ކ. މާލެ
|
15 ޖެނުއަރީ 2022 | ހޮނިހިރު 05:26
ދެކުނު އެފްރިކާގައި މީހަކު ޓެކްސީގައި
ދެކުނު އެފްރިކާގައި މީހަކު ޓެކްސީގައި
ރޮއިޓަރސް
އޮމިކްރޯން ވޭރިއަންޓްގެ ހާލަތު
ވެކްސިން ނުޖަހާ މީހުންނަށްވެސް އޮމިކްރޯނުން ކުރާ އަސަރު ކުޑަ: ދިރާސާ
ކޮވިޑްގެ އެހެން ވޭރިއަންޓްތަކާ އަޅާބަލާއިރު އޮމިކްރޯން ވޭރިއަންޓް ޖެހިގެން ބޮޑުވަރުވާ ހިސާބަށް ދިޔުން ވެކްސިން ނުޖަހާ މީހުންގެ މެދުގައިވެސް ދަށް
އޮމިކްރޯންގައި ހުރި ސިފަތަކުގެ ސަބަބުން ވައިރަހުން ހަށިގަނޑަށް ކުރާ އަސަރު ހަތަރު ބައިކުޅަ އެއްބައި ކުޑަކޮށްދޭ

އޮމިކްރޯން ވޭރިއަންޓް ޖެހޭ ވެކްސިން ނުޖަހާ މީހުންނަށްވެސް ވައިރަސްގެ ސަބަބުން ވާ ގެއްލުން ކޮވިޑްގެ އެހެން ވޭރިއަންޓްތަކާއި އަޅާބަލާއިރު ކުޑަކަމަށް ދެކުނު އެފްރިކާގައި ކުރިޔަށް ގެންދިޔަ ދިރާސާއަކުން ހާމަވެއްޖެއެވެ.

ދެކުނު އެފްރިކާއިން ކުރިޔަށް ގެންދިޔަ މި ދިރާސާގެ ނަތީޖާ ހުކުރު ދުވަހު ވަނީ ހާމަކޮށްފައެވެ. މި ދިރާސާ ކުރިޔަށް ގެންގޮސްފައިވަނީ ކޭޕް ސަރަހައްދުން ފެނިފައިވާ ކޮވިޑްގެ ކޭސްތައް އަޅާކިޔައިގެންނެވެ. ނޭޝަނަލް އިންސްޓިޓިއުޓް އޮފް ކޮމިޔުނިކެބްލް ޑިޒީސްއިން ކުރިޔަށް ގެންދިޔަ މި ދިރާސާގައި ކުރީގެ ތިން ރާޅުގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 11،600 މީހުންނާއި އޮމިކްރޯން ވޭރިއަންޓާއެކު ކުރިމަތިވެފައިވާ ރާޅުގައި ކޮވިޑަށް ޕޮޒިޓިވްވި 5100 މީހުންގެ ޑޭޓާތައް ބޭނުންކޮށްފައިވެއެވެ.

ދިރާސާގެ ނަތީޖާއިން ހާމަވެފައިވަނީ ކޮވިޑްގެ އެހެން ވޭރިއަންޓްތަކާ އަޅާބަލާއިރު އޮމިކްރޯން ވޭރިއަންޓް ޖެހިގެން ބޮޑުވަރުވާ ހިސާބަށް ދިޔުމާއި ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރާ މިންވަރާއި މަރުވުމާއި ހިސާބަށް ދިޔުން ކޮވިޑް-19 ވެކްސިން ނުޖަހާ މީހުންނަށްވެސް ދަށް ކަމުގައެވެ. ކުރީގެ ދިރާސާތަކުން ވަނީ އޮމިކްރޯން ވޭރިއަންޓް ޖެހިގެން ބޮޑުވަރުވެ ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރުމާއި މަރުވުމާ ހަމައަށް ދިޔުން ކުޑަކަން ހާމަވެފައެވެ.

މުޅި ދުނިޔެއަށް ބަލާލާއިރުވެސް ކޮވިޑްގެ އެހެން ވޭރިއަންޓްތަކާއި އަޅާކިރާފައި އޮމިކްރޯން ވޭރިއަންޓް ޖެހިގެން މީހުންގެ ހާލަތު ގޯސްވާ ހިސާބަށް ދިޔުމާއި ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރާ މިންވަރާއި މަރުވާ މިންވަރު މަދެވެ.

ސައިންސްވެރިން އަންނަނީ އޮމިކްރޯން ވޭރިއަންޓްގެ އަސަރުކުރާ މިންވަރު ބިނާވަނީ ވެކްސިންގެ ސަބަބުން ނުވަތަ ކުރިން ވައިރަސްޖެހިގެން އިމިޔުނިޓީ ލިބިފައިވާ މިންވަރަކުންތޯ ނުވަތަ އޮމިކްރޯންގައި ހުރި ސިފަތަކަކުން އެވޭރިއަންޓުން ހަށިގަނޑަށް ކުރާ އަސަރު ކުޑަވަނީތޯ ބެލުމުގެ ދިރާސާތައް ކުރަމުންނެވެ.

މިހާތަނަށް ހެދިފައިވާ ދިރާސާތަކުން އެނގިފައިވަނީ އޮމިކްރޯންގައި ހުރި ސިފަތަކުގެ ސަބަބުން ވައިރަހުން ހަށިގަނޑަށް ކުރާ އަސަރު ހަތަރު ބައިކުޅަ އެއްބައި ކުޑަކޮށްދޭކަމުގައެވެ.

ދިރާސާއިން ހާމަވެފައިވާ ގޮތުގައި އޮމިކްރޯން ވޭރިއަންޓާއެކު ގައުމުތަކުގައި ނަގާފައިވާ ރާޅުތަކުގެ އަސަރު ކުޑަވެފައިވަނީ ކުރީގައި ލިބިފައިވާ އިމިޔުނިޓީގެ އިތުރުން ވައިރަހުގައި ހުރި ސިފަތަކުގެ ސަބަބުންވެސްމެއެވެ. އެގޮތުން ޑެލްޓާ ވޭރިއަންޓާ އަޅާބަލާއިރު އޮމިކްރޯން ވޭރިއަންޓުން ބޮޑުވަރުވުމާއި ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރާ މިންވަރާއި މަރުވާ މިންވަރު 25 އިންސައްތަ ކުޑަކަން ވަނީ ހޯދިފައެވެ.

- ކޮމެންޓް