މަސްވެރިކަމުގެ ސިނާއަތަކީ ރާއްޖޭގެ އިގްތިސާދުގެ ލޭނާރު ކަމުގައި ބުނަމުން އައެވެ. އެއީ ދިވެހިންގެ ފަހުރެއްކަމުގައިވެސް ދެކެމުން އައެވެ.
މިއަދު ފެންނަމުން މިދަނީ އެ މަންޒަރު ބަދަލުވެ، ރާއްޖޭގެ އިގްތިސާދުގެ އެންމެ މުހިންމު އެއް ތަނބު ފުނޑިގެންދާ މަންޒަރެވެ. އެތައް އާއިލާތަކެއް އެ މަސައްކަތުގެ މައްޗަށް ބަރޯސާވެފައިއޮތް މަސްވެރިކަން ބަލަބަލާ ތިއްބާ ނެތިގެން އެ ދަނީއެވެ.
އުފެއްދުންތެރިކަމުގެ ނިސްބަތުން މަސްވެރިކަން އެންމެ ދަށް އަހަރު!
ރާއްޖޭގެ މަރުކަޒީ ބޭންކުގެ ތަފާސް ހިސާބަށް ބަލާއިރު، 2005 ވަނަ އަހަރު މަސްވެރިކަމުގެ ސިނާއަތުން ގައުމުގެ އުފެއްދުން ތެރިކަމަށް 12 އިންސައްތަ ހިއްސާކޮށްފައިވެއެވެ. 2005 ވަނަ އަހަރުން ފެށިގެން ގައުމީ އުފެއްދުންތެރިކަމުގައި މަސްވެރިކަމުގެ ހިއްސާ ކުޑަވަމުން ދިޔަ ނަމަވެސް، 2008 ވަނަ އަހަރުން ފެށިގެން 2023 އާ ހަމައަށް މި ދިޔަ 15 އަހަރުގެ މުއްދަތުގައި ތިން ހަތަރު އިންސައްތައިގައި މަސްވެރިކަމުގެ ހިއްސާ ހިފެހެއްޓިފައިވެއެވެ. ކޮވިޑް އަހަރުތަކުގައި ރާއްޖެ އޮތް އުނދަގޫ ހާލަތުގައިވެސް އެކަށީގެންވާ ގޮތެއްގައި އިގްތިސާދުގައި މަސްވެރިކަމުގެ ދައުރު ފެނިގެން ގޮސްފައިވަނީ ނިސްބަތުން ރަނގަޅަށެވެ. ކަންބޮޑުވާން ޖެހެނީ، މި ނިސްބަތް ކުއްލިއަކަށް މިއަހަރު މާ ބޮޑުތަނުން ދަށަށް ދިއުމެވެ. މިހާރުގެ ތަފާސް ހިސާބަށް ބަލާއިރު، މި އަހަރު ވެގެންދާނީ ގައުމީ އުފެއްދުންތެރި ކަމުގައި ނިސްބަތުން މަސްވެރިކަމުގެ ހިއްސާ އެންމެ ދަށަށް ދިޔަ އަހަރުގެ ގޮތުގައެވެ. 2024 ވަނަ އަހަރު މަސްވެރިކަމުން ހިއްސާކުރާނެ ކަމަށް އަންދާޒާ ކުރެވެނީ އެންމެ 1 އިންސައްތައެވެ.
ކުންފުނިތަކަށް މަސްގަތް މިންވަރުވެސް ޕްރޮސެސް ކުރެވުނު ވަރުވެސް ދަށަށް
ރެކޯޑްތަކުން އެނގޭ ގޮތުގައި 2014 ވަނަ އަހަރުން ފެށިގެން ކުންފުނިތަކަށް މަސް ގަތް މިންވަރުވެސް އަދި ކުންފުނިތަކުން މަސް ޕްރޮސެސް ކުރި މިންވަރުވެސް ދިޔައީ އަހަރުން އަހަރަށް މައްޗަށެވެ. 2023 ގައި ރެކޯޑް މިންވަރަކަށް ކުންފުނިތަކުން މަސްގަނެ މަސް ޕްރޯސެސް ކުރިއެވެ. ހިނގަމުންދާ އަހަރުގެ ހިސާބުތަކުން ފެންނަނީ ނާއުއްމީދީ މަންޒަރެކެވެ. މިއީ މިހާތަނަށް އެންމެ ދަށްކޮށް ކުންފުނިތަކުން މަސްގަނެ މަސް ފްރޯސެސް ކުރި އަހަރުގެ ރެކޯޑް ހަދާ އަހަރެވެ.
ތަފާސް ހިސާބުން ސާފުކޮށް ފެންނަ ގޮތުގައި 2018 ވަނަ އަހަރުން ފެށިގެން 2023 ގެ ނިޔަލަށް ކުންފުނިތަކުން މަސް ގަތް މިންވަރު 80،000 ޓަނަށް ވުރެ ދަށަށް ގޮސްފައެއް ނުވެއެވެ. އަހަރުގެ 9 މަސް ފާއިތުވެގެން ދިޔައިރު މިދިޔަ އަހަރާ ގާތްކުރާ މިންވަރަކަށްވެސް މަސްކިރޭނެ ކަމަކަށް ނުފެނެއެވެ.
މި އަހަރު މަސްކުންފުނިތަކަށް ކިރުވޭނެ ކަމަށް އަންދާޒާ ކުރެވެނީ ގިނަ ވެގެން 51،000 ޓަނުގެ މަހެވެ. މިއީ 2023 ވަނަ އަހަރާއި އަޅާކިޔާ އިރު ގާތްގަނޑަކަށް %50 އިންސައްތައިގެ ދަށްވުމެކެވެ. މަދު އަދަދެކެވެ. އެހެން އިބާރާތަކުން ނަމަ މަސްވެރިކަމުގެ ސިނާއަތް ބޮޑުތަނުން ހުލިވީއެވެ.
އެކްސްޕޯޓު ދަށަށް ލިބުނު ޑޮލަރުވެސް ދަށަށް
މިއަހަރުގެ ފުރަތަމަ ކުއަރޓާގައި ރާއްޖޭން ބޭރު ކުރި މަހުން ލިބުނު އާމްދަނީ 22.2 މިލިއަން ޑޮލަރު ދަށަށް ދިޔަކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ ހާމަކޮށްފައެވެ.
އެމްއެމްއޭ އިން ޝާއިއު ކުރި މިއަހަރުގެ ފުރަތަމަ ކުއަރޓާލީ އިކޮނޮމިކް ބުލެޓިން ގައި ބުނެފައިވަނީ މި އަހަރުގެ ފުރަތަމަ ކުއަރޓާގައި ރާއްޖޭން މަސް ބޭރުކޮށްގެން ލިބިފައިވަނީ 31.5 މިލިއަން އެމެރިކާ ޑޮލަރު ކަމަށާއި، އެ އަދަދަކީ 2023 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓާގައި ލިބުނު އާމްދަނީ އާ އަޅާ ބަލާއިރު 41 އިންސައްތަ ދަށް މިންވަރެއް ކަމަށެވެ.
އެމްއެމްއޭ އިން ބުނެފައިވާ ގޮތުގައި ފިނިކުރި ކަޅުބިލަމަސް އެކްސްޕޯޓު ކޮށްގެން ލިބުނު އާމްދަނީވެސް ވަރަށް ބޮޑުތަނުން ވަނީ ދަށަށް ގޮސްފައެވެ. ފުރަތަމަ ކުއަރޓާގައި ފިނިކުރި ކަޅުބިލަމަހުން ރާއްޖެއަށް ލިބިފައިވަނީ 19.9 މިލިއަން ޑޮލަރު ކަމަށް ވާއިރު އެއީ 2023 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓާގައި ރާއްޖޭން ފިނިކުރި ކަޅުބިލަ މަސް ބޭރުކޮށްގެން ލިބުނު އާމްދަނީ އަށް ވުރެ 64 އިންސައްތައިގެ ދަށްވުމެކެވެ.
އާމްދަނީ ދަށްވުމުގެ މައިގަނޑު އެއް ސަބަބުގެ ގޮތުގައި އެމްއެމްއޭ އިން ފާހަގަ ކޮށްފައިވަނީ މި އަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖެއިން މަސް އެކްސްޕޯޓު ކުރި މިންވަރު ކުރީ އަހަރުގެ ނިސްބަތުން 57 އިން ސައްތަ ދަށްވުމެވެ.
މީގެ އިތުރުން، އެމްއެމްއޭ އިން ހާމަކޮށްފައިވާ މައުލޫމާތައް ބަލާއިރު 2024 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓާގައި ރާއްޖޭން ބޭރު ކުރި ރީނދޫ އުރަހަ ކަންނެއްޔަށް ލިބުނު އާމްދަނީ 3.3 މިލއަން ޑޮލަރު ދަށަށް ގޮސްފައިވެއެވެ. އެއީ އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު އާމްދަނީން 57 އިންސައްތައިގެ ދަށްވުމެއް ކަމަށް އެމްއެމްއޭ އިން ފާހަގަ ކުރެއެވެ. ރާއްޖޭން ރީނދޫ އުރަހަ ކަންނެލި މި އަހަރުގެ ފުރަތަމަ ކުއަރޓާގައި ބޭރު ކުރި މިންވަރުވެސް 2023 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓާ އާ އަޅާ ބަލާއިރު 55 އިންސައްތަ ވަނީ ދަށަށް ގޮސްފައެވެ.
ސިނާއަތު ރަނގަޅުކުރަން މަސްވެރިންނަށް ދިނީ އަދަބު
ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ހާއްސަކޮށް ކަނޑުމަހުގެ މަސްވެރިކަމުގެ އިންޑަސްޓްރީ ކޮންޓްރޯލް ކުރަނީ މިފްކޯ މެދުވެރިކޮށް ސަރުކާރުންނެވެ. މިފްކޯ އުފެދުނީއްސުރެއް މައިގަނޑު ސިޔާސަތެއްގެ ގޮތުގައި އޮތީ ކުންފުންޏަށް ފައިދާ ނުވިޔަސް މަސްވެރިން އިނދަޖެހުނަ ނުދީ މަސްވެރިކަން ދެމެހެއްޓުމެވެ. މި ސިޔާސަތު މިހެން އޮތުމާއެކު އުފެދުނީއްސުރެވެސް މިފްކޯ އަކީ ގެއްލުމުގައި ހިނގާ ކުންފުންޏެއްކަން އެއީ ސިއްރެއް ނޫނެވެ. މިފްކޯ އަށް ގެއްލުންވާ މައްސަލަ އެނގުނީ ހަމައެކަނި މި ސަރުކާރު ކަމަށް ހީވެ، މައްސަލަ އަށް ހައްލު ހޯދުމަށް މަސްވެރިންނަށް ލިބެމުން އައި އަގު ކުޑަކޮށް މިފްކޯ އަށް "ފޯރާ" އަގަކަށް މަހުގެ އަގު ބަދަލު ކުރިއެވެ. މަސްވެރިންނަށް މިދިން ކުއްލި އަދަބާ އެކު މަސްވެރިކަމުގެ ސިނާއަތައް އައީ ސިއްސައިގެން ދާވަރުގެ ހީނަރު ކަމެކެވެ. މި ބަދަލުގެ ހަގީގީ ނަތީޖާއަކީ، މަސްވެރިން އިނދަޖެހުމެވެ. މަސްވެރިކަމެއް ނެތި މިފްކޯ އެއް ނޯންނާނެ ކަން ސަރުކާރަށް ނޭގެނީތޯ ސުވާލު އުފެދެއެވެ.
މި ސަރުކާރުން މަސްވެރިކަމަށް ގެނައި ފަނާކުރަނިވި ސިޔާސަތުތަކުގެ ހިތިކަން ފެންނަމުން ދަނީ އިންތިހާ އަށް ކަންބޮޑުވާ މިންވަރަކަށެވެ. މަސްވެރިން މަސްވެރިކަމުގެ ސިނާއަތަށް ކުރި އިތުބާރު ގެއްލި މަހަށް ފުރާ ދޯނިތައް މަދުވެ، ރާއްޖެއަށް ބާނާ މަހުގެ އަދަދު ބޮޑުތަނުން މަދުވީއެވެ. ކާރުޚާނާތަކުގެ ކުރިމަގާ މެދުވެސް ސުވާލު އުފެދުނީއެވެ.
ވައުދުތައް ވީތަނެއް ނޭނގޭ
ސަރުކާރުން މަސްވެރިންގެ ހައްގުގައި މިހާތަނަށް ކުރި އެއްވެސް ކަމެއްނެތެވެ. އެކަން އެހެން ވިޔަސް މެނިފެސްޓޯގައި މަސްވެރިކަމަށް އަމާޒުކޮށް ހުރި ފޮނި ވާހަކަތައް މަދެއް ނޫނެވެ. ޑރ. މުއިއްޒުގެ މެނިފެސްޓޯގައި މުޅީން ހާއްސަ ޗެޕްޓަރެއް މަސްވެރިކަމަށް ހާއްސަކޮށްފައި ވާއިރު، އެއިން އެއްވެސް ކަމެއް ވާން އުޅޭކަމުގެ "ފެހި ސިގްނަލް" ފެންނާކަށް ނެތެވެ. 48 ގަޑި އިރުތެރޭ ކިރާ މަހަށް ޑޮލަރުން ދޭންބުނި ފައިސާ ހަނދާން ނައްތާލައިފިއެވެ. މިފްކޯގެ ޝެއަރ ވިއްކާނަމޭވެސް ބުނެފައި އޮތެވެ.
ސްޕޯރޓްސް ފިޝިންގއަށް ހާއްސަ ބަނދަރެއް ހެދުމަށާއި މަދުވެގެން 80 ރުފިޔާ އަށް ކަންނެލި ގަންނަން ވައުދުވެ އައި ސަރުކާރުން، ސައުދީ ފަންޑުގެ އެހީގައި ތަރައްގީ ކުރި ބޮޑު ކަންނެލީގެ މަސްވެރިކަމަށް ޚާއްސަ ކަނޑއޮތްގިރިއާއި އެރަށުގެ ބަނދަރު ހަވާލުކުރީ ސިފައިންނަށެވެ.
އަޕްގްރޭޑް ކުރަން ވައުދުވީ ހުޅުމީދޫ މަސްބަނދަރު ގައި، ކުރީ ސަރުކާރުން ކުރަމުންއައި އެކްސްޕޯރޓް ޖެޓީ އަދި ޗެނަލްގެ މަސައްކަތް ވެރިކަމަށް އައިތާ ކުޑަ ދުވަސްކޮޅެއްތެރޭ ވަނީ ހުއްޓާލާފައެވެ. ދެގުނަ ކުރަން ބުނި ސްޓޯރޭޖްތަކުގެ މަސައްކަތެއް ނުހިނގާއިރު، ކުރީ ސަރުކާރުން ހިންގަމުން އައި މަޝްރޫއުތައްވެސް ވަނީ ހުއްޓިފައެވެ.
މަޝްރޫއުތައް ހުއްޓި އުއްމީދު ގެއްލިއްޖެ
އެމްޑީޕީގެ ވެރިކަމުގައި، ކުރީ ސަރުކާރުން، ކޮވިޑް19 ގެ ދުވަސްވަރު އެއް އިންޑަސްޓްރީ އެއްގެ މައްޗަށް މުޅި އިގްތިސާދު ބިނާވުމުން ދިމާވި ގޮންޖެހުމަށް ހައްލު ހޯދުމުގެ ގޮތުން މަސްވެރިކަމުގެ ސިނާއަތުން ލިބޭ ނަފާ އިތުރު ކުރުމަށް ދުރުރާސްތާ މަޝްރޫއުތަކެއް އެ އުނދަގޫ ދުވަސްވަރުވެސް ފެށިއެވެ.
މިގޮތުން ފެލިވަރު އޮޕަރޭޝަން ފުޅާކުރުމަށް ހާއްސަ ޕްރޮޖެކްޓެއް ހިންގުމާއި، މުލަކުގައި މަސްބަނދަރު ތަރައްގީ ކުރުމާއި، ގދ. ތިނަދޫގައި ކޯލްޑް ސްޓޯރޭޖް މަސައްކަތާއި، ކޫއްޑޫ ބަނދަރު ބޮޑުކުރުމާއި، ހުޅުމީދޫ ގައި އެކްސްޕޯރޓް ޖެޓީ ހެދުމުގެ މަސައްކަތް ހިމެނެއެވެ. މި ޕްރޮޖެކްޓްތަކުގެ އަގު ޖުމުލަ 500 މިލިއަންރުފިޔާ އަށް އަރައެވެ. މި ހުރިހާ މަސައްކަތްތަކެއް މިހާރު ހުރީ ހުއްޓިފައެވެ.
ނޭނގިނަމަވެސް މި ފުނޑާލެވެނީ މަސްވެރިކަން ތާ އަބަދަށް!
ދިވެހީންގެ އަތްމަތީގައި އޮތް ހަމަ އެކަނި ޕްރައިމަރީ އިންޑަސްޓްރީ ކަމަށްވާ މަސްވެރިކަން ދަށަށް ދިއުމަކީ ހާސްވާން ޖެހޭ ކަމެކެވެ. މަސްވެރިން މަހަށް ދިއުން ހުއްޓޭ ގޮތަށް، މަހުގެ އަގު ދަށްކޮށް، ގަވައިދުން ފައިސާ ނުދިނުމުން، މަހަށް ފުރުވުމަކީ އޮޑިވެރިންނަށް އުފުލޭވަރުގެ ބުރައަކަށް ނުވެއެވެ. ފަޅުވެރިން މަސްވެރިކަން މަތިން ފޫހިވެއްޖެއެވެ. އޭގެ ނަތީޖާއަކީ މަހަށް ފުރާ އޮޑި އެހެން މަސައްކަތްތަކަށް ބަދަލު ކޮށްލުމެވެ. މީގެ ސަބަބުން، ބާނާ މަހުގެ އަދަދު މަދުވެ، ޕްރޮސަސް ކުރަން ލިބޭ މަހުގެ އަދަދު މަދުވެއެވެ. އޭގެ ނަތީޖާއަކީ ކޭނަރީތައްފަދަ ބޮޑު ހަރަދު ކޮށް ހަދާފައިވާ އިންވެސްޓްމެންޓް ތައް ދެކޮޅު ޖެހޭގޮތް ނުވެ، އެތަންތަން ބަންދު ކުރަން ޖެހުމެވެ.
ދޯދިޔާ ސިޔާސަތުތަކާއި ދުރުވިސްނުމެއް ނެތި އަޅާ ފިޔަވަޅުތަކުގެ ސަބަބުން ޒަމާންވީ އެންމެ މުހިންމު އެއް ސިނާއަތް ފުނޑިފައިވާއިރު، މަސްވެރިކަމުން އުފައްދައިދޭ 21،000 ވަޒީފާ ވެސް ގެއްލި އެތައް އާއިލާތަކެއް ނިކަމެތިވުމުގެ ބިރުވަނީ އުފެދިފައެވެ.
މަސްވެރިކަން ނޭވާ ހޮޅިއަށް އެރި މަސްވެރިން ތިބީ ގޮތްހުސްވެ ހަދާނެ ގޮތެއް ނެތިފައެވެ. އެތައް ޒަމާނަކަށް އެ ކަމެއްގެ މައްޗަށް ދިވެހިންގެ އެތައް ބަޔަކު ބަރޯސާވެފައި އޮތް ދިވެހިންގެ ފަޚުރެއް ކަމުގައި ދެކެމުން އައި މަސްވެރިކަން ފުނޑެން ނެގީ އެންމެ ދިހަ މަސްދުވަހެވެ.