ކ. މާލެ
|
30 ޖޫން 2025 | ހޯމަ 15:50
ތަރައްޤީ އަށް އެހީތެރިކަން ހޯދުމަށް ބާރުއެޅުމަށް ބާއްވާ އދ.ގެ ކޮންފަރެންސް ސްޕެއިންގެ ސިޓީއެއް ކަމަށްވާ ސެވިލް ގައި ވަނީ ފަށާފައި -- 30 ޖޫން 2025
ތަރައްޤީ އަށް އެހީތެރިކަން ހޯދުމަށް ބާރުއެޅުމަށް ބާއްވާ އދ.ގެ ކޮންފަރެންސް ސްޕެއިންގެ ސިޓީއެއް ކަމަށްވާ ސެވިލް ގައި ވަނީ ފަށާފައި -- 30 ޖޫން 2025
އޭއެފްޕީ
އދ ގެ ތަރައްގީ އާ ބެހޭ ކޮންފަރެންސް
ތަރައްގީ އަށް ފައިސާ ހޯދުމާ ބެހޭ އދ ގެ ކޮންފަރެންސް ފަށައިފި
1960 ވަނަ އަހަރުގެ ފަހުން ތަރައްގީ އަށް ދޭ އެހީ މިހާ ބޮޑަށް ދަށަށް ގޮސްފައެއް ނުވޭ، އެއާއެކު 2030 ށް އދ އިން ކަނޑައެޅި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ކުރެވޭނެ ކަމަކަށް ނުބުލޭ

ކޮންމެ ދިހަ އަހަރަކުން ބާއްވާ "ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން ފައިނޭންސިނގް ޑިވެލޮޕްމަންޓް" ގެ ހަތަރު ވަނަ ބައްދަލުވުން ފަށައިފިއެވެ.

އެކި ގައުމު ތަކަށް ތަރައްގީ އަށް ހުރި ފުރުސަތުތަކުގެ ތަފާތު ކަމާއި ގޮންޖެހުންތަކުގެ ވާހަކަ ތައް އދ ގެ މެމްބަރު ގައުމު ތަކުން މި ކޮންފަރެންގައި ހިއްސާ ކުރާނެއެވެ.

ސްޕެއިންގެ ސިޓީ ސެވިލްގައި މި ކޮންފަރެންސް ފެށޭ ދަނޑިވަޅަކީ، އެމެރިކާގެ ރިޔާސަތައް ޑޮނަލްޑް ޓްރަމްޕް ވަޑައިގަތުމާއެކު ދުނިޔޭގެ ގައުމުތަކުގެ ތަރައްގީ އަށް އެމެރިކާ އިން ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) މެދުވެރިކޮށް ދެމުން އައި މާލީ އެހީ ކަނޑާލުމާ ގުޅިގެން ހިގަމުން ދިޔަ އެތައް މަޝްރޫއެއް ކުއްލިއަކަށް ހުއްޓިފައިވާ ދަނޑިވަޅެކެވެ.

10 އަހަރަކުން އެއްފަހަރު ބާއްވާ މި އިވެންޓް ކުރިއަށް ދާނީ ހޯމަ ދުވަހުން ބުރާސްފަތި ދުވަހާ ހަމައަށެވެ. މީގެ މަޤްޞަދަކީ ބަނޑުހައިހޫނު ކަމާއި، ފަޤީރުކަމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ޞިއްޙީ ފަރުވާ އާއި، އަދި ސުލްޙަ ފަދަ ދުނިޔޭގެ މުހިންމު މައުޟޫއު ތަކަށް މަޝްވަރާ ކުރުމާއި އެކަންކަން ހައްލު ކުރުމަށް ބޭނުންވާ ފައިސާ ހޯދަން މަޝްވަރާ ކުރުމެވެ.

މަޝްވަރާ ތަކުގައި ބައިވެރިވެ ވަޑައިގަތުމަށް ދުނިޔޭގެ 50 ލީޑަރުން ސެވިލް އަށް ވަނީ ވަޑައިގެންފައެވެ.

އޭގެ ތެރޭގައި އދ. ގެ ސެކްރެޓަރީ ޖެނެރަލް އަންޓޯނިއޯ ގުޓެރެސް އާއި، ޔޫރަޕިއަން ކޮމިޝަންގެ ރައީސާ އުރްސުލާ ވޮން ޑަރ ލެޔެން އާއި، ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯން އާއި، އަދި ކެންޔާގެ ރައީސް ވިލިއަމް ރޫޓޯ ހިމެނިވަޑައިގަނެ އެވެ.

މި ކޮންފަރެންސް ގައި ވިޔަފާރިތަކާއި، މަދަނީ ޖަމްޢިއްޔާ ތަކާއި އަދި މާލީ މުއައްސަސާތައް ފަދަ ދާއިރާތައް ތަމްސީލު ކުރާ 4،000 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެއެވެ.

ނަމަވެސް މި ގްރޫޕްގެ އެންމެ މުހިންމު ބައިވެރިޔާ ކަމުގައިވާ އެމެރިކާ އިން މި މަޝްވަރާތަކަށް ހާޒިރުވެފައެއް ނުވެއެވެ. ސަބަބެއް ކަމަށް ބެލެވެނީ ރައީސް ޑޮނަލްޑް ޓްރަމްޕް އޮފީހާ ހަވާލުވެ ވަޑައިގަތުމަށް ފަހު ޖެނުއަރީ މަހުން ފެށިގެން ބޭރުގެ އެހީގެ ގޮތުގައި ދެމުން އައި ފައިސާ ގެ ބޮޑު ބައެއް ދިނުން ހުއްޓާލާފައި ވުމެވެ.

މާރޗް މަހު، އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ ވިދާޅުވެފައި ވަނީ ޓްރަމްޕްގެ އިދާރާ އިން، އެހާތަނަށް ހިނގަމުން އައި ޔޫއެސްއެއިޑް ޕްރޮގްރާމްތަކުގެ 80 އިންސައްތަ އަށް ވުރެ ގިނަ ޕްރޮގްރާމްތައް ހުއްޓާލާފައިވާ ކަމަށެވެ.

މީގެ އިތުރުން، ޖަރުމަނުވިލާތާއި، އިނގިރޭސި ވިލާތާއި، އަދި ފްރާންސް އިން ވެސް ތަރައްގީ އަށް ދެމުން އައި އެހީ ކުޑަކުރަން މަޖުބޫރު ވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެއީ އެމެރިކާ އަށް ބަރޯސާވުން ކުޑަކޮށް ދިފާއީ ޚަރަދުތައް ކުރުން އިތުރު ކުރުމަށް ނޭޓޯގެ މެންބަރުންގެ މައްޗަށް ޓްރަމްޕް އަންގަވާފައިވާ އެންގެވުމުގެ ސަބަބުންނެވެ.

ތަރައްޤީ އަށް ދޭ އެހީ މިހާ ބޮޑަށް ކުޑަކުރަމުން ދިއުމާ ގުޅިގެން ދުނިޔޭގެ އެޑްވޮކަސީ ގްރޫޕް އޮކްސްފާމް އިންޓަރނޭޝަނަލްއިން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. އެ ޖަމްއިއްޔާ އިން ބުނެފައި ވަނީ 1960 ން ފެށިގެން ތަރައްޤީ އަށް ދޭ އެހީ މިހާ ބޮޑަށް ދަށަށް ގޮސްފައި ނުވާ ކަމަށެވެ.

އދ. އިން ވެސް ބުނެފައި ވަނީ އަހަރަކު ތަރައްޤީ އަށް ބޭނުންވާ ފައިސާގެ މިންވަރާ، ލިބޭ މިންވަރާ އަޅާ ބަލާއިރު 4 ޓްރިލިއަން ޑޮލަރުގެ ފަރަގެއް އުފެދެމުންދާ ކަމަށެވެ.

'ސެވިލް ކޮމިޓްމަންޓް' ކޮންފަރެންސް އިންތިޒާމު ކުރި ފަރާތްތަކުން ބުނެފައި ވަނީ މި މަޝްވަރާތަކުގެ މައިގަނޑު އަމާޒަކީ 2015 ވަނަ އަހަރު އެންމެ ފަހުން ބޭއްވުނު އދ ގެ ތަރައްގީ އާ ބެހޭ ކޮންފަރެންސްގައި އެއްބަސްވެވުނު އަދި 2030 ވަނަ އަހަރާ ހަމައަށް ހާސިލު ކުރުމަށް ކަނޑައަޅާފައިވާ އދ. ގެ 17 ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑި ތަކަށް (އެސްޑީޖީ) ފައިސާ ހޯދުމުގެ އޮނިގަނޑު އަލުން އެކުލަވާލާ އެއްބަސްވުމަކަށް އައުން ކަމަށެވެ.

ނަމަވެސް ތަރައްޤީ އަށް ދޭ އެހީ އަހަރުން އަހަރަށް ކުޑަވަމުން ދާތީ އާއި ފަޤީރުކަމާއި ބަނޑުހައިހޫނުކަން ނައްތާލުން ފަދަ ކަންކަން ހިމެނޭ އެސްޑީޖީތައް 5 އަހަރުގެ ތެރޭގައި ހާސިލުކުރެވޭނެ ކަމަކަށް ނުފެނެއެވެ.

- ކޮމެންޓް