ލަކްސް ކުންފުނީގެ އެންމެ ފަހުގެ ޕްރޮޑަކްޓް، އެޕިކް ޝެލްޓާއިން ހިޔާ ފްލެޓުގެ ހައްގުވެރީންނަށް އެޕާޓްމެންޓް ހެދޭނެ ޕެކޭޖްތަކެއް ތައާރަފް ކުރުމަށްފަހު މުއްދަތު ފަހަނަޅައި ދިޔައިރުވެސް ފްލެޓްތަކުގެ މަސައްކަތް ނުނިންމުމުން ފްލެޓުތަކުގެ ހައްގުވެރީން އެކަމާ ނުރުހުން ފާޅުކުރަން ފަށައިފިއެވެ.
ފްލެޓުތައް ހަވާލުކުރުމާއެކު އެޕިކް ޝެލްޓާ އިން ވަނީ ހެޔޮ އަގުތަކެއްގައި ރަނގަޅު ފެންވަރުގެ ސާމާނާއެކު އެޕާޓްމެންޓް ހެދޭނެ ޕެކޭޖްތަކެއް ތައާރަފް ކޮށްފައެވެ. އަދި އެއްމަސް ދުވަހުގެ ތެރޭގައި ފްލެޓުތަކުގެ މަސައްކަތް ނިންމާނެކަމަށް އެޕިކް ޝެލްޓަރއިން އައީ ބުނަމުންނެވެ.
އެޕިކް ޝެލްޓަރއިން ހަވާލުވެފައިވާ ފްލެޓުތައް ނިންމަންޖެހޭ މުއްދަތަށްވުރެ އިތުރު އެއް މަސް ފަހަނަޅާ ދިޔައިރުވެސް މަސައްކަތް ނުނިމި ހުރުމުން ފްލެޓުތަކުގެ ވެރީން އަންނަނީ އެކަމާ ޝަކުވާ ކުރަމުންނެވެ. އެގޮތުން ރާއްޖެ އެމްވީއާއި ވާހަކަ ދެއްކި ފަރާތަކުން ބުނީ މަސައްކަތާ ހަވާލުވިތާ ދެމަސް ދުވަސް ވީއިރު އެޕިކް ޝެލްޓަރއިން ކޮށްފައިވާ ހަމައެކަނި މަސައްކަތަކީ އެޕާޓްމެންޓްގައި މުށި ޖެހުން ކަމަށެވެ. ނަމަވެސް ޖަހާފައިވާ މުށިތައް ހުރީ މިހާރުވެސް ނެއްޓެން ކައިރިވެފައި ކަމަށެވެ.
މަސައްކަތްތައް ލަސްވުމުން މިކަމުގެ މައުލޫމާތު ސާފު ކުރުމަށް ހަފްތާއެއް ވާންދެން އެޕިކް ޝެލްޓަރއަށް ގުޅުމުންވެސް ފޯނު ނުނަގާ ކަމަށް ރާއްޖެ އެމްވީއަށް މައުލޫމާތު ދިން އެހެން މީހަކު ބުންޏެވެ. އަދި ހުޅުމާލޭގައި އެޕިކް ޝެލްޓަރގެ އޮފީސް ހުންނަ އެޑްރެހަށް ދިޔައިރު އެއީ މީހެއްގެ ގެއެއް ކަމަށާއި އެތަން ފާހަގަ ވާނެ ގޮތަށް އެއްވެސް ބޯޑެއްވެސް ޖަހާފައި ނުވާ ކަމަށް އެފަރާތުން ރާއްޖެ އެމްވީއަށް މައުލޫމާތު ދިނެވެ.
މިކަމާއި ގުޅިގެން އެޕިކް ޝެލްޓަރގެ ޖެނެރަލް މެނޭޖަރ ހަނާން ސައީދު ރާއްޖެ އެމްވީއަށް ވިދާޅުވީ މަސައްކަތްތައް ނުނިމި އެހާ ބޮޑަށް ލަސްވެފައިވަނީ ބޭރުން ގެންނަ ޝިޕްމަންޓްތައް ލަސްވުމުން ކަމަށެވެ. އަދި މިމަހުގެ ތެރޭގައި ޝިޕްމެންޓްތައް ލިބޭނެ ކަމަށާއި، އަމާޒަކީ މިއަންނަ ޑިސެމްބަރ މަސް ނިމުމުގެ ކުރިން މަސައްކަތްތައް ނިންމުމަށްފަހު ފްލެޓުތަކުގެ ހައްގުވެރީންނަށް ފްލެޓުތައް ހަވާލުކުރުން ކަމަށެވެ.
މަސައްކަތްތައް ނުނިމި ލަސްވުމުގެ ސަބަބުން ގިނަ ކަސްޓަމަރުންތަކެއް އެޕިކް ޝެލްޓަރއަށް ގުޅަމުން އަންނަކަން ފާހަގަ ކުރަމުން ހަނާން ވިދާޅުވީ ކަސްޓަމަރުންގެ ފޯނުތަކަށް އެންމެ ފުރިހަމައަށް ޖަވާބު ނުދެވުނު ނަމަވެސް ހަފްތާއެއްގެ ތެރޭގައި ކަސްޓަމަރުންނަށް އަލުން ގުޅާނެ ކަމަށެވެ. އަދި މިމައްސަލަ ހައްލުކުރުމަށް އިތުރު މުވައްޒަފުން ހޯދާފައިވާކަން ހަނާން ފާހަގަކުރެއްވިއެވެ.
ފްލެޓުތަކުގެ މަސައްކަތްތައް ނިންމުމަށްފަހު ކަސްޓަމަރުންނަށް އެތަން ހަވާލުކުރާނީ ރަނގަޅު ކުރަން ހުރި ކަންތައްތައް ރަނގަޅު ކުރުމަށްފަހު ކަމަށް ހަނާން ވިދާޅުވިއެވެ. އަދި ކަސްޓަމަރުންނާއި ފްލެޓުތައް ހަވާލު ކުރުމަށް ފަހުވެސް އެއްވެސް މައްސަލައެއް ދިމާވެއްޖެ ނަމަ އެކަން ހައްލުކޮށްދޭނެ ކަމަށް ހަނާން ވިދާޅުވިއެވެ.
އެޕިކް ޝެލްޓަރއިން ބުނީ އޯގަސްޓް 17 ވަނަ ދުވަހު މަސައްކަތް ކުރަން ހުއްދަ ލިބުމާއެކު ފްލެޓުތަކުގައި ހުއްޓުމެއްނެތި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މަސައްކަތްތައް ނުނިމި ލަސްވަނީ ޝިޕްމެންޓް ޑިލޭވުމުގެ އިތުރުން މާލޭގެ މާކެޓުން ފިނިޝިންގ މަސައްކަތަށް ބޭނުންވާ ސާމާނު އެއްކޮށް ހުސްވެފައިވާތީ ކަމަށެވެ. މީގެ އިތުރުން އެތަންތަނަށް މަސައްކަތު ގެންނަ ސާމާނުތައް ބަހައްޓާނެ ތަނެއް ހަމަޖެހިފައި ނުވާއިރު، ދުވާލު ގަޑީގައި ލިފްޓުތައް ބިޒީވުމުގެ ސަބަބުން މުދާތައް އަރުވަން ލިބެނީ ހަމައެކަނި ރޭގަނޑުގެ ވަގުތު ކަމަށް އެޕިކް ޝެލްޓަރއިން ފާހަގަ ކުރިއެވެ.
ހަމައެހެންމެ ނަގާފައިވާ ފްލެޓްތަކުގެ ތެރެއިން 38 ފްލެޓް ފިޔަވާ އެހެން ހުރިހާ ތަނެއްގެ މުށި ޖެހުމުގެ މަސައްކަތް ނިމިފައިވާކަން ފާހަގަ ކުރަމުން އެޕިކް ޝެލްޓާރއިން ބުނީ ބާކީ ތަންތަނުގައި ފިނިޝިންގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި 40 އިންސައްތަ ފްލެޓް މިހާރު ހަވާލުކުރެވިފައިވާ ކަމަށާއި، 65 އިންސައްތަ ތަންތަނުގެ ފިނިޝިންގ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި މިހާރު ތާވަލުކުރެވިފައިވާ ގޮތުން ޑިސެމްބަރުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ހުރިހާ ތަނެއްގެ މުށި ޖެހުމުގެ މަސައްކަތް ނިމި، 90 އިންސައްތަ ތަންތަނުގެ ބޭސިކް ފިނިޝިންގ ނިމޭނެކަމަށް އެޕިކް ޝެލްޓާރ އިން މައުލޫމާތުދެއެވެ. މީގެ އިތުރުން އެކުންފުނިން ޖަހާ ކެބިނެޓްތަކުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާކަމަށާއި، މިހިނގާ ނިވެމްބަރ މަހުގެ ތެރޭގައި އެކަނިވެސް 30 ކެބިނެޓް ނިންމާފައިވާ ކަމަށް އެޕިކް ޝެލްޓާރއިން ބުނެއެވެ.
އެޕިކް ޝެލްޓަރއިން އިތުރަށް ބުނީ މުށިތައް އެއްވަރު ކުރުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ތަޅުން އެއްވަރުކޮށް ނެތުން ކަމަށެވެ. މީގެ ސަބަބުން މުށި ޖަހާއިރުގައި ތަފާތުތަކެއް ހުރި ނަމަވެސް ތަޅުން އެއްވަރުކުރެވެން ހުރި އެންމެ ބޮޑަކަށް ކުރުމަށްފަހު މުށި ޖަހަމުން އަންނަ ކަމަށް އެޕިކް ޝެލްޓަރއިން ބުނެއެވެ. އަދި މިކަމުގެ މައުލޫމާތުތައް ކަސްޓަމަރުންނަށް ދީފައިވާކަން ފާހަގަ ކުރަމުން އެޕިކް ޝެލްޓަރއިން ބުނީ، ހުޅުމަލޭގައި އޮޕަރޭޝަންސް އޮފީހަށް ކަސްޓަމަރުންނަށް ދެވޭނެގޮތް ހެދީ ދެވަނަ ފިޔަވަހީގައި ނެޓްވޯކްގެ މައްސަލަ އުޅޭތީ ރިއަލްޓައިމް އަޕްޑޭޓްތައް ކަސްޓަމަރުންނަށް ދިނުމުގައި ދަތިތަކެއް ހުރުމުން ކަމަށެވެ.
އެޕިކް ޝެލްޓަރގެ އިތުރުން ހިޔާ ފްލެޓްތައް ހެދުމަށް ހަވާލުވެފައިވާ އެހެން ކުންފުނިތަކުންވެސް އަންނަނީ މަސައްކަތްތައް ހަވާލުވެފައިވާ ތާރީޚަށް ނިންމުމުގައި ދަތިތަކަކާއި ކުރިމަތިލަމުންނެވެ.