ކ. މާލެ
|
11 ނޮވެންބަރ 2021 | ބުރާސްފަތި 18:40
ރައީސް ސާލިޙް އުކުޅަހުގައި ތުއްތު ތުއްތު ކުއްޖަކު އުރާލައްވައިގެން
ރައީސް ސާލިޙް އުކުޅަހުގައި ތުއްތު ތުއްތު ކުއްޖަކު އުރާލައްވައިގެން
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
މިއީ ރައްޔިތުންނަށްޓަކައި ގޮތް ދޫކުރައްވާ ރައްޔިތުންގެ ރައީސެވެ.
އެކެއްގެ މަސްލަހަތަށްވުރެ ރައްޔިތުންނާއި ގައުމީ މަސްލަތަހު އިސްކުރައްވާނެކަމަށް ވިދާޅުވި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަކީ މަޑުމައިތިރި މިޒާޖެއްގެ ބޭފުޅެކެވެ. ކޮންމެ މިހާކާ ބައްދަލުވިނަމަވެސް ހިނިތުންވުމަކާއެކު ނޫނީ އެމަނިކުފާނު ވާހަކަފުޅެއް ނުދައްކަވައެވެ. ރައްޔިތުންނާއި ބައްދަލު ކުރައްވަން ޖެހި ވަޑައިގަތަސް ޝައުގުވެރިކަމާއެކު ރައްޔިތުންގެ އަޑު ގާތުން އައްސަވައެވެ. ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އައްސަވައި ހައްލުކޮށްދެވެން ހުރި ކަންކަން ހައްލު ކޮށްދެއްވައެވެ.

މިއީ ގައުމުގެ ވެރިޔާގެ ފަރާތުން ކޮންމެ ދިވެހި ރައްޔިތަކު ވެސް ބޭނުންވާ ކަމެކެވެ. ހަމަ އެފަދައިން އެމަނިކުފާނު އެންމެ އިސްކަން ދެއްވާ ކަންކަމުގައި ތެރޭގައި ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ކުރެވެން ހުރި ހުރިހާކަމެއް އެގޮތަށް ނިންމަވައެވެ. އެއީ ވަކި ބަޔެއްގެ މަސްލަހަތަށްވުރެ އެމަނިކުފާނު އަބަދުވެސް އިސްކުރައްވާނެ ކަންތައް ކަމަށް ވިދާޅުވެއެވެ.

އެމަނިކުފާނު އަބަދުވެސް ވިދާޅުވެއެވެ. ޝަކުވާއެއް އޮތިއްޔާ ވަޑައިގަންނަވާށެވެ. އަޑުއައްސަވައި އެކަން ހައްލުކޮށްދެއްވަން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެއެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ މިއީ ރައްޔިތުންގެ ސަރުކާރެއް ކަމަށާއި ރައްޔިތުންނަށް ވެރިކަން ކޮށްދެއްވަން ހުންނަވާނެ ކަމުގައެވެ.

ތެދުފުޅެކެވެ. އެމަނިކުފާނުގެ ފަރާތުން ފެންނަ މުހިންމު އެއް ސިފައަކީ އެއީއެވެ. ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ގައުމާއި މުޚާތަބު ކުރައްވަމުން ރައީސް ވަނީ މިވާހަކަފުޅުތައް އަނެއްކާވެސް ތަކުރާރު ކުރައްވާފައެވެ. ނަމަވެސް މިފަހަރު ތަންކޮޅެއް ފުޅާކޮށެވެ.

އެމަނިކުފާނު ވިދާޅުވީ ވަކި ފަރުދެއް، ވަކި ރަށެއް ފަރަގުނުކޮށް، ސަރުކާރުން ދޭންޖެހޭ ޚިދުމަތް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަކީ، އިޖުތިމާއީ އިންސާފު ކަމަށެވެ. އަދި ވޭތުވެދިޔަ ތިން އަހަރު ސަރުކާރުން މަސައްކަތްކޮށްފައިވާނީ، އެ ހަމަ ހިފެހެއްޓުމަށް ކަމަށެވެ. މިކަމުގެ ފަހަތުގައި ސަބަބުތަކެއް ވެއެވެ. ޖުމްހޫރިއްޔަތަކީ ހުރިހާ އެންމެން އެކުވީމާ ކިޔާ ނަމެއް ކަމަށާއި، އެއީ ރައްޔިތުންގެ ވެރިކަމުގެ އެންމެ އަސާސީ ސިފަ ކަމަށެވެ. މީގެ އިތުރުން ޚިޔާލު ފާޅުކުރުމާއި، އެއްވެ އުޅުމާއި، ދުލާއި ގަލަމުގެ މިނިވަންކަން، ރާއްޖޭގައި މިއަދު އެބައޮތް ކަމަށާއި، އަދި އޮންނާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމުގައެވެ.

ރައްޔިތުންގެ މަސްލަހަތު އަބަދުވެސް އިސްކުރައްވާނެކަމުގެ ޔަގީންކަން ދެއްވައެވެ. އަދި މިއާއެކު ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން ވެސް ރައީސް ވަނީ ރައްޔިތުން އިސްކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ އެންމެ މީހަކު، ނުވަތަ ބަޔަކު ބޭނުންވާ ގޮތުގެ މައްޗަށް ސަރުކާރުން އިތުރަށް އިސްކުރަން އޮތިއްޔާ، އޮންނާނެ އެއްޗަކީ އެންމެންގެ ލާބަކަމަށެވެ. އެމަނިކުފާނު އެ ވިދާޅުވަނީ ދިވެހި ރައްޔިތުންގެ ވާހަކައެވެ.

މީގެ އިތުރުން ގައުމީ މަސްލަހަތު އިސްކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ. ރައީސް ވިދާޅުވެފައިވަނީ ހާސްފަހަރު ގޮތްދޫކޮށް، ރައްޔިތުން އެދޭގޮތަށް ދީލާލުމަށްވުރެ، ވަކި މޮޅުކަމެއް ނުކުރައްވާނެ ކަމަށެވެ. އެހެންނަމަވެސް، މުޅި ގައުމުގެ މަސްލަހަތާއި، އެންމެންގެ ލާބައާއި، ފައުމިއްޔަތުގެ ރުކުންތަކުގައި ބަދަލުނުވާނެ އަދި ގުޑުވައިނުލެވޭނެ ކަންކަން ހުންނާނެ ކަމަށެވެ.

ރައީސް އެވިދާޅުވީ ވަރަށް ފުން މާނައެއް އެކުލެވޭ ވާހަކަފުޅެކެވެ. މިހާރު މަސްރަހަށް ބަލާއިރު ދެކެވޭ ވާހަކަތަކާއި ގުޅިފައިވާ ވާހަކަފުޅެކެވެ. ވެރިކަމުގެ ނިޒާމުގެ ވާހަކަވެސް ދެކެވޭ މި ދުވަސްވަރުގައި ރައީސް ދެއްވި މެސެޖަކީ ރައްޔިތުންނަށްޓަކައި އެމަނިކުފާނު ވެރިކަން ކުރައްވާނެކަމުގެ ވާހަކަފުޅެވެ. ޚިޔާނަތްތެރިވި ވެރިއަކު ޖަލުން ނުނެރެގެން މޮޅެތި ވާހަކަތައް ބައިނަލްއަގުވާމީ މަސްރަހަށް ވެސް ހިފައިގެން ބަޔަކު ކޮޅުކޮޅަށް ދުވަމުންދާ ދުވަސްވަރެއްގައެވެ.

ހަމަ މިފަދައިން ރަނގަޅު ކުރަންޖެހޭ ކަމެއް އޮތިއްޔާ، ސަރުކާރަށް އެކަން ރައްޔިތުން ގެނެސްދެއްވުމަށް އެމަނިކުފާނު އެދިވަޑައިގަންނަވައެވެ. އަދި އެކަކު ދެކޭ ރަނގަޅުގޮތް އެއީ އަނެކާއަށް ގޯހަކަށް ވިނަމަވެސް އެކަން އޮތީ އެހެންކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވެފައިވަނީ ހުރިހާ ރައްޔިތުންގެ އަޑު ސަރުކާރުން އަހަންޖެހޭ ކަމަށެވެ. އަދި އަޑު އަހައި ރިއާޔަތް ކުރައްވާނެ ކަމާއި، ސަރުކާރުގެ ނިންމުމުގެ ތިލަފަތް އަބަދުވެސް ބުރަވާނީ، ރައްޔިތުން އެދޭގޮތަށް އަދި އެންމެންނަށް ލާބައާއި މަންފާ ހުރިގޮތަށް ކަމަށެވެ.

މިއީ ރައީސް އިސްކުރައްވާ ކަންކަމެވެ. މި ކަންކަމުން ދޭހަވާ ވަރަށް ގިނަ އެހެން ކަންކަންވެސް އެބަހުއްޓެވެ. އެންމެ ބޮޑަށް ދޭހަވަނީ ރައްޔިތުންނަށްޓަކައި ހެޔޮ ވެރިކަމެއް ކުރައްވާނެކަމުގެ ޔަގީންކަމެވެ. ފެންނަނީ ވެސް އެމަންޒަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް