ކ. މާލެ
|
7 ނޮވެންބަރ 2021 | އާދީއްތަ 06:57
ބޯޓިދެލި އަންދައިގެން ހަކަތަ އުފެއްދަމުންދާ ޕްލާންޓެއް
ބޯޓިދެލި އަންދައިގެން ހަކަތަ އުފެއްދަމުންދާ ޕްލާންޓެއް
ގެޓީ އިމޭޖަސް
ކޮޕް26 ކޮންފަރެންސް
ކޮޕް26: ބޯޓުދެލި އަންދައިގެން ހިންގާ މަޝްރޫޢުތަކަށް ފަންޑުކުރުން ހުއްޓާލުމަށް 20 ގައުމަކުން އެއްބަސްވެއްޖެ
ވައުދުވެފައިވަނީ 2022 ވަނަ އަހަރު ނިމެންވާއިރަށް ބޯޓުދެލި އަންދައިގެން ކުރިޔަށްގެންދާ މަޝްރޫޢުތަކަށް ފަންޑުކުރުން އެއްކޮށް ހުއްޓާލުމަށް
ޗައިނާ، ޖަޕާން ފަދަ ގައުމުތަކުން މިއެއްބަސްވުމުގައި ސޮއިކޮށްފައެއް ނުވޭ
އެމެރިކާ، ޑެންމާން އަދި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުން ވަނީ ސޮއިކޮށްފައި

ބޯޓުދެލި އަންދައިގެން ހިންގާ މަޝްރޫޢުތަކަށް ފަންޑުކުރުން ހުއްޓާލުމަށް 20 ގައުމަކުން އެއްބަސްވެއްޖެއެވެ.

މިހާރު ކުރިޔަށްދާ ކޮޕް26 ކޮންފަރެންސްގެ ތެރެއިން ގައުމުތަކުން އެއްބަސްވެފައިވަނީ އެހެން ގައުމުތަކުގައި ހިންގާ މިފަދަ މަޝްރޫޢުތަކަށް އަންނަ އަހަރު ނިމެންވާއިރަށް ފަންޑުކުރުން އެއްކޮށް ހުއްޓާލުމަށެވެ. އޭގެތެރޭގައި އެމެރިކާ އާއި ކެނެޑާފަދަ ގައުމުތައް ހިމެނެއެވެ.

ގައުމުތަކުގެ މިނިންމުމާ ގުޅިގެން ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ މީހުން ވަނީ މިއީ ތާރީޚެއް ނިންމުމެއްކަމަށް ބުނެފައެވެ. އެހެންނަމަވެސް މިގައުމުތަކުގެ ތެރޭގައި އޭޝިޔާ ސަރަހައްދުން މިފަދަ މަޝްރޫޢުތަކަށް ފަންޑުދޭ ގައުމުތަކުން ސޮއިކޮށްފައެއްނުވެއެވެ.

އެގޮތުން ޗައިނާ، ޖަޕާން އަދި ދެކުނު ކޮރެއާ ފަދަ މިފަދަ މަޝްރޫޢުތަކަށް އެންމެ ގިނައިން ފަންޑުކުރާ ގައުމުތައް މި އެއްބަސްވުމުގައި ސޮއިކޮށްފައެއްނުވެއެވެ.

މިއެއްބަސްވުން އައިސްފައިމިވަނީ މިއަހަރު ބޭއްވި ޖީ20 ގައުމުތަކުގެ ބައްދަލުވުމުގައި ގައުމުތަކުން ބޯޓުދެލި އަންދައިގެން ހިންގާ މަޝްރޫޢުތަކަށް ފަންޑުކުރުން ހުއްޓާލުމަށް އެއްބަސްވެފައިވަނިކޮށެވެ. ނަމަވެސް ކޮޕް26 ގައި އެއްބަސްވެފައިވަނީ ބޯޓުދެލީގެ ހުރިހާ ބާވަތްތަކެއް، އޭގައި ތެލާއި ގޭސް ވެސް ހިމެނޭގޮތަށް ފަންޑުކުރުން ހުއްޓާލުމަށެވެ.

މިއެއްބަސްވުމުގައި ސޮއިކުރި 20 ގައުމުތަކުގެ ތެރޭގައި ހިމެނެނީ ޑެންމާކް، އިޓަލީ، ފިންލެންޑް، ކޮސްޓަރިކާ، އިތިއޯޕިއާ، ގެމްބިއާ، ނިއުޒިލެންޑް އަދި މާރޝަލް އައިލެންޑްސް އެވެ. މީގެއިތުރުން ތަރައްޤީގެ އެކިކަންކަމަށް އެހީތެރިވެދިނުމުގައި މަސައްކަތްކުރާ ފަސް ތަނެއް ވެސް މީގެތެރޭގައި ހިމެނެއެވެ. އޭގެތެރޭގައި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް އަދި އީސްޓް އެފްރިކަން ޑިވެލޮޕްމަންޓް ބޭންކު ހިމެނެއެވެ.

މިއެއްބަސްވުމުގައި ވަނީ 2022 ވަނަ އަހަރު ނިމެންވާއިރަށް ދުނިޔޭގައި ހިނގަމުންދާ ބޯޓުދެލި އަންދައިގެން ހަކަތަ އުފެއްދުމުގެ މަޝްރޫޢުތަކަށް އެހީތެރިވެދިނުން ހުއްޓުމަކަށް ގެންނާނެކަމަށެވެ. އޭގެތެރޭގައި ބޯޓުދެލި އަންދައިގެން ޖައްވަށްދޫކުރާ ކާބަންޑައިއޮކްސައިޑް ކެޕްޗަރ ކުރެވޭނެ ޓެކްނޮލޮޖީއެއްނެތި ކުރިޔަށްގެންދާ ކޯލް، ތެޔޮ އަދި ގޭހުގެ ހުރިހާ މަޝްރޫޢެއް ހިމެނޭނެކަމަށް މިއެއްބަސްވުމުގައި ބުނެފައިވެއެވެ.

މިއެއްބަސްވުމުގައި ސޮއިކުރި ގައުމުތަކުން 2016 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާ ހަމައަށް ކޮންމެ އަހަރެއްގައި 18 ބިލިއަން ޑޮލަރު މިފަދަ މަޝްރޫޢުތަކަށް އިންވެސްޓްކޮށްފައިވާކަމަށް އޮއިލް ޗޭންޖް އިންޓަރނޭޝަނަލް އިން ކުރިޔަށްގެންދިޔަ ދިރާސާއަކުން ވަނީ އެނގިފައެވެ.

ކޮޕް26 ގެ ތެރެއިން ގައުމުތަކުގެ ސަރުކާރުތަކަށާއި ފައިސާ ޚަރަދުކުރާ ތަންތަނަށް މިފަދަ މަޝްރޫޢުތަކަށް ފަންޑުކުރުން ހުއްޓާލުމަށް ވަނީ ބޮޑެތި ޕްރެޝަރތަކެއް ކޮށްފައެވެ. އަދި އެގައުމުތަކުގަޔާއި ގައުމުތަކުގެ ބޭރުގައި ހިންގާ މިފަދަ މަޝްރޫޢުތަކަށް ފަންޑުކުރުން ހުއްޓާލުމަށް އަންނަނީ ގޮވާލަމުންނެވެ.

އިންޓަރނޭޝަނަލް އެނަރޖީ އެޖެންސީން ބުނެފައިވަނީ 2050 ވަނަ އަހަރު އަންނަންވާއިރަށް ނެޓްޒީރޯއަށް ވާސިލުވުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް މިފަދަ މަޝްރޫޢުތަކަށް އިންވެސްޓްކުރުން ހުއްޓާލުމަކީ މުހިންމު ކަމެއްކަމަށެވެ. ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީގައި ހިފެހެއްޓުމަށް މިކަމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ސައިންސްވެރިން އަންނަނީ ބުނަމުންނެވެ.

މިކަން ފުރިހަމަކުރުމަށްޓަކައި ގްރީން ޓެކްނޮލޮޖީއަށް އިންވެސްޓްކުރުމަށް ބޮޑެތި އިންވެސްޓަރުން ބޭނުންވެއެވެ. ލޯކާބަން އިންވެސްޓްމަންޓަށް އަހަރަކު 2 އާއި 4 ޓްރިލިއަން ޑޮލަރު 2050 ވަނަ އަހަރު އަންނަންދެން އަހަރަކު އިންވެސްޓްކުރަންޖެހޭނެކަމަށް ދިރާސާތަކުން ވަނީ ހާމަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް