ކ. މާލެ
|
1 ޖޫން 2023 | ބުރާސްފަތި 13:58
މަތީ އަރުތަވެރިންގެ ޖަލްސާގައި ރައީސް އިނާމު ހަވާލުކޮށްދެއްވަނީ
މަތީ އަރުތަވެރިންގެ ޖަލްސާގައި ރައީސް އިނާމު ހަވާލުކޮށްދެއްވަނީ
ރައީސް އޮފީސް
ރިޕޯޓް
ކިޔަވާ ކުދިންނަށް އަނެއްކާވެސް ރައީސްގެ އުއްމީދީ ނިންމެވުމެއް
ދިވެހި ދައުލަތް އޮތީ އެކުދިންނާ އެކުގައި

ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް ދާއިރާއަކީ ރާއްޖޭގެ ތައުލީމީ ދާއިރާއެވެ. ޚާއްޞަކޮށް މަތީ ތައުލީމް ހާސިލް ކުރަން ބޭނުންވާ ދަރިވަރުންނަށެވެ. އެކި ރޮނގުރޮނގުން އިލްމީ މީހުންނަށް ވާން ބޭނުންވާ ކުދިންނަށެވެ.

މީގެ ކުރިން ކިތަންމެ ބޭނުންވިއަސް، އާއިލާގެ ތަނަވަސް ކަމެއް ނެތިގެން މަތީ ޘާނަވީ ތައުލީމް ނިންމާލުމަށްފަހު އިތުރު ހަރުފަތަކަށް ނުދެވި ތިބޭ ކިތައްމެ ކުދިންނެއް އުޅެއެވެ. ވަޒީފާއަކަށް ގޮސްގެންވެސް އެވަރު ފަރުޖެއްސެން ނޯންނަ ކުދިންވެސް މަދެއް ނޫނެވެ.

އެފަދަ ދަރިވަރުންނަށް ތަސައްލީއެއް ލިބިގެންދިޔަ އެއްކަމަކީ މި ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމެވެ. އެ ޕްރޮގްރާމުގެ ދަށުން އެތައް ކުދިންނެއް ކިޔަވަމުންދާއިރު އެހާމެ ގިނަ ކުދިން މިހާރު ވަނީ ކިޔަވާ ނިމިފައެވެ.

މަތީ ޘާނަވީ ނިންމި ގަދަ ދިހައެއްގައި ހިމެނުނު ކުދިންނަށް އެވޯޑާއި ސެޓްފިކެޓް ހަވާލު ކުރުމުގެ ޖަލްސާގައި ރައީސް ސާލިހު ވަނީ އަނެއްކާވެސް އެފަދަ ދަރިވަރުންނަށް އިތުރު އުއްމީދެއް ގެނެސްދެއްވާފައެވެ. ރައީސް އިއުލާން ކުރެއްވީ މިއަހަރު ސްޓޫޑަންޓް ލޯނަށް ކުރިމަތިލި ޝަރުތު ހަމަވާ ހުރިހާ ކުދިންނަށް އެފުރުސަތު ދެއްވުމަށެވެ. އެކަން އިއުލާން ކުރެއްވުމުގެ ކުރިން ރައީސް ދެއްވީ މަތީ ޘާނަވީ ނިންމި ދަރިވަރުންގެ ތެރެއިން ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންނާ މުޚާތަބު ކުރައްވާ ވިދާޅުވީ އަސަރުގަދަ އަދި އެހާމެ ހިތްވަރު ދިނުމުގެ ބަސްފުޅު ތަކެކެވެ.

އެވާހަކަފުޅު ރައީސް ފެށްޓެވީ މުޅި ދުނިޔެ ހުއްޓުވާލި ކޮވިޑްގެ- 19 ގެ އާލަމީ ވަބައިގާ ދަރިވަރުން ހިއްސާކުރި ހާލަތުންނެވެ.

"ތިޔަ ދަރިވަރުންގެ ސާނަވީ މަރުޙަލާގެ އެންމެ މުހިންމު ދުވަސްތައް ހޭދަކުރީ، ކޯވިޑް-19ގެ ބަލިމަޑުކަން މުޅި ރާއްޖެ ބަނަކޮށްފައި އޮތް ދުވަސްވަރު. އެ ދުވަސްތަކުގެ ކިޔެވުން ތިޔަ ކުދިން ފުރިހަމަކުރީ، ބައެއް ދުވަސްވަރު ސްކޫލަށް ހާޒިރުވެ، ގައިދުރުކޮށް ތިބެ ރައްކާތެރިކަމުގެ އެތައް ފިޔަވަޅުތަކެއް އަޅައިގެން. އަދި ބައެއް ދުވަސްވަރު ގޭގައި ތިބެ އޮންލައިންކޮށް. އެއީ، ތިޔަ ކުދިންނަށް ވެސް އަދި ބެލެނިވެރިންނާއި ޓީޗަރުންނަށް ވެސް ފަސޭހަ ދުވަސްތަކެއް ނޫން.

އެހެން ނަމަވެސް، އެ ދަތި އުނދަގޫތަކާ ކުރިމަތިލައި، ތިޔަ ކުދިންގެ ކިބައިގައި ހުރި ކެރުމާއި ހިތްވަރާއި ސާބިތުކަން ތިޔަ ކުދިން ވަނީ ދައްކައިދީފައި. މިރޭ އަޅުގަނޑުމެން މި ޙާޞިލުކުރާ އުފާވެރިކަމަކީ، އެ ހިތްވަރާއި ކެރުމުގެ ނަތީޖާ. މިދިޔަ އަހަރުގެ މަތީ ޘާނަވީ އިމްތިޙާނުތަކުން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންގެ މަޤާމު ތިޔަ ދަރިވަރުން ޙާޞިލުކުރުމަކީ، ޙަޤީޤަތުގައި މުޅި ޤައުމަށް ލިބޭ އުފަލެއް. އަދި ޤައުމުގެ ކުރިމަގާ މެދު އުންމީދު އާލާވާ ކަމެއް. އެއީ ތިޔަ ކުދިން އެކި ރޮނގުތަކުން މަތީ ތަޢުލީމު ޙާޞިލުކޮށްގެން، ރާއްޖެއަށް ކުރިއެރުމާއި ފާގަތިކަން ހޯދައިދިނުމަށް ނުކުތުމުގެ އުންމީދު. ތީގެ ތެރެއިން ކޮންމެ ދަރިވަރަކީ، ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ދާއިރާތަކުން މަތީ ތަޢުލީމާއި ތަމްރީނު ޙާޞިލުކޮށްގެން، ޤައުމީ ތަރައްޤީގެ ޒިންމާތަކާ ޙަވާލުވާނެ ދަރިއެއްކަން އަޅުގަނޑަށް ހަމަ ޔަޤީން." ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ ދިވެހި ދައުލަތް އޮތީ އެކުދިންނާ އެކުގައި ކަމަށެވެ. އަދި ދިވެހި ސަރުކާރު އޮތީ އެ ކުދިން ތަޢުލީމީ ރޮނގުން ދާން ބޭނުންވި ކޮންމެ ރޮނގަކުން، ދާން ބޭނުންވި ކޮންމެ ހިސާބަކަށް ގެންގޮސްދޭން ތައްޔާރަށް ކަމަށެވެ. އެއްވެސް ކުއްޖަކު ބާކީ ނުކޮށް އަދި އެއްވެސް ތަފާތުކުރުމެއް ނެތި، އެމަނިކުފާނާއި ސަރުކާރު ދެމިތިބީ އެ ފުރުޞަތު ފަހިކޮށްދީގެން ކަމަށެވެ.

ރައީސް ވިދާޅުވީ އާބާދީ ކުޑަވެގެން ނުވަތަ ކުދިން މަދުވެގެން ސްކޫލްގައި ކިޔަވައިނުދޭ އެއްވެސް ރަށެއް މިހާރަކު ނޯންނާނެ ކަމަށެވެ. ޘާނަވީ ނިންމުމަށް ފަހު، މަތީ ޘާނަވީއަށް ކިޔެވުމުގެ ފުރުޞަތު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މިހާރުވަނީ ތަނަވަސްވެފައި ކަމަށާއި މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައްވެސް ބައެއް އަތޮޅުތަކުގައި މިހާރު ހުރީ ހަމަޖެހިފައި ކަމަށެވެ. މިއީ ކުދިންނާއި ކުދިންގެ ބެލެނިވެރިންގެ ކުރިމަތިން ފެންނަން ހުރި ޙަޤީޤަތްތަކެއް ކަމަށާއި ފޯރުންތެރިކަން ނެތިގެން ނުވަތަ ޢާއިލާއާ ވަކިން ބޭރަށް ދާންޖެހިދާނެތީ، މަތީ ތަޢުލީމު ޙާޞިލުނުކުރެވިފައި މިހާރު އިރާދަކުރެއްވިއްޔާ ތިބޭކަށް ނުޖެހޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި  ރާއްޖޭގައި ތިބެގެން ފުރަތަމަ ޑިގްރީ ޙާޞިލުކުރަން ބޭނުންވާ ކުދިންނަށް، ހިލޭ ޑިގްރީ ޕްރޮގްރާމްގެ ތެރެއިން އެފުރުޞަތުވެސް އޮތީ ހުޅުވިފައިކަން ރައީސް ތަކުރާރު ކުރައްވަމުން ވިދާޅުވީ ރާއްޖެއިން ބޭރުން އެކަން ކުރަން ބޭނުންވާ ކުދިންނަށް، ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުންވެސް އެކަން ކުރެވޭނެ ކަމަށާއި ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ޙާޞިލުކުރުމަށް ސަރުކާރުން ދޫކުރާ ލޯނު ދިނުމުގައި ވެސް، މި އަހަރު ހެޔޮ ބަދަލުތަކެއް ގެނެސް ދެއްވައިފިން ކަމަށެވެ.

"އަޅުގަނޑުމެން ނިންމީ، މި އަހަރު ސްޓޫޑެންޓް ލޯނަށް ކުރިމަތިލި ކުދިންގެ ތެރެއިން ޝަރުޠު ހަމަވި 1225 ކުދިންނަށްވެސް އެ ލޯނު ދޭން. މީގެ ތަފްޞީލުތައް، ހަޔަރ އެޑިއުކޭޝަން މިނިސްޓަރ މާދަމާ ޙިއްޞާ ކުރައްވާނެ. މި އަހަރު މި ދޭ 1225 ލޯނާއެކު، މި ސަރުކާރުން ފެށި ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން، މިހާތަނަށް ދޫކުރި ސްޓޫޑެންޓް ލޯނުގެ ޖުމުލަ 3211 އަށް އަރާނެ. އަދި އަޅުގަނޑުމެން މި އަހަރު ޝަރުޠު ހަމަވެގެން މި ދޫކުރާ ލޯނުތަކުގެ ތެރޭގައި، އެއްވެސް ކުއްޖަކު މައްސަލައެއް ދިމާވެގެން ބާކީވެފައި އޮތްނަމަ، އެކަން ބަލައި، އަޅުގަނޑުމެން ސްޓޫޑެންޓް ލޯން ކަށަވަރުވެސް ކޮށްދޭނަން" ރައީސްގެ ނިންމެވުން އިއުލާން ކުރައްވަމުން ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަތީ ތަޢުލީމާއި ތަމްރީނުގެ މިހާ ފަހި ފުރުޞަތުތަކެއް، އެއްވެސް ސަރުކާރަކުން މީގެ ކުރިން ފަހިކޮށްދީފައެއް ނެތެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް، އެންމެ ބޮޑު ސަމާލުކަމެއް ދޭނެ އެއް ކަމަކީ، ދިވެހި ދަރިންނަށް ރަނގަޅު ތަޢުލީމު ހޯދައިދިނުމަށާއި މަތީ ތަޢުލީމާއި ތަމްރީނުގެ ދާއިރާ މިހާރަށްވުރެ ފުޅާކުރުން ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ހުނަރުވެރި މަސައްކަތްތަކަށް ޒުވާނުން އަހުލުވެރިކުރުމަށް، ސަރުކާރުން ހިންގާ  ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ އެއީ ތަފާތު ހުނަރުތަކުގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދައިދިނުމަށް ޤައުމީ ފެންވަރުގައި ހިންގާ ޚާއްޞަ ޕްރޮގްރާމެއް ކަމަށެވެ.

އެ ޕްރޮގްރާމްގެ ތެރެއިން ޒުވާނުން ތަމްރީންކުރުމަށް، މިހާތަނަށް 15 ކުންފުންޏަކުން، ތަފާތު ދާއިރާތަކުން 1370 ޖާގަ މިހާރު އޮތީ ހަމަޖެހިފައި ކަމަށާއި އެ ޕްރޮގްރާމުގެ ފުރުޞަތު ޖުމްލަ 665 ޒުވާނަކަށް މިހާތަނަށް ފަހިކޮށްދެވި އެ ޕްރޮގްރާމް ހިންގުމަށް އިތުރު 8 ކުންފުންޏަކުން މިހާރުދަނީ ތައްޔާރުވަމުން ކަމަށެވެ.

"ބޮޑުތަކުރުފާނުގެ މުޙާވަރާއެއްގައި އޮވޭ؛ މީހުން މީހުންނަށް ވާނީ މީހުން މީހުންނަށް ހެދީމައޭ. އަޅުގަނޑުމެން މަސައްކަތް މި ކުރަނީ، އެފަދަ މީހުންތަކެއް އުފައްދަން. ރާއްޖޭގެ ތަރައްޤީއާ މެދު އަޅުގަނޑުމެންގެ އޮތް ދުރު ރާސްތާގެ ތަޞައްވުރަކީ، ޒަމާނީ ތަޢުލީމުން ރޯފިލާފައި ތިބި، ހުނަރުވެރި އަދި މަސައްކަތްތެރި ހީވާގި ޖީލެއް ބިނާކުރުން. އަޅުގަނޑުމެން އަބަދުވެސް ތައްޔާރަށް މި ތިބީ، ތަފާތު ފަންނުތަކުން ކުދިން ތަމްރީނުކޮށް ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް. ތިޔަ ކުދިންނަށް އަޅުގަނޑު މި ގޮވައިލަނީ، މިފަދަ ފުރުޞަތުތަކުގެ ބޭނުންހިފައިގެން، ޤައުމަށާއި ތިޔަ ކުދިންގެ ޢާއިލާއަށް ބޭނުންތެރި މީހަކަށް ވެވޭތޯ މަސައްކަތް ކުރުމަށް." ރައީސް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް