"އިންޑިއާގެ ބިރިއާނީ ވެސް އަޅުގަނޑަށް ހަމަ މީރު، ހިންދީ ލަވަ ވެސް ރީތި، ހިންދީ ފިލްމުވެސް ރީތި، އިންޑިއާއިން ގެންނަ އަލުވިކޮޅު ވެސް ބޭނުން، އިންޑިއާ އިން ގެންނަ ފިޔާކޮޅު ވެސް އަޅުގަނޑު ބޭނުން، އިންޑިއާ އިން ގެންނަ ހަކުރުކޮޅާއި ހަނޑޫކޮޅު ވެސް ބޭނުން، އެކަމަކު އެއީ ހިލޭ ގެންނަ އެއްޗިސްއެއް ނޫން"
މިއީ ދާދިފަހުން އިންޑިއާ އައުޓް ކެމްޕެއިނަށް ރަށަކަށް ވަޑައިގެން ރައީސް ޔާމީން ދެއްކެވި ވާހަކަފުޅެވެ. މި ވާހަކަތައް އަޑުއިވުމުން ހަމަ އަންތަރީސްވެއްޖެއެވެ. ސަބަބަކީ އިންޑިއާއަށް އެހާ ނަފުރަތު ކުރައްވާ ބޭފުޅަކު އިންޑިއާގައި އުފައްދާ ކާޑުގެ ބާވަތްތަކާއި އިންޑިއާގެ ބިރިއާނީ މީރުވެގެން އެވާހަކަ ދެއްކެވުމުންނެވެ.
އިންސާނާގެ ޠަބީޢަތް ބައްޓަންވެފައިވާ ގޮތުން މީހެއް ނުވަތަ އެއްޗެއް ދެކެ ނަފްރަތު ކުރާނަމަ އެ މުޅި އެއްޗަކަށް އެމީހަކު ނަފްރަތު ކުރެއެވެ. އެކަމަކު ރައީސް ޔާމީނަށް ބަލައިލުމުން ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. ބޮޑު އަކުރުން އިންޑިއާ އައުޓް ޖަހާފައިވާ ޓީޝާޓެއް ތުރުކުރައްވައިގެން، އިންޑިއާ އައުޓް ގޮވަމުން، އިންޑިއާގެ އަސްކަރިއްޔާ ބޭރު ކުރާ ވާހަކަ ގޮވަމުން، އިންޑިއާއަށް އިންތިހާއަށް ނަފްރަތު ކުރާކަމަށް ވިދާޅުވަމުން، ހަމަ އެ ނޭވާގައި އިންޑިއާގެ ބިރިއާނީ ވެސް މީރު ކަމަށާއި، އިންޑިއާ އިން ގެންނަ ފިޔާކޮޅާއި އަލުވި ކޮޅުވެސް ބޭނުންވާ ވާހަކަ ދެއްކެވުން މިކަން ވަނީ ބޮޑު ޖޯކަކަށެވެ.
ހަށިފޮޅާލާފައި އިންޑިއާއިން ކާޑުގެ ބާވަތްތައް ނުދިނަސް އުޅެވިދާނެ ކަމަށް އެމަނިކުފާނު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ރާއްޖެއިން އުޅޭނެ ގޮތް ހޯދާނެ ކަމަށާއި ރާއްޖެއަކީ މުއްސަނދި ދައުލަތެއް އަދި ވަސީލަތްތައް ވެސް އޮތް ޤައުމެއްގެ ގޮތުގައި ވެސް ތަކުރާރުކޮށް ފަޚުރުވެރިކަމާއެކު ގެންދަވަނީ ވިދާޅުވަމުންނެވެ.
ތެދެކެވެ. ރާއްޖެއަކީ މުއްސަނދި ދައުލަތެއް އޮވެ ވަސީލަތްތައް ވެސް ގިނަ ޤައުމަކަށްވުމުން އެކަމުގެ ރީތިނަމާއި ފަޚުރު ލިބިގެން މިދަނީ ހަމަ ދިވެހި ރައްޔިތުންނަށެވެ. ސަރުކާރުގެ އެކި މަޤާމުތައް ފުރުއްވަމަށްފަހު ރައީސްކަމަށް ވަޑައިގެންނެވި ރައީސްއަކަށް ޔާމީން ވާއިރު މި ދައްކަވަނީ ހަމަ އަސްލުވެސް ހަމަޖެހޭ ވާހަކައެއް ބާއޭ ހިތަށް އަރައެވެ. ވަރަށް ގިނައިން އިނގިރޭސި ފިލާވަޅުތައް ނަގައިދޭއިރު ވެސް "ރިއަލިސްޓިކް އައިޑިޔާ" ތައް ހުށަހެޅުމަށް ވެސް ޓީޗަރުން ބުނާނެއެވެ. މާނައަކީ ހަޤީޤަތުގެ މައްޗަށް ބިނާކޮށް އެ ޚިޔާލެއް ހުށަހެޅުމެވެ.
ރައީސް ޔާމީންގެ ވާހަކަފުޅުތަކުން ސިފަވަނީ އަޅުގަނޑުމެންނަށް އާބާދީ އެންމެންނަށް ބޭނުންވާ ވާރަށް ކާޑުގެ ބާވަތްތައް ވެސް ހެއްދިދާނެކަމެވެ. އެވަރުގެ ޤާބިލިއްޔަތުކަމެއް ރާއްޖޭގައި ހުރިކަމެވެ. އެހެންނަމަވެސް ޤަބޫލު ކުރަން ޖެހޭ ހަޤީޤަތަކީ ރާއްޖޭގެ ދަނޑުވެރިކަން މި މިންވަރަށް ފުޅާނުވާކަމެވެ. ރިސޯޓުތަކަށް ބޭނުންވާ ވަރަށް ވެސް ބާވަތްތައް ސަޕްލައި ނުކޮށްދެވޭ ކަމެވެ. އެހެންކަމުން މިއީ ސިކުނޑި ޤަބޫލު ކުރާ ވާހަކަތަކެއް ނޫނެވެ. އެއްވެސް މީހަކަށް އެކަނި ދިރިނޫޅެވޭނެ ބުނާ ބީދައިން ރާއްޖެއަށް ވެސް އެހެން ޤައުމުތަކުގެ އެހީތެރިކަމާއި ނުލާ ދިރި ނޫޅެވޭނެއެވެ.