ކ. މާލެ
|
9 ޖެނުއަރީ 2022 | އާދީއްތަ 08:41
ޖެނެރަލް ސުލައިމާނީ އަވަހާރަކޮށްލިތާ ދެ އަހަރު ފުރުން ފާހަގަކުރަނީ
ޖެނެރަލް ސުލައިމާނީ އަވަހާރަކޮށްލިތާ ދެ އަހަރު ފުރުން ފާހަގަކުރަނީ
އަލްޖަޒީރާ
ސުލައިމާނީ އަވަހާރަކޮށްލިތާ ދެ އަހަރު
ޖެނެރަލް ސުލައިމާނީ އަވަހާރަކޮށްލި ހާދިސާ އާ ގުޅިގެން އިރާނުގެ ބްލެކް ލިސްޓަށް އެމެރިކާގެ 51 އޮފިޝަލުން
މީގެތެރޭގައި ގިނަ މީހުންނަކީ އަސްކަރިއްޔާގައި ހިމެނޭ އަދި ވަކިން ޚާއްސަކޮށް ސުލައިމާނީ އަވަހާރަކޮށްލުމަށް ހިންގި އޮޕަރޭޝަންގައި ކޮންމެސް ގޮތަކުން ބައިވެރިވެފައިވާ އޮފިޝަލުން

އެމެރިކާއިން ދިން ހަމަލާއެއްގައި އީރާންގެ އެންމެ ވަރުގަދަ ލަޝްކަރު ގުދުސް ފޯސްގެ ވެރިޔާ އަދި އެ ގައުމުގެ ސަލާމަތީ ބާރުތަކުގެ އިސްވެރިޔާ ގާސިމް ސުލައިމާނީ އަވަހާރަކޮށްލި ހާދިސާ އާ ގުޅިގެން އިރާނުން އެމެރިކާގެ އޮފިޝަލުންތަކަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.

މިއޮފިޝަލުންގެ ތެރޭގައި ހިމެނޭ ގިނަ މީހުންނަކީ އަސްކަރިއްޔާގައި ހިމެނޭ އަދި ވަކިން ޚާއްސަކޮށް ސުލައިމާނީ އަވަހާރަކޮށްލުމަށް ހިންގި އޮޕަރޭޝަންގައި ކޮންމެސް ގޮތަކުން ބައިވެރިވެފައިވާ އޮފިޝަލުންނެވެ. އިރާނުގެ ފޮރިން މިނިސްޓްރީން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާގެ 51 އޮފިޝަލުން ސުލައިމާނީ އަވަހާރަކޮށްލުމަށް ހިންގި ޓެރަރިސްޓް އަމަލުގައި ބައިވެރިވެފައިވާތީ ބްލެކް ލިސްޓުކޮށްފައިވާކަމަށެވެ.

އޭގެތެރޭގައި އެމެރިކާގެ ޖޮއިންޓް ޗީފް އޮފް ސްޓާފްގެ ޗެއަރމަން މާކް މިލީ އާއި ސެންޓްރަލް ކޮމާންޑް ޗީފް ކެނެތު މެކެންޒީ އާއި ޕެންޓަގަންގެ އޮފިޝަލުންނާއި ކޮމާންޑަރުން ހިމެނެއެވެ.

މީގެ އަހަރެއްކުރިން އިރާނުން ވަނީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ އާއި 8 އޮފިޝަލުންނާ ދެކޮޅަށްވެސް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. މީގެއިތުރުން އިރާނުން ވަނީ މިމީހުން ހައްޔަރުކުރުމަށްވެސް އިންޓަރޕޯލުގައި އެދިފައެވެ.

ހޮނިހިރު ދުވަހު އިރާނުން އައު ފިޔަވަޅުތަކެއް އަޅާފައިވާކަން ހާމަކޮށްފައިމިވަނީ ސުލައިމާނީ އަވަހާރަކޮށްލިތާ ދެ އަހަރު ފުރުމާ ދިމާކޮށެވެ. ދެ އަހަރު ފުރުމާ ދިމާކޮށް އިރާނުގެ ރައީސް އިބްރާހީމް ރައީސީ ވަނީ ސުލައިމާނީ އަވަހާރަކޮށްލުމުގައި ބައިވެރިވާ ޓްރަމްޕް އާ ޕޮމްޕެއޯ އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭކަމަށް ވިދާޅުވެފައެވެ.

އިރާނުން ވަނީ ސުލައިމާނީ އަވަހާރަކޮށްލުމާއި ގުޅިގެން އދ ގެ އާންމު މަޖިލީހާއި ސެކިޔުރިޓީ ކައުންސިލްގައި އެމެރިކާ އާއި އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އެޅުމަށްވެސް އެދިފައެވެ.

 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު ސުލައިމާނީ އަވަހާރަކޮށްލާފައިވަނީ ބަޣުދާދުގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރުން ކާރުކޮޅެއްގައި ނިކުންނަވަނިކޮށް ދިން ހަމަލާތަކެއްގައެވެ.

- ކޮމެންޓް