ރާއްޖޭގައި މަސައްކަތް ކުރާ ނަރުހުން މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފްރީ ކައުންސިލްގެ ދަފުތަރުގައި ރަޖިސްޓްރީ ނުވެ، ލައިސެންސް ނެތި މަސައްކަތް ކުރަމުން ގެންދާ ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.
ހެލްތް މިނިސްޓްރީން ބުނީ، ދައުލަތުގެ މުއައްސަސާތަކާއި އަމިއްލަފަރުދުންގެ މުއައްސަސާތަކުގައި ނަރުހެއް ނުވަތަ މިޑްވައިފެއްގެ ހައިސިއްޔަތުން ބައެއް ފަރާތްތަކުން މޯލްޑިވްސް ނާރސިންގް އެންޑ މިޑްވައިފްރީ ކައުންސިލްގެ ދަފުތަރުގައި ރަޖިސްޓަރީވެ އަދާހަމަ ލައިސެންސް ނެތި މަސައްކަތް ކުރަމުން ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނީ، ސިއްހީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނުގެ (ގާނޫނު ނަންބަރު 13/2015) 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ނަރުހެއް ނުވަތަ މިޑްވައިފެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރެވޭނީ، ގާނޫނާއި މިގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން ކައުންސިލްގައި ރަޖިސްޓްރީކޮށް، ކައުންސިލުން ދޫކުރާ ލައިސަންސެއްގެ ދަށުން، ލައިސަންސްގައިވާ ޝަރުތުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަދި ލައިސަންސްގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކުން ލައިސަންސް އައުނުކޮށް މަސައްކަތްކުރުމަކީ މި ގާނޫނުގެ 93 މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ކުށެއް ކަމަށެވެ.
މިނިސްޓްރީން ބުނީ، ކައުންސިލްގައި ރަޖިސްޓްރީނުކޮށް އަދި އަދާހަމަ ލައިސެންސެއް ނެތި ނަރުހެއް ނުވަތަ މިޑްވައިފެއްގެ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރުމަކީ ގާނޫނީ ގޮތުން މަނާކަމެއްކަން އާންމުކޮށް އަންގާ ކަމަށެވެ.
މީގެ އިތުރުން ނަރުހުންނާއި މިޑްވައިފުން ތެރޭގައި އިދާރީ މަސައްކަތް ކުރާ ނަރުހުން/މިޑްވައިފުން (ނާރސިންގ ޑިރެކްޓަރ/ނާރސިން އެޑްމިނިސްޓްރޭޓަރ) އަދި ތަމްރީނުކުރުމުގައި އުޅޭ ނަރުހުން/މިޑްވައިފުން (ނާރސް އެޑިއުކޭޓަރ/ނާރސިންގ ލެކްޗެރަރ) ވެސް ހިމެނޭ ކަމަށް މިނިސްޓްރީން ބުނެއެވެ.
އެހެންކަމުން ލައިސެންސް ނެތް މީހުން ނާސިންގ އެންޑް މިޑްވައިފަރީ ކައުންސިލްގައި ރަޖިސްޓްރީ ކުރުމާއި، ލައިސަންސް އައުކުރުމަށް ހެލްތް މިނިސްޓްރީން ވަނީ އެދިފައެވެ.