ކ. މާލެ
|
2 ޖެނުއަރީ 2022 | އާދީއްތަ 03:42
ނިއު ދިއްލީގެ މާރުކޭޓް ސަރަހައްދުގައި މީހުން އެއްވެ
ނިއު ދިއްލީގެ މާރުކޭޓް ސަރަހައްދުގައި މީހުން އެއްވެ
ރޮއިޓަރސް
ކޮވިޑް-19 އިންޑިޔާގެ ހާލަތު
އިންޑިޔާގައި ކޮވިޑްގެ ނަންބަރުތައް މައްޗަށްދާން ފެށުމާއެކު ތިންވަނަ ރާޅެއްގެ ބިރުވެރިކަން
އާބާދީ ބޮޑެތި ސިޓީތަކުގައި އަންނަނީ ކޭސްތައް ހަލުވިކަމާއެކު އިތުރުވަމުން
އޮމިކްރޯން ވޭރިއަންޓާއެކު އިންޑިޔާގައި ކޮވިޑްގެ ތިން ވަނަ ރާޅެއްގެ ބިރުވެރިކަން ވަނީ އުފެދިފައި

އިންޑިޔާގައި ހޮނިހިރު ދުވަހު 22،775 މީހުންނަށް ކޮވިޑް-19 ޖެހިގެން ރިޕޯޓްކޮށްފިއެވެ.

މިއާއެކު އިންޑިޔާގެ ކަމާބެހޭ ފަރާތްތަކަށް ވަނީ އެގައުމުގައި އިތުރުވަމުންދާ ކޮވިޑްގެ ކޭސްތަކާއެކު ހާލަތު ގޯސްވެދާނެކަމުގެ ކަންބޮޑުވުންތަކާއި ކުރިމަތިވެފައެވެ. ޑާޓާތަކުން ހާމަވާގޮތުގައި އާބާދީ ބޮޑެތި މީހުން ތޮއްޖެހިގެން ދިރިއުޅެމުން އަންނަ މެޓްރޯސް ތަކުގައި އަންނަނީ ކޭސްތައް ހަލުވިކަމާއެކު އިތުރުވަމުންނެވެ. އެގޮތުން ނިއުދިއްލީ އާއި މުމްބާއީ އަދި ކޮލްކަތާގައި އަންނަނީ ކޭސްތައް އިތުރުވަމުންނެވެ.

ހޮނިހިރު ދުވަހު ރިޕޯޓްކުރި ކޭސްތަކުގެ ތެރެއިން 1950 ކޭސް އަކީ ކޮލްކަތާއިން އެކަނި ރިޕޯޓްކުރި ކޭސްތަކެވެ. ވެސްޓް ބެންގާލް ސަރަހައްދުގެ ކެޕިޓަލްގެ ހާލަތު ގޯސްވަމުން އަންނައިރު ވެސްޓް ބެންގާލްއިން ވަނީ އޮމިކްރޯން ވޭރިއަންޓްގެ 16 ކޭސް ރިޕޯޓްކޮށްފައެވެ.

ކޮލްކަތާގައި ކޭސްތައް ފެންނަ މިންވަރު އިތުރުވުމުން ކޮލްކަތާގެ މުނިސިޕަލް ކޯޕަރޭޝަނުން ވަނީ ކޭސްތައް ފެންނަމުންދާ 17 ސަރަހައްދެއް ފާހަގަކޮށް އެތަންތަނުގައި ދިރިއުޅޭ މީހުން އެހެން ތަންތަނަށް ނުދިޔުމަށް އަންގާފައެވެ.

އިންޑިޔާއަށް ކޮވިޑް-19ގެ ނުރައްކާތެރި ދެވަނަ ރާޅެއް ކުރިމަތިވެފައިވަނީ 2021 ވަނަ އަހަރުއެވެ. ދެ ވަނަ ރާޅާއެކު ދުވާލެއްގެ މައްޗަށް ފެންނަމުންދިޔަ ކޭސްތަކުގެ އަދަދު ހަތަރު ލައްކައިން މަތިންވެސް ރިޕޯޓްކޮށްފައިވެއެވެ.

އޮފިޝަލުންނާއި ސިއްހީ މާހިރުން ލަފާކުރާ ގޮތުގައި އޮމިކްރޯން ވޭރިއަންޓާއެކު އިންޑިޔާއަށް ކޮވިޑްގެ ތިން ވަނަ ރާޅެއް ކުރިމަތިވުމުގެ ބިރުވެރިކަން އެބައޮތެވެ.

- ކޮމެންޓް