Advertisement
ކ. މާލެ
|
7 އޯގަސްޓް 2025 | ބުރާސްފަތި 13:37
ފީއަލީ ޞިއްޙީ މަރުކަޒުގެ ގޮތުގައި މިހާރު ބޭނުން ކުރަމުން އަންނަ އިމާރާތް
ފީއަލީ ޞިއްޙީ މަރުކަޒުގެ ގޮތުގައި މިހާރު ބޭނުން ކުރަމުން އަންނަ އިމާރާތް
ރާއްޖެ އެމްވީ
ފ.ފީއަލި
ފީއަލީގައި އެމްބިއުލާންސް ހަލާކުވެ ޚިދުމަތް ހުއްޓިފައި އޮންނަތާ ތިން މަހަށް ވުރެ ގިނަ ދުވަސް
އޭޕްރީލް މަހުގެ ތެރޭގައި އެމްބިއުލާންސް އަށް ދިމާވި މައްސަލައެއްގެ ސަބަބުން، އެމްބިއުލާންސް ބޭނުން ނުކުރެވި އެ ޚިދުމަތް ވަނީ ހުއްޓިފައި
ހަލާކުވިތާ އެއް މަސް ދުވަހަށް ވުރެ ގިނަ ދުވަސްވީ ފަހުން، ޖޫން މަހުގެ ތެރޭގައި ވަނީ މަރާމާތަށް އެމްބިއުލާާންސް މާލެ ގެނެސްފައި
މިއަދާ ހަމައަށް ވެސް އެމްބިިއުލާންްސްގެ މަރާމާތުގެ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާއިރު، ބަލި މީހުން އުފުލުމުގައި ވަނީ ބޮޑެތި ދަތިތަކެއް ދިމާވެފައި

ފ.ފީއަލީ ޞިއްޙީ މަރުކަޒު ގައި ބޭނުން ކުރަމުން އައި އެމްބިއުލާންސް ހަލާކުވެ، އެ ރަށު ގައި އެމްބިއުލާންސްގެ ޚިދުމަތް ހުއްޓިފައި އޮންނަތާ ތިން މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

ފީއަލީ ގައި އެންމެ ފަހުން ބޭނުން ކުރަމުން އައީ، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އެ ރަށަށް ދީފައިވާ ޕެރަމެޑިކް އެމްބިއުލާންސް އެވެ. ވެރިކަން ބަދަލުވީ އިރު ވެސް، އެ ރަށު ގައި އެ އެމްބިއުލާންސްގެ ޚިދުމަތް އައީ ދެމުންނެވެ.

ޕެރަމެޑިކް އެމްބިއުލާންސް ފީއައްޔަށް ގެނައިރު ވެސް، އިތުރު ކުޑަ ދެ އެމްބިއުލާސް އެ ރަށުގައި ދިޔައީ ބޭނުން ކުރަމުންނެވެ. ނަމަވެސް ޕެރަމެޑިކް އެމްބިއުލާސް ލިބުމާ އެކު، ކުރިން ބޭނުން ކުރި ދެ އެމްބިއުލާންސް ބޭނުން ކޮށްފައި ވަނީ މަރުކަޒުގެ އަމިއްލަ ބޭނުން ތަކަށެވެ.

ވެރިކަން ބަދަލުވީއިރު ތިން އެމްބިއުލާންސް ވެސް ބަރާބަރަށް ބޭނުން ކުރަމުން އައި ކަމަށް އެ ރަށުގެ ޞިއްޙީ މަރުކަޒުގެ ބައެއް މުވައްޒަފުން އަދި ބައެއް ރައްޔިތުން ވެސް ވަނީ ބުނެފަ އެވެ. ނަމަވެސް، މިހާރު ތިން އެމްބިިއުލާންސް ވެސް ހަލާކުވެފައިވާ ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް، މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ޕެރަމެޑިކް އެމްބިއުލާންސް އަށް ދިމާވި މައްސަލައެއްގެ ސަބަބުން، އެމްބިއުލާންސް ބޭނުން ނުކުރެވި އެ ޚިދުމަތް ވަނީ ހުއްޓިފަ އެވެ. އެމްބިއުލާންސް ހަލާކުވުމުގެ ސަބަބުން، އެ ރަށުގައި ބަލި މީހުން އުފުލުމުގައި ވަނީ ގިނަ ގޮން ޖެހުންތަކެއް ކުރިމަތިވެފަ އެވެ.

އެގޮތުން މިހާތަނަށް އެ ރަށުގައި ބަލި މީހުން އުފުލަމުން އަންނަނީ ޕިކަޕުގައްޔާއި، ކާރުގައި އަދި އަތް ދަނޑި މަތީގަ އެވެ. އެމްބިއުލާންސް ހަލާކުވި ފުރަތަަމަ ދުވަސް ކޮޅު ޙާލު ބޮޑު ބަލި މީހުން ވެސް އުފުލާފައި ވަނީ ސްޓްރެޗާގަ އެވެ.

އެމްބިއުލާންސް ހަލާކުވެފައި އޮންނަތާ އެއް މަސް ދުވަހަށް ވުރެ ގިނަ ދުވަސްވީ ފަހުން، މިއަހަރުގެ މެއި މަހުގެ ތެރޭގައި ވަނީ މަރާމާތަށް އެމްބިއުލާާންސް މާލެ ގެނެސްފަ އެވެ. ނަމަވެސް، މިއަދާ ހަމައަށް ވެސް އެމްބިިއުލާންްސްގެ މަރާމާތުގެ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާއިރު، އަދި ވެސް އެ ރަށުގައި ބަލި މީހުން އުފުލުމުގައި ދަނީ އިންތިހާ އަށް ދަތިތަކެއް ކުރިމަތިވެފަ އެވެ.

ފީއަލީގެ އެމްބިއުލާންސް މާލެ ގެނެސްފައި ވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. ހެލްތު މިނިސްޓްރީ އިން އަންގައިގެން އެމްބިއުލާންސް މާލެ ގެނައީ، އެ ރަށުން ކުއްޔަށް ދަތުރު ކުރާ ދޯންޏެއްގަ އެވެ. އެގޮތުން އެމްބިއުލާންސް މާލެ ގެނައުމަށް އެ ދޯނިން ދަތުރު ކޮށްދީފައި ވަނީ، 34,500 (ތިރީސް ހަތަރު ހާސް ފަސް ސަތޭކަ) ރުފިޔާ އަށެވެ.

ނަމަވެސް، ދަތުރު ކޮށްދިން ފަރާތަށް ފީއަލީ ޞިއްޙީ މަރުކަޒުގެ ބަޖެޓުން ފައިސާ ދިނުމުގެ ހުއްދަ އަށް ހެލްތު މިނިސްޓްރީ ގައި އެދިފައި ވީ ނަމަވެސް، މިއަދާ ހަމައަށް އެ ފައިސާ ޚަރަދު ކުރުމުގެ ހުއްދަ ހެލްތު މިނިސްޓްރީ އިން ދީފައި ނުވާ ކަމުގެ މައުލޫމާތު ލިބިފައިވެ އެވެ. އެހެންވެ، ދަތުރު ކުރި ފަރާތަށް އަދި ވެސް ފައިސާ ދެވިފައި ނުވެ އެވެ.

މީގެ އިތުރުން އެމްބިއުލާންސް މާލެ ގެނައުމަށް ފަހު މަރާމާތު ކުރުމަށް ވެސް، އެ ރަށުގެ ޞިއްޙީ މަރުކަޒުން ވަނީ ކޯޓޭޝަނެއް ނަގައިފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ގާތް ގަނޑަކަށް 75،000 (ހަތް ދިހަ ފަސް ހާސް) ރުފިޔާގެ އެ ކޯޓޭޝަން މިނިސްޓްރީ އަށް ހުށަހަޅާފައި ވީ ނަމަވެސް، އެ ފައިސާ ޚަރަދު ކުރުމުގެ ހުއްދަ ދީފައި ނުވާތީ، އެމްބިއުލާންސް މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭ ގޮތް ވަނީ ނުވެފަ އެވެ.

ފީއަލީ އިން "ރާއްޖެ އެމްވީ"އާ ވާހަކަ ދެއްކި ބައެއް މީހުން ބުނެފައިވާ ގޮތުގައި އެމްބިއުލާންސް ހަލާކުވުމުގެ ކުރިން، އެ ރަށުގެ ޞިއްޙީ މަރުކަޒު ގައި ހުންނަ ސިޔާސީ ވެރި މީހާގެ އަމިއްލަ ބޭނުންތަކަށް ވެސް އެމްބިއުލާންސް ދުއްވާކަން ފާހަގަވެފައިވެ އެވެ. އެގޮތުން ހަވީރު ގަޑީ ފިނި ބުރު ޖެހުމަށް ވެސް އެމްބިއުލާންސް ދުއްވާ ކަަމަށް އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނެފައި އެވެ.

އެކަމާ ގުޅޭ ގޮތުން ފީއަލީ ޞިއްޙީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓަރ ހެލްތު ސާވިސް މުޙައްމަދު ޝިފާއުއާ ސުވާލު ކުރުމުން ވިދާޅުވީ، އެ ބޭފުޅާގެ އަމިއްލަ ބޭނުމެއް ގައި އެމްބިއުލާންސް ދުއްވާފައި ނުވާނެ ކަމަށާއި، އެމްބިއުލާންސް އަކީ އެ ބޭފުޅާގެ އާއިލާ ގޮވައިގެން ބުރު ޖަހަން އޮންނަ އެއްޗެއް ނޫން ކަމަަށެވެ.

މިދިޔަ މެއި މަހުގެ ތެރޭގައި އެމްބިއުލާންސް މާލެ ގެނެސްފައި ވީ ނަމަވެސް، ޝިފާއު ވިދާޅުވީ އެމްބިއުލާންސް މާލެ ގެެނެސްފައި ވަނީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ކަމަށެވެ. އެމްބިއުލާންސް ހަލާކުވިތާ އެއް މަސް ދުވަސް ފަހުން، މަރާމާތަށް މާލެ ގެނެސްފައި ވަނީ މިއަހަރުގެ މެއި މަހުގެ 24 ވަނަ ދުވަހު އެވެ.

ފީއަލީގެ އެމްބިއުލާންސް ހަލާކުވެ އެ ރަށު ރައްޔިތުން މިވަގުތު އެތައް ތަކުލީފެއް އުފުލަމުންދާއިރު، މި ފަދަ ކަންކަން ޙައްލު ކުރުމަށް ސަރުކާރުގެ ކަމާ ގުޅުން ހުރި ފަރާތްތަކުގެ އިތުރުން، ބިލެތްދޫ ދާއިރާގެ މެމްބަރު އަޙުމަދު އަސްލަމް އަދި ފީއަލީގައި ތިއްބެވި ސިޔާސީ ބޭފުޅުން ވެސް އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް އެ ރަށުގެ ރައްޔިތުން ފާހަގަ ކޮށްފައިވެ އެވެ.

- ކޮމެންޓް