ޔުނައިޓެޑް ކިންގްޑަމް (ޔޫކޭ)ގައި ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އުވާލުމަށް ހަމަޖެހިފައިވާ ތާރީޚުގެ މަހެއް ކުރިން ފިޔަވަޅުތައް އުވާލެވޭނެކަމަށް ބެލެވޭކަމަށް އެގައުމުގެ ޕްރައިމް މިނިސްޓަރ ބޮރިސް ޖޯންސަން ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު ޔޫކޭގެ މަޖިލީހަށް ހާޒިރުވެވަޑައިގެން, މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަން ފެއްޓެވުމުގެ ކުރިން ބޮރިސް ވަނީ, 10 ފެބްރުއަރީން 21 ފެބްރުއަރީއަށް ކުރިއަށްދާ ހާފް-ޓަރމް ރިސެސްއަށްފަހު މަސައްކަތަށް ނިކުންނަ ފުރަތަމަ ދުވަހުން ފެށިގެން, މިހާރު އަޅާފައިވާ ފިޔަވަޅުތައް އުވާލަން ބޭނުންފުޅުވާކަމަށް ވިދާޅުވެފައެވެ. އަދި ކޮވިޑާއެކު ދިރިއުޅުއްވަން ފަށަން ބޭނުންފުޅުވާކަން ބޮރިސް ވަނީ ފާހަގަކުރައްވާފައެވެ.
މިހާރު އެގައުމުގައި އަޅާފައިވާ ފިޔަވަޅުތަކަކީ 24 މާރޗުގެ ނިޔަލަށް އަޅާފައިވާ ފިޔަވަޅުތަކެކެވެ. ބޮރިސް ވިދާޅުވީ މިހާރުގެ ޓްރެންޑަށް ބަލާއިރު، ކޮވިޑަށް ޕޮޒިޓިވްވުމުން އެކަހެރިވުމަށް އަންގާފައިވާ އެންގުންވެސް, އެއް މަސް ކުރިން އުވާލެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.
ބޮރިސް މިފަދައިން ވިދާޅުވި ފަހުން ޕްރައިމް މިނިސްޓަރުގެ އޮފީހުން ވަނީ, ފިޔަވަޅުތައް އުވާލި ނަމަވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހެއްނަމަ މަސައްކަތަށް ނިކުތުމަށް ބާރު ނާޅާނެ ކަމަށް ބުނެފައެވެ. އަދި ރޯގާފަދަ އެއްވެސް ބައްޔެއް ހުރިނަމަ މަސައްކަތަށް ނުކުތުމަށް އެއްވެސް ވަރަކަށް ބާރުނާޅާނެ ކަމަށް ބުނެފައިވެއެވެ. ޕްރައިމް މިނިސްޓަރުގެ އޮފީހުން ބުނީ, ހަމައެކަނި ކުރަން ނިންމާފައިވާ ކަމަކީ މިހާރު އަޅާފައިވާ ފިޔަވަޅުތަކާއި، އައިސޮލޭޓްވުމާ ގުޅުންހުރި އުސޫލުތައް އުވާލުންކަމަށެވެ.
ޔޫކޭގައި އަޅާފައިވާ ފިޔަވަޅުތައް އުވާލުމުގެ ވިސްނުމެއް ގެންގުޅުއްވާކަން ޕްރައިމް މިނިސްޓަރ އިއުލާނުކުރައްވާފައިވަނީ އެގައުމުން ފެންނަ ކޮވިޑް ކޭހުގެ އަދަދު ވަރަށް ބޮޑަށް ދަށްވެފައިވާ ދަނޑިވަޅެއްގައެވެ. އެގައުމުން އެންމެ ފަހުން ފެނިފައިވަނީ 66،183 ކޭހެވެ. ފާއިތުވި ހަފްތާގެ ތެރޭގައި އެގައުމުން 509،454 މީހުން ކޮވިޑަށް ޕޮޒިޓިވްފެފައިވެއެވެ. އެހެންކަމުން މިއީ ފާއިތުވި ހަފްތާއާ އަޅައިބަލާއިރު 128،787 ކޭހުގެ ދަށްވުމެކެވެ.