ކ. މާލެ
|
29 ޑިސެންބަރ 2021 | ބުދަ 17:12
އއ. ރަސްދޫގެ ދަނޑެއް
އއ. ރަސްދޫގެ ދަނޑެއް
ސޯޝަލް މީޑިއާ
ދަނޑުވެރިކަމަށް އައި ކުރިއެރުން
ދަނޑުވެރިންގެ ޝަކުވާތައް މަދުވެ، ހިނިތުންވުން ގެނުވައިފި
މި ސަރުކާރުން ވަނީ ދިވެހި ދަނޑުވެރިންނަށް އިތުރު ފުރުސަތުތައް ހޯދައިދީފައި
ކޮވިޑްގެ ހާލަތުގައި ދިވެހި ދަނޑުވެރިންގެ ދައުރު ބޮޑު
މި މަސައްކަތަށް ނިކުންނަން ބޭނުންވާ ދަނޑުވެރިންނަށް އެ ފުރުސަތު ދަނީ ހޯދައިދެމުން

ދިވެހިންނަކީ ޒަމާނުއްސުރެވެސް އާމްދަނީ ހޯދުމަށް ބުރަ މަސައްކަތް ކޮށްގެން އުޅުނު ބައެކެވެ. ރާއްޖެއަށް ބޮޑެތި ސިނާއަތްތައް ތައަރަފުވުމުގެ ކުރިން ދިވެހިން އާމްދަނީ ހޯދުމަށް މައިގަނޑުގޮތެއްގައި ކުރީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ މަސައްކަތްތަކެވެ. ދޭހާ އަތްވަކަށް، ވެހޭހާ ވާރެއަކަށް ބެލުމެއް ނެތި މި މަސައްކަތްތަކުގައި އަވަދިނެތި އުޅުނެވެ. ބަދަލުވި ޒަމާނާއެކު ދިވެހިންގެ ތެރެއަށް އިތުރު ސިނާއަތްތައް ތައާރަފުވެފައިވީނަމަވެސް ދިވެހިންގެ ލެއާއި ގުޅިފައިވާ ސިނާއަތްތަކެއް ފަދައިން އަދިވެސް މި ދެ ސިނާއަތް ދިވެހިންގެ ތެރޭގައި އެބައޮތެވެ.

މިގޮތުން ދަނޑުވެރިކަމަށް ބަލާލާއިރު، ރާއްޖޭގައި ދަނޑުވެރިކަމާ ގުޅުންހުރި މަސައްކަތެއް ނުކުރާ ރަށެއް ނެތޭ ބުނެވިދާނެއެވެ. މި ސިނާއަތަކީ ދިވެހިންގެ ތެރެއިން ފޮހެވެމުންދާ ސިނާއަތެކޭ ބުނާ ބަޔަކު އުޅެދާނެއެވެ. އެހެންނަމަވެސް ހަގީގަތުގައި މި ސިނާއަތް ނެތި ދަނީއެއް ނޫނެވެ. ބަދަލުވަމުންދާ ޒަމާނާއެއްގޮތަށް މިކަން ކުރާ ގޮތް ބަދަލުވަނީއެވެ. ރަށްރަށުގެ އާބާދީ ހުންނަ ގޮތުން ކޮންމެ ރަށެއްގައި ދަނޑުވެރިކަން ކުރަން ބޮޑު ބިމެއް ނޯވެދާނެއެވެ. އެހެންނަމަވެސް އެރަށުގައިވެސް ދަނޑުވެރިކަމުގައި ކޮންމެވެސް ވަރަކަށް ބައިވެރިވާ ބަޔަކު އުޅެދާނެއެވެ. މިގޮތުން ފަޅު ރަށްރަށުގައި ދަނޑު ހެއްދުން މިހަރު ވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ.

ދަނޑުވެރިކަމުގެ ސިނާއަތަށް ކުރިއެރުންތަކެއް ގެނައުމަށް ކޮންމެ ސަރުކާރަކުންވެސް އެތަކެއް މަސައްކަތްތަކެއް ކުރެއެވެ. އެހެންނަމަވެސް ދަނޑުވެރިންގެ ހުރި ކަންބޮޑުވުންތައް މަދެެއް ނުވެއެވެ. ދަނޑުވެރިންގެ ހުރި އެންމެ ބޮޑެތި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމުގެ މަސައްކަތް ފެށީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުންނޭ ބުނެވިދާނެއެވެ. މި ސަރުކާރުން ވަނީ 100 އިންސައްތަ ސަރުކާރު ހިއްސާ އޮންނަ ކުންފުންޏެއް ތައާރަފުކޮށްފައެވެ.

އެއީ އެގްރޯނެޓެވެ. އެގްރޯނެޓަކީ މި ހުރިހާ މައްސަލައަކަށް އެދެވޭ ހައްލެއް ހޯދައިދިނުމުގެ ފެށުން ކަމުގައި ބެލުން ގޯހަކަށް ނުވާނެއެވެ. ކޮވިޑް-19 ގެ ހާލަތާއެކު ރާއްޖެ ފުރަބަންދުކޮށް މުޅި އިގްތިސާދު އެއްކޮށް ހުއްޓިފައި އޮތް އިރު އެގްރޯނެޓުން ވަނީ ދަނޑުވެރިން އުފައްދާ ތަކެތި ބާޒާރަށް ނެރުމުގައި މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ. ރާއްޖެއަށް މުދާ އެތެރެކުރާނެ ހުރިހާ ދޮރެއް ބަންދުވެފައި އޮތްއިރު، ދިވެހި ދަނޑުވެރިންގެ އުފެއްދުންތައް ބާޒާރަށް ނެރެދީފައިވެއެވެ. އަދި އެގްރޯނެޓުން ގެންދަނީ ދަނޑުވެރި އުފެއްދުންތައް ރަނގަޅު އަގުގައި މާކެޓްކޮށް، ދިވެހި ދަނޑުވެރިންގެ އުފެއްދުންތައް ގަންނަން ބޭނުންވާ މީހުންނަށް އެތަކެތި ފޯރުކޮށްދެމުންނެވެ. ކޮވިޑް-19 ގެ ހާލަތުގައި ރާއްޖޭގެ އިގްތިސާދު އެންމެ ފުލަށް ނުވެއްޓި ހިފަހައްޓާލެވުނީ ދިވެހި ދަނޑުވެރިންގެ މަސައްކަތުންނެވެ.

މިއަހަރު ތެރޭގައި އެގްރޯނެޓުން ވަނީ ކޮންޓްރެކްޓް ފާމިންގ އުސޫލުން ދަނޑުވެރިކަން ކުރަން ފަށާފައެވެ. މި މަސައްކަތް ކުރިއަށްދަނީ ތިމާވެއްޓާ ރައްޓެހިގޮތަކަށް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައެވެ. މިގޮތުން ކޮންޓްރެކްޓް ފާމިންގެ ތެރެއިން ދަނޑުވެރިކަން ކުރަން ކަނޑައަޅާފައިވާ 45 ރަށެއްގެ ދަނޑުވެރިންނާއެކު އެއްބަސްވުމެއް ގާއިމްކުރަން ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. މިހާތަނަށް އައިރު ގިނަ އަދަދެއްގެ ދަނޑުވެރިންނާއެކު އެއްބަސްވުމަކަށް ގޮސް، މި މަސައްކަތް ވަނީ ފަށާފައެވެ. މީގެ އިތުރުން އަލަށް ދަނޑުވެރިކަން ފަށަައިގަންނަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުން ފަދަ އެކި އެކި މަސައްކަތްތައްވެސް އެގްރޯނެޓުން ކުރަމުންދެއެވެ.

އެގްރޯނެޓުން މަދު ދުވަސްކޮޅެއްގެ ތެރޭގައި ކޮށްފައިވާ މުހިންމު މަސައްކަތްތަކުން ދަނޑުވެރިންނަށް ކުރިމަތިލާންޖެހިފައިވާ ގިނަ ގޮންޖެހުންތަކަކަށް ވަނީ ހައްލު ހޯދައިދެވިފައެވެ. އެގްރޯނެޓުން ދަނޑުވެރިންނާ ގުޅިގެން ކުރަން ފެށި މުހިންމު މަސައްކަތްތަކުގެ ސަބަބުން ދަނޑުވެރިން ކުރަމުންއައި ޝަކުވާތައް ވަނީ މަދުވެފައެވެ. މިކަން އެގްރޯނެޓުން ވެސް ވަނީ ފާހަގަކޮށްފައެވެ. މިގޮތުން ދަނޑުވެރިންނަށް ބޭނުންވާ ވަސީލަތްތައް ނުލިބުމާއި، ދަނޑުވެރިން ހައްދާ ތަކެތި ވިއްކޭނެ މާކެޓެއް ނެތުމާއި، ވިއްސާރައިގައި ދަނޑުވެރިންގެ ތަކެތި ހަލާކުވުމަކީ މީގެ ކުރިން އެމީހުން ކުރަމުން އައި ޝަކުވާތަކެއް ކަމަށް އެގްރޯނެޓުން ބުނެއެވެ. އެހެންނަމަވެސް މި ސަރުކާރުން ފެށި މި މަސައްކަތްތަކާއެކު މި ޝަކުވާތައް މަދުވީއެެވެ.

އެހެންނަމަވެސް އަދިވެސް ހައްލު ނުވެ އޮތް މައްސަލައަކީ ދަނޑުވެރިންނަށް ބޭނުންވާ ބިން ނުލިބުމުގެ މައްސަލައެވެ. މި މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ގެންގުޅޭ ވިސްނުމަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މިކަން ކުރުމެވެ. މިގޮތުން ދުނިޔޭގެ އެކި ގައުމުތަކުގައި ބޭނުންކުރާ ވަރޓިކަލް ފަރމިންގ އާއި ހައިޑްރޮފޯނިކްސް ބޭނުންކޮށްގެން ބިމުގެ ދަތިކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ފެށުމަށް މި ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. މި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނައަތަކީ މިއަށްވުރެ ފުޅާ އަދި ފައްކާވެފައިވާ ސިނާއަތަކަށް ހެދުމެވެ.

- ކޮމެންޓް