"ރައީސް ޔާމީނަށް އިންޑިއާ އައުޓު ޖައްސަވައިގެން ބޭރަށް ނިކުމެ ގޮވަމަކުންނެއް ނުހިންގެވޭނެ" މިއީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މާލެ ސިޓީ ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވެވި ބައްދަލުކުރެއްވުމުގައި ވިދާޅުވި އެއް ޖުމްލައެވެ. އިންޑިއާ އައުޓު ހަރަކާތާއި ދެކޮޅަށް އެމަނިކުފާނު ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވީ އެކަމަކީ ދިވެހި ފުލުހުން ނުކުމެ ހުއްޓުވަން ޖެހޭ ކަމެއް ކަމަށެވެ. އެއީ ކަނޑައެޅިގެން ރާއްޖޭގެ މަސްލަހަތާ މުޅިން ޚިލާފު ކަމެއް ކަމަށެވެ. އަދި ރައީސް ޔާމީނަށް އިސްވެ ހުންނަވައި އެ ހަރަކާތް ނުހިންގެވޭނެ ކަމަށް ވިދާޅުވިއެވެ.
އިދިކޮޅު ކޯލިޝަނުން ރާއްޖެއާ އެންމެ ގާތް އެއް ގައުމާ ދެކޮޅަށް މި ހަރަކާތް ހިންގަން ފަށައި މުޅި ސޯޝަލް މީޑިއާގައި އެ ގައުމާ ދެކޮޅަށް ހަގީގަތާ ޚިލާފު ވާހަކަތައް ދައްކަމުންދާއިރު ދިވެހި ސަރުކާރު އޮތީ މަޑު ނިންޖަކުން ނިދާފައެވެ. މިކަމާ ސަރުކާރުން އެއްޗެއް ބުނެ ނުލާއިރު، ސަރުކާރުގައި ހިމެނޭ އެންމެ ބޮޑު ޕާޓީ އެމްޑީޕީންވެސް ބަހެއް ނުބުނެއެވެ. އިދިކޮޅު ކޯލިޝަނުން އެމީހުންނަށް ތާއީދުކުރާ ބައެއްގެ ބޮލަށް ވަރަށް ނުބައި ދަރަޖައަކަށް މިކަން ވައްދައި މަގުމައްޗަށް ބެނާތަކާއެކު ނުކުންނަން ފެށި އިރުވެސް މިކަމާ ސަރުކާރުގެ ބަހެއް ނެތެވެ. އިންޑިއާގެ ބޮޑު ވަޒީރަށް "ހިންދީ" ބަހުން މީޑިއާ މެދުވެރިކޮށް މަރުގެ އިންޒާރު ދިން އިރުވެސް ފުލުހުންގެ މުއައްސަސާ އާއި ސަރުކާރުވެސް އޮތީ ހިމޭނުންނެވެ.
އެހެންނަމަވެސް މިހާރު ނިދިން ހޭލެވި، މަޑު ރާގަކަށް މިކަމާ ދެކޮޅަށް ސަރުކާރުންވެސް ބަސް ބުނަން ފަށައިފިއެވެ. މިއީ މިހަރަކާތުގެ ގިޔަރު އިތުރަށް ކުރިޔަށް ޖެއްސުމަށް ކުރީގެ ރައީސް ޔާމީން ނިކުމެވަޑައި ގެންނެވުމުން ބޭރުގެ ޖަމްއިއްޔާ ޖަމާއްޔަތަކުންވެސް މިހަރަކާތް ބަލައިގަންނަ ގޮތާއި، އަދި ހައިސިއްތަވެސް މުޅިން ތަފާތުވެދާނެ ކަމަށް ބަލައި އައި ބަދަލަކަށް ވެދާނެވެ. ރައީސް ޔާމީން ޖަލު ހުކުމުގައި އޮންނެވި އިރު މިހަރަކާތް ގާތްގަނޑަކަށް އަހަރެއްހާ ދުވަހު ކުރިއަށް ގެންގޮސް ބޭރުގެ މީޑިއާތަކުގެ ފަލަ ސުރުޚީއަށް އެރި އިރުވެސް މިކަމާ ދެކޮޅަށް ސަރުކާރުން ޗުއްޕު ވެސް ބުނެފައެއް ނެތެވެ.
ރައީސް ނަޝީދު މިހަރަކާތް ކުށްވެރިކުރައްވައި ހަރުކަށި އިބާރަތުން ވާހަކަފުޅު ދެއްކެވިފަހުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުވެސް ވަނީ މި ހަރަކާތް ކުށްވެރިކުރައްވައި މިކަމަށް ސަރުކާރުން ޖާގަ ނުދޭނެކަމަށް ވިދާޅުވެފައެވެ. ސަރުކާރުން މި ހަރަކާތާ ދެކޮޅަށް ފިޔަވަޅު އަޅަން މިހާރު މާ ލަސްވެއްޖެއެވެ. މިކަމުން ދިވެހި ގައުމާއި ދިވެހިންނަށް ނުބައި އަސަރެއް ކުރުމުގެ ކުރިން ހަރުދަނާ ފިޔަވަޅުތަކެއް ސަރުކާރުން އަޅަންޖެހެއެވެ. އިދިކޮޅުން ހަރަކާތް ހިންގަންވެސް ވަކި ހުދޫދެއް އޮންނަން ވާނެއެވެ. ހަމައެކަނި ނެރެލާ ނޫސް ބަޔާނަކުން އަދި ކޮށްލާ ޓުވީޓަކުން މިކަން ނިންމާލައިގެން ނުވާނެއެވެ.
ދެން އުފެދޭ ސުވާލަކީ މިހާރު މިހަރަކާތް އެހާ ފަސޭހައިން ހުއްޓުވިދާނެތޯއެވެ. މި ހަރަކާތަށް ޖާގަދީ ހަނު އޮތުމަށްފަހު ކުއްލިއަކަށް ހުއްޓުވަން މަސައްކަތްކުރުމުން ހުއްޓުވިދާނެތޯއެވެ. މިހާރު ކުރަން ޖެހޭ މަސައްކަތްވެސް ދެގުނަ އިތުރުވާނެއެވެ. މިހަރަކާތް ހިންގާ މީހުން މިއީ ވަތަނީ ހަރަކާތެއްގެ ގޮތުގައި ސިފަ ކުރާއިރު މިކަމަށް އެމީހުންވަނީ ވަޖިދުވެފައެވެ. މުޅި މުޖުތަމައު ސިޔާސީ ވެފައި އޮތް އިރު އެއްބަޔަކު މިއަދު ތިބީ އިންޑިއާއިން ރާއްޖެއަށް އަރާ ރާއްޖެ ހިފައިގެން ތިބިކަމަށް ގަބޫލu ކޮށްގެންނެވެ.
މިކަމުގައި ސަރުކާރުން އިންޒާރުދީ ފިޔަވަޅު އަޅަން މިހާރު މާ ލަސްވެސް ވެއްޖެއެވެ.