އިރާނުގެ ނިޔުކްލިއަރ ޑީލް ކަންތަކުގައި އެއްބަސްވުމަކާ ހަމައަށް އައުމަށް ޔޫރަޕްގެ ގައުމުތަކުން ބޭނުންވާނަމަ އެކަމުގައި އެއްބަސްވުމަކާ ހަމައަށް އާދެވޭނެކަމަށް އިރާނުގެ ފޮރިން މިނިސްޓަރ ވިދާޅުވެއްޖެއެވެ.
އަލްޖަޒީރާއަށް ދެއްވި އިންޓަރވިއު އެއްގައި އިރާނުގެ ފޮރިން މިނިސްޓަރ ހުސެން އާމިރް އަބްދުﷲހިއަން ވިދާޅުވީ އިރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް އުވާލައިފިނަމަ އެއްބަސްވުމަކާ ހަމައަށް އާދެވޭނެކަމަށެވެ. 2015 ވަނަ އަހަރު ސޮއިކޮށްފައިވާ ނިޔުކުލިއަރ ޑީލްގެ ކަންތަކުގައި އަށްވަނަ ފަހަރަށް ވާހަކަ ދެއްކުމަށް އަންނަނީ ތައްޔާރު ވަމުންނެވެ. މިބައްދަލުވުމުގައިވެސް އިރާނުން ބޭނުންވަނީ އިރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތައް އުވާލާނެކަމުގެ ޔަގީންކަން ދިނުމަށެވެ.
ޖޮއިންޓް ކޮމްޕްރެހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ)ގެ ނަމުގައި ކުރިޔަށްދާ މިވާހަކަތަކަކީ އިރާނާއި ދެން މިއެއްބަސްވުމުގައި ސޮއިކޮށްފައިވާ އެހެން ގައުމުތަކާ ދެމެދު ކުރިޔަށްދާ ވާހަކަތަކެވެ. 2015 ވަނަ އަހަރުގެ ނިޔުކުލިއަރ ޑީލުގައި އެމެރިކާއިން ސޮއިކުރިނަމަވެސް 2018 ވަނަ އަހަރު އެމެރިކާއިން ވަނީ އެ ޑީލުން ވަކިވެފައެވެ. ނަމަވެސް އެމެރިކާއިން އަންނަނީ މިވާހަކަތަކުގައި ނުސީދާކޮށް ބައިވެރި ވަމުންނެވެ.
ޖޭސީޕީއޯއޭގައި އިރާނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވާލުމަށް ނުވަތަ އެކަމަށް ލުޔެއް ދިނުމަށް ހުށަހަޅާފައިވަނީ އިރާނުން ހިންގާ ނިޔުކްލިއަރ ޕްރޮގްރާމް މަޑުޖައްސާލުމަށް ނުވަތަ އެކަމުގައި ހުޅަނގުން ހުށަހަޅާ ޝަރުތުތައް އިރާނުން ގަބޫލުކުރާމަތިންނެވެ. ނަމަވެސް އެމެރިކާއިން ޑީލުން ވަކިވުމާއެކު އިރާނުން ވަނީ ނިޔުކްލިއަރ ޕްރޮގްރާމާ ގުޅޭ ގޮތުން އަޅާފައިވާ ބައެއް ފިޔަވަޅުތައް ދޫކޮށްލާފައެވެ. އަދި ޔުރޭނިއަމް 60 އިންސައްތައާ ހަމައަށް ފައްކާކުރުމުގެ މަސައްކަތް އިރާނުން އަންނަނީ ކުރަމުންނެވެ. އަދި ނިޔުކުލިއަރ ޑީލުން ވަކިވުމަށްފަހު އެމެރިކާއިން ވަނީ ކުރިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިރާނާ ދެކޮޅަށް އަޅާފައެވެ.
އިރާނުން އަންނަނީ އެފިޔަވަޅުތައް އެއްކޮށް އުވާލިކަމުގެ ޔަގީންކަމަށާއި އަލުން ފިޔަވަޅުތައް ނާޅާނެކަމުގެ ޔަގީންކަމަށް އެދެމުންނެވެ. އަދި ފިޔަވަޅުތައް އުވާލިކަން ޔަގީންވާ ވަރުގެ މުއްދަތެއް ދިނުމަށްވެސް އަންނަނީ އެދެމުންނެވެ.