތެރޭގައި މުޅި ދުނިޔޭގެ އާބާދީގެ 70 އިންސައްތަ މީހުންނަށް ވެކްސިން ދެވޭނެއެވެ.

އަދި އެންމެ މަދުން އާމްދަނީ ލިބޭ ގައުމުތަކުގައި ޓެސްޓްކުރުމާއި، ބައްޔަށް ފަރުވާ ކުރުމާއި އޮކްސިޖަން ލިބުމާއި ޕީޕީއީ ލިބުމަށްވެސް މަގުފަހިވެގެންދާނެއެވެ.

އޮމިކްރޯން ވޭރިއަންޓާއެކު މިކަންކަމަކީ ވީ އެންމެ އަވަހަށް ފަގީރު ގައުމުތަކަށް ފޯރުކޮށްދޭން ޖެހިފައިވާ ކަންކަންކަމަށް ޑަބްލިޔުއެޗްއޯގެ ބަޔާނުގައި ވަނީ ބުނެފައެވެ.

- ކޮމެންޓް