ކ. މާލެ
|
26 ޖޫން 2025 | ބުރާސްފަތި 09:45
އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެމްޑީޕީ ސެކްރިޓޭރިއެޓް
އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް
އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކޮށް، ދިދަ ނަގައިފި
މި ޙަރަކާތުގައި އެމްޑީޕީގެ ދިދަ ނަންގަވައި ދެއްވީ ޗެއާޕާސަން ފައްޔާޟް. އަދި ދިވެހި ރާއްޖޭގެ ޤައުމީ ދިދަ ނަންގަވައި ދެއްވީ ޕާޓީގެ ރައީސް ޝާހިދު

އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާލެ އާއި އަތޮޅު ތެރޭގެ ރަށްތަކުގައި ދިދަ ނަގައިފި އެވެ.

އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބުރާސްފަތި ދުވަހުގެ ހެނދުނު މާލޭގައި ދިދަ ނަގާފައި ވަނީ ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގަ އެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތުގައި އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު އާއި ޗެއާޕާސަން ފައްޔާޟް އިސްމާއީލްގެ އިތުރުން، އެ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ޤައުމީ މަޖިލީހުގެ މެމްބަރުން އަދި އެހެން އާންމު މެމްބަރުން ވެސް ވަނީ ބައިވެރިވެފަ އެވެ.

މި ޙަރަކާތުގައި އެމްޑީޕީގެ ދިދަ ނަންގަވައި ދެއްވީ ޗެއާޕާސަން ފައްޔާޟް އެވެ. އަދި ދިވެހި ރާއްޖޭގެ ޤައުމީ ދިދަ ނަންގަވައި ދެއްވީ ޕާޓީގެ ރައީސް ޝާހިދު އެވެ.

ބުރާސްފަތި ދުވަހު ފާހަގަ ކުރަމުން ދަނީ އެމްޑީޕީ އަށް 20 އަހަރު ފުރޭ އަހަރީ ދުވަހެވެ. އެމްޑީޕީ އަކީ ރާއްޖޭގައި އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރި ސިޔާސީ ޕާޓީ އެވެ. އެގޮތުން 2005 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހު އެ ޕާޓީ ރަޖިސްޓްރީ ކުރި ފަހުން، އެމްޑީޕީ އިން އަންނަނީ ރާއްޖޭގައި ސިޔާސީ ޙަރަކާތްތައް ހިންގަމުންނެވެ.

އެމްޑީޕީ އިން ވަނީ 2008 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްފަ އެވެ. އެއީ ގިނަ ޕާޓީ އެކުލެވޭ ނިޒާމެއްގެ ދަށުން ރާއްޖޭގައި ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބެެވެ. އެ އިންތިޚާބު ކާމިޔާބުކޮށް، ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެވެ.

އޭގެ ފަހުން 2018 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބު ވެސް އެމްޑީޕީ އިން ވަނީ ކާމިޔާބު ކޮށްފަ އެވެ. އެ އިންތިޚާބު ކާމިޔާބު ކުރި އެމްޑީޕީގެ ފަރާތުން ވާދަ ކުރެއްވި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު (އިބޫ) އެވެ. އޭގެ ފަހުން 2019 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް އެމްޑީޕީ އިން ވަނީ ބޮޑު ކާމިޔާބެއް ހޯދައިފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރަސްމީ ވެބްސައިޓުގައިވާ ގޮތުން، 2024 ވަނަ އަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް، އެމްޑީޕީގައި 43755 މެމްބަރުން އެބަ ތިއްބެވެ.

- ކޮމެންޓް