މިދިޔަ ހަފުތާގައި ސައުތު އެފްރިކާއިން ފެނުނު ކޮވިޑް-19ގެ އައު ވޭރިއެންޓް "އޮމިކްރޯން" މިހާތަަނަށް ފެނިފައިވަނީ 14 ޤައުމަކުންނެވެ.
ސްޕެކްޓޭޓަރ އިންޑެކްސްގައި ވާގޮތުން އެ ޤައުމުތަކަކީ:
- ސައުތު އެފްރިކާ
 - ބޮސްޓްވާނާ
 - އިނގިރޭސިވިލާތް
 - ނެދަލޭންޑްސް
 - ޖަރުމަންވިލާތް
 - ހޮންގކޮން
 - އިޓަލީވިލާތް
 - ބެލްޖިއަމް
 - އިސްރާއިލް
 - ޑެންމާކް
 - އެސްޓްރިއާ
 - ޗެކް ރިޕަބްލިކް
 - އޮސްޓްރޭލިއާ
 - ކެނެޑާ
 
އޮމިކްރޯން ވޭރިއަންޓް ފެނުނު ނަމަވެސް ގައުމުތަކުގެ ބޯޑަރުތައް ބަންދު ނުކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ އެދިފައެވެ. އޮމިކްރޯން ވޭރިއަންޓާއެކު އެގައުމަށް ދަތުރު ނުކުރުމަށް އަންގާ ގައުމުތަކުން އަންނަނީ ޓްރެވަލް އެޑްވައިޒަރީ ނެރެމުންނެވެ. ދެކުނު އެފްރިކާއިން ވަނީ މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފައެވެ.
ބޯޑަރުތައް ބަންދު ކުރުމާއި ގުޅިގެން، ޑަބްލިއުއެޗްއޯއިން ބުނެފައިވަނީ މިކަމުގެ ސަބަބުން އާންމު ދިރިއުޅުމަށާއި، ދިރިއުޅުމުގެ އެހެނިހެން ކަންކަމަށް ބޮޑު ތަކުލީފުތަކެއް ދިމާވާނެ ކަމަށާއި، އެކަން އެގޮތަށް ނުކުރުމަށް އެދޭ ކަމަށެވެ.
އޮމިކްރޯން ވޭރިއަންޓް ޖެހޭ މީހުންގެ ހަށިގަނޑުން ފެންނަނީ ވަރަށް ކުޑަ އަލާމާތެއް ކަމަށް، މި ވޭރިއަންޓް އުޅޭކަން ފުރަތަމަ ހޯދި ސައުތް އެފްރިކާގެ ޑޮކްޓަރު، ޑރ. އަންޖެލީކް ކުޓްޒީ ވަނީ ވިދާޅުވެފައެވެ. ޑރ. އަންޖެލީކް ވިދާޅުވީ އައު ވޭރިއަންޓް ޖެހޭ ބަލި މީހުންނަށް ގޭގައި ވެސް ފަރުވާ ދެވިދާނެ ކަމަށެވެ.
ދެކުނު އެފްރިކާއިން ފެނުނު މިވޭރިއަންޓާމެދު ސައިންސްވެރިން އެންމެ ބޮޑަށް ކަންބޮޑުވަނީ މިވޭރިއަންޓްގައި ހުރި މިޔުޓޭޝަންތަކުގެ އަދަދުގެ ސަބަބުންނެވެ. އިނގިރޭސިވިލާތުގެ ހެލްތު އޮފިޝަލަކު ވިދާޅުވީ މިވޭރިއަންޓްގައި ހުރި ސްޕައިކް ޕްރޮޓީން މިޔުޓޭޝަންގެ އަދަދު 30ށް ވުރެ ގިނަ ކަމަށެވެ. ސްޕައިކް ޕްރޮޓީން އަކީ ވައިރަސް އިންސާނާގެ ސެލްތަކަށް ވަނުމަށް ބޭނުންކުރާ އެއްޗެކެވެ.
މިއީ ޑެލްޓާ ވޭރިއަންޓްގައި ހުރި ސްޕައިކް ޕްރޮޓީން އަށްވުރެ ދެގުނަ އަދަދެކެވެ. އަދި ކޮވިޑް-19ގެ އަސްލުގައި ހިމެނޭ ސިފަތަކަށް ބޮޑެތި ބަދަލުތަކެއް އައިސް ވައިރަސް ފެތުރޭ ގޮތަށް ބަދަލުތަކެއް ގެނުވާނެ ކަމެކެވެ.