ކ. މާލެ
|
29 ޑިސެންބަރ 2021 | ބުދަ 08:02
އަންހެނުންގެ މުޒާހަރާ ތެރެއިން
އަންހެނުންގެ މުޒާހަރާ ތެރެއިން
އަލްޖަޒީރާ
އަފްޣާން އަންހެނުންގެ މުޒާހަރާ
ޙައްގާއި އިންސާފަށް ގޮވާލާ އަފްޣާނިސްތާން އަންހެނުންތަކެއް މުޒާހަރާ ކޮށްފި
ތިރީހަކަށް އަންހެނުންވަނީ ކާބުލްގެ މެދުތެރޭގައި ހުންނަ މިސްކިތެއް ކައިރިއަށް އެއްވެފައި
މިފަދަ ހިނގާލުންތަކާ އެއްވުންތައް ކަވަރުކުރާ ނޫސްވެރިންނަށް ތާލިބާނުން ހުރަސް އަޅާ
ގޮވާލާފައިވަނީ އަފްޣާނިސްތާނުގައި މިހާރު ވެރިކަން ކުރަމުން އަންނަ ތާލިބާން ޖަމާއަތުން އެ ގައުމުގެ އަންހެނުންގެ ހައްގަށް އިހުތިރާމް ކުރުމަށް

އަންހެނުންގެ ޙައްގާއި އިންސާފަށް ގޮވާލައި އަފްޣާނިސްތާނުގެ އަންހެނުންތަކެއް މުޒާހަރާ ކޮށްފިއެވެ.

މުޒާހަރާގެ ބައިވެރިން ގޮވާލާފައިވަނީ އަފްޣާނިސްތާނުގައި މިހާރު ވެރިކަން ކުރަމުން އަންނަ ތާލިބާން ޖަމާއަތުން އެ ގައުމުގެ އަންހެނުންގެ ހައްގަށް އިހުތިރާމް ކުރުމަށެވެ. އަދި ކުރިން އަފްޣާނުގައި އޮތް ސަރުކާރަށް އެއްބާރުލުން ދިން ސިފައިން މެރުން ހުއްޓާލުމަށެވެ.

މިކަންކަމަށް ގޮވާލާ ތިރީހަކަށް އަންހެނުންވަނީ ކާބުލްގެ މެދުތެރޭގައި ހުންނަ މިސްކިތެއް ކައިރިއަށް އެއްވެފައެވެ. އެމީހުން ދިޔައީ "އިންސާފު،އިންސާފު" މިހެން ގޮވަމުންނެވެ. އޭފްޕީން ރިޕޯޓްކޮށްފައިވާ ގޮތުގައި ވަކި ހިސާބަކުން ތާލިބާންގެ ސިފައިންވަނީ އެމީހުން ހުއްޓުވާފައެވެ.

މިފަދަ ހިނިގާލުންތަކާ އެއްވުންތައް ކަވަރުކުރާ ނޫސްވެރިންނަށް ތާލިބާނުން ހުރަސް އަޅާކަމަށް އަލްޖަޒީރާގައި ރިޕޯޓު ކޮށްފައިވެއެވެ. އެގޮތުން ކެމެރާ އަތުލުމާއި، ނަގާފައިވާ ވީޑިއޯ ފުޓޭޖް ޑިލީޓްކުރަން މަޖުބޫރު ކުރާ ކަމަށެވެ.

އޮގަސްޓްމަހު ތާލިބާނުން އަފްޣާންގެ ސަރުކާރަށް ވެރިވެ ގަތްފަހުން އެއްވެ އުޅުންވަނީ މަނާ ކޮށްފައެވެ. އަފްޣާންގައި މުޒާހަރާތައް ފެށިފައިވަނީ އދ، އެމްނެސްޓީ އިންޓަރނޭޝަނަލް އަދި ހިއުމަން ރއިޓްސް ވޮޗުން ނެރުނު ރިޕޯޓްތަކާ ގުޅިގެންނެވެ. އޭގައި ބުނެފައިވަނީ ވެރިކަމަށް އަތްގަދަ ކުރުމަށް ހިންގި ކަންކަމުގައި ބޭއިންސާފުން ތާލިބާނުން އަފްޣާންގެ 100ށް ވުރެ، ގިނަ މީހުން މަރާލާފައިވާ ކަމަށެވެ.

މިދިޔަ ހަފްތާގައި އަފްޣާނިސްތާނުންވަނީ އަންހެނުން ދިގު ދަތުރުތައް ކުރާއިރު މަހުރަމަކާ ނުލާ ނުދެވޭ ގޮތަށް ގަވާއިދެއް ނެރެފައެެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މުހައްމަދު އާދަމް ސަލީމް
- ކޮމެންޓް