ޒަމާނުއްސުރެ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ރާއްޖޭގެ ސިއްހީ ނިޒާމު އެކަށީގެންވާ މިންވަރަކަށް ތަރައްގީ ކުރެވިފައި ނެތުމެވެ. މީގެ ސަބަބުން ރާއްޖެއިން ނުހޯދޭ ފަރުވާތައް ހޯދުމަށް ރާއްޖޭގެ ރައްޔިތުން ބޭރު ގައުމުތަކަށް ދަތުރުކުރަން ޖެހެއެވެ. ނުވިތާކަށް ރާއްޖޭގައި ލިބެންހުރި ޚިދުމަތްތައް ހޯދުމަށް މަސް ދެމަސް ދުވަހު ކިއުގައި މަޑުކުރަންޖެހެއެވެ. މިގޮތަށް ކިއުގައި މަޑުކޮށްގެން، ބޮޑެތި ބަލިތަކަށް ފަރުވާ ކުރާ މީހުންނަށް އެޕޮއިންޓްމެންޓް ހަމަޖެހޭއިރު، އެމީހުން މަރުވެފައި ނުވަތަ ހާލު ދެރަވެފައިވުން ފަދަ ހާލަތްތައްވެސް މި ރާއްޖޭގައި ހިނގާފައި އެބަހުއްޓެވެ. ހަމައެހެންމެ އަތޮޅުތެރޭގެ އެކި ރަށްތަކުގައި ދިރިއުޅެމުންދާ ފަރާތްތައްވެސް ފަރުވާ ހޯދުމަށް އަންނަންޖެހެނީ ހަމަ މާލެއަށެވެ. އަތޮޅުތެރޭގައި ސިއްހީ ނިޒާމު ވަކިން ބަލިކަށިވީމައެވެ.
މިފަދަ މައްސަލަތައް ހައްލުކުރުމަށްޓަކައި ކުރީގެ ސަރުކާރުން ވަނީ އައިޖީއެމްއެޗާ އިންވެގެން ހުންނަ ބިމުގައި ފިސާރި ބޮޑު އިމާރާތެއް އަޅާފައެވެ. މިހާތަނަށް ރާއްޖޭ ނުދެކޭ ފަދަ އުސް އިމާރާތެކެވެ. ދަރުމަވަންތަ ހޮސްޕިޓަލާއެކު ރާއްޖޭގައި ސިއްހީ ގޮތުން ލިބޭ ޚިދުމަތްތައް އިތުރުވެ ކިއުގައި މަޑުކުރަންޖެހޭ މުއްދަތު މަދުވެގެންދާނެކަމުގެ ހުވަފެން ގިނަ ދިވެހިން ދުއްޓެވެ. ނަމަވެސް މި ބިޔަ އިމާރާތާއެކުވެސް ކިއު ކުޑަވާގޮތެއް ނުވިއެވެ. ކިއުގައި މަޑުކުރަންޖެހޭ ދުވަސް ވީ ގިނައެވެ. ދިވެހީންގެ ބޭނުންތައް ނުފުދި އަނެއްކާވެސް ރުޅިގަދަވީއެވެ. ލޭގެ ޕްރެޝަރު މައްޗަށްގޮސް އަނެއްކާ އިތުރު ބައްޔަކަށް ފަރުވާކުރަން ޖެހުނީއެވެ.
ހަގީގަތް ވަރަށް ސާފެވެ. ދިގު މުއްދަތަކަށް ކިއުގައި މަޑުކުރަން ޖެހުމާއި، އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުން، ހުޅެއްގައި ރިއްސާލިއަސް މާލެ އަންނަންޖެހޭ މައްސަލައަށް ހައްލެއް އެބައޮތެވެ. މި މައްސަލަ ހައްލުވެގެން ދާއިރު ރާއްޖޭގައި އިތުރު ބަލިތަކަށް ފަރުވާ ހޯދޭނެ ނިޒާމުތައްވެސް ގާއިމުކުރުމަށް މަގުފަހިވެގެންދާނެއެވެ. އަދުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރުވެސް އަންނަނީ އެކަމަށްޓަކައި ކެނޑިނޭޅި މަސައްކަތް ކުރައްވަމުންނެވެ. ރާއްޖޭގެ އަތޮޅުތަކުގައި ސިއްހީ ނިޒާމު ވަރުގަދަކޮށް ހަރުދަނާކުރުމުގެ ގޮތުން މިސަރުކާރުން އަންނަނީ ފަސް ސަރަހައްދެއްގައި ޓަރޝަރީ ހޮސްޕިޓަލުތަކެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މި މައްސަލަތަކަށް އޮތް ހައްލަކީވެސް މިއީއެވެ. އަތޮޅުތައް ތަރައްގީ ކުރުމެވެ. ރާއްޖޭގައި އިގުތިސާދީ އަދި އުމްރާނީ ގޮތުން ކުރިއަރަމުން އަންނަ ސަރަހައްދުތަކުގައި ރަނގަޅު ފެންވަރުގެ ސިއްހީ ނިޒާމުތައް ގާއިމުކުރުމެވެ. ކުރު ގޮތަކަށް ދަންނަވާނަމަ މާލެ ނައިސް އަތޮޅުތަކުން ސިއްހީ ކަންކަން ފަރުޖެއްސުމެވެ.
ދާދި ފަހުން ށ. ކޮމަންޑޫއަށް ރައީސް ކުރެއްވި ދަތުރުފުޅެއްގައިވެސް ވަނީ މިކަމަށް އަލިއަޅުއްވާލައްވާފައެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ފަސް ސަރަހައްދުގައި ތަރައްގީކުރާ ޓަރޝަރީ ހޮސްޕިޓަލުތަކުގެ ބަދަލުގައި އައިޖީއެމްއެޗާ އިންވެގެން މި ސަރުކާރުން ވެސް ޓަވަރެއް އެޅިދާނެ ކަމަށެވެ. ނަމަވެސް އެކަމުގެ ސަބަބުން އައިޖީއެމްއެޗްގެ ކިއު ދިގުވެ ރައްޔިތުންނަށް ވާނީ ބުރަކަމަށެވެ.
ރައީސްގެ މި ވާހަކަފުޅުތަކުން ދޭހަވާ ވަރަށް މުހިންމުކަމެއް އެބައޮތެވެ. ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރެވޭނީ އަތޮޅުތަކުގައި ރަނގަޅު ސިއްހީ ފަރުވާދޭ ނިޒާމުތަކެއް ގާއިމުކުރެވިގެންކަމެވެ. ރައީސްގެ އަމަލުފުޅުތަކުންވެސް ހާމަވަނީ މިކަމެވެ. ލާމަރުކަޒީ ނިޒާމުގެ ތެރެއިން އަތޮޅުތައް ތަރައްގީ ކުރުމަށް ކުރައްވާ މަސައްކަތްތަކެވެ. މިއީ މިފަދަ މައްސަލަތަކަށް އޮތް އެންމެ ރަނގަޅު ހައްލުކަން އިލްމީ ވިސްނުމަކުން ވިސްނާލައިފި ކޮންމެ ފަރާތަކަށްވެސް ޔަގީންކުރެވިގެންދާނެއެވެ.
އަތޮޅުތަކުގައި ގާއިމުކުރާ ހޮސްޕިޓަލުތައް ނިމި އެތަންތަނުން ޚިދުމަތްތައް ލިބެން ފެށުމުން ވާނެގޮތަށް ވިސްނާލަމާތޯއެވެ! އޭރުން އަތޮޅުތަކުގައި ފަސޭހަކަމާއެކު ގިނަ ސިއްހީ ޚިދުމަތްތަކެއް ލިބިގެންދާނެއެވެ. ހުޅެއްގައި ރިއްސާލިއަސް ޑޮކްޓަރަށް ދައްކަން މާލެ ދަތުރުކުމަށް އަތޮޅުތަކުގެ ރައްޔިތުން ކުރަންޖެހޭ ޚަރަދުތައް ދެން ކުރާކަށް ނުޖެހޭނެއެވެ. އަދި މާލެ ފައިބާ މަޑުކުރާ ދުވަސްތަކުގައި ދައްކަންޖެހޭ ކުލިވެސް ދައްކާކަށް ނުޖެހޭނެއެވެ. މި ހުރިހާ ޚަރަދުތަކާއެކު އުފުލަންޖެހޭ ތަކްލީފުތަކަށްވެސް މި ހޮސްޕިޓަލްތަކުގެ ސަބަބުން ލުއި ލިބުނީއެވެ. ވަގުތުވެސް ސަލާމަތްވީއެވެ.
ދެން އޮތީ އެންމެ ބޮޑު މައްސަލައެވެ. ކިއުގައި އެތައް ދުވަހަކު މަޑުކުރަންޖެހޭ މައްސަލައެވެ. އަތޮޅުތަކުގައި ސިއްހީ ނިޒާމު ވަރުގަދަވުމުން ގިނަ ބަޔަކަށް އެޚިދުމަތްތައް އަމިއްލަ ވަޒަނުން ލިބޭނެއެވެ. އެހެންކަމަށް ވެއްޖެނަމަ މާލޭގެ ހޮސްޕިޓަލުތަކުން ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމެންޓް ހައްދާ މީހުން މަދުވާނެއެވެ. ކިއުގައި މަޑުކުރަންޖެހޭ މުއްދަތުވެސް ކުރުވާނެއެވެ.
މިއާއެކު ރާއްޖޭގައި މިހާރު ލިބެން ނެތް ސިއްހީ ޚިދުމަތްތައް ގާއިމުކުރުމަށް ދައުލަތަށް ފަސޭހަވެގެންދާނެއެވެ. އައު ޚިދުމަތްތައް ގާއިމުކުރެވުމާއެކު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދަތުރުކުރަންޖެހޭ މިންވަރުވެސް މަދުވީއެވެ. މިހާ ހިސާބުން ދެން އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުން މާލެ ދަތުރުކުރަން ޖެހޭނީ ވަރަށް ބޮޑެތި ބަލިތަކަށް ފަރުވާކުރަން އެކަންޏެވެ. މިހާރު ރައްޔިތުން ބޭރު ގައުމުތަކަށް ދަތުރުކުރާފަދަ ބޮޑެތި ފަރުވާތަށް ހޯދުމަށެވެ.