ކ. މާލެ
|
26 މެއި 2017 | ހުކުރު 08:21
ސަރުކާރު ކޯލިޝަނުން ބޭއްވި ހަރުގެ ޖަލްސާގެ ތެރެއިން
ސަރުކާރު ކޯލިޝަނުން ބޭއްވި ހަރުގެ ޖަލްސާގެ ތެރެއިން
މުހައްމަދު އަފްރާހު / ސަން އޮންލައިން
ޕީޕީއެމް-އެމްޑީއޭ ޖަލްސާ
ކިތަންމެ ވަރަކަށް ހަރުގެ ޖަލްސާ ބޭއްވިޔަސް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ!
ސަރުކާރު ކޯލިޝަނުން ބާއްވާ ހަރުގެ ޖަލްސާތަކަށްދާ މީހުންގެ އަދަދު ވަނީ މަދުވެފަ
ސަރުކާރު ކޯލިޝަނުން ހަރުގެ ޖަލްސާތައް ބާއްވަން ފެށީ ކައުންސިލް އިންތިހާބުގައި ލިބުނު ނާކާމިޔާބީއާއި އެކުގައި
ގިނަ މަޖިލީސް މެމްބަރުންނާއި، މިނިސްޓަރުންނާއި، މިނިސްޓަރުންގެ ނައިބުން އަދި ސްޓޭޓް މިނިސްޓަރުންވެސް ޖަލްސާގައި ބައިވެރިއެއް ނުވޭ

ސަރުކާރު ކޯލިޝަނުން ބާއްވާ "ހަރުގެ ޖަލްސާ" ތަކަށް އާންމުން ނުދާތީވެ ރުޅިގަދަވެ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ވައިބަރ ގުރޫޕެއްގައި ދެއްކެވި ވާހަކައެއް އަޑުތަކެއް ފެތުރިގެންދިޔަ އެވެ. އެ މެމްބަރު ރުޅިގަދަވެ، މިއީ ރައީސް އަބްދުﷲ ޔާމީންގެ އެދިވަޑައިގަތުމަކަށް ބާއްވާ ޖަލްސާތަކެއްތޯވެސް ސުވާލު އުފައްދާފައިވާކަމަށް ވައިބަރ މެސެޖާއި ހަވާލާދީ މީޑިއާތަކުގައި ބުނެފައިވެއެވެ. އެ މެމްބަރު ވިދާޅުވެފައިވާ ގޮތުގައި ރައީސް އަބްދުﷲ ޔާމީންގެ އެދިވަޑައިގަތުމުގެ މަތިން ބާއްވާ ހަރުގެ ޖަލްސާތަކުގެ ހާޒިރީން ފެނިގެންދަނީ މުޅިން އެހެން މަންޒަރެކެވެ.

 

"ޖަގަހަ ޖަލްސާތަކަކީ ރައީސް ވިދާޅުވެގެން، ކުރިއަށްގެންދަވާ ކަމެއް ކަމުގައި ނައިބް ރައީސް އަބްދުއް ރަހީމް ވިދާޅުވެއްޖެ. އެހެންނަމަވެސް މިތަނުގެ ހާޒިރީން ބުނެދެނީ، އެހެންވާހަކައެއްހެން ހީވާތީ ހަމަ ދަންނަވާލީ. ކުށެއް ކަމުގައިވާނަމަ ދީލަތި މައާފަކަށް އެދެން." ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފްގެ ވައިބަ މެސެޖުއެއްގެ ގޮތުގައި އާންމުވެފައިވާ މެސެޖުގައި އޭނާ ވިދާޅުވެފައިވެއެވެ. 

 

 

ރުޅިގަދަވެ، އެ މެމްބަރަކު އެ ވިދާޅުވީ ހަމަ ހެޔޮކޮށެވެ.

 

އިދިކޮޅު ފަރާތްތަކުން ކޮންމެ ރެޔަކު ހަރުގެ ޖަލްސާ ބާއްވާ މޮޔަ ގޮވަނީއޭ، ޖަލްސާތައް ބާއްވާ އާންމުންނަށް ފުރައްސާރަކުރަނީ އޭ، އަޑުގަދަކަމުން ސަރަހައްދުގެ ކުޑަކުދިންނަށް ނުނިދެއޭ ކިޔާ ގޮވެލި ފައްޗެއް ގޮވަމުން ގޮސް ސަރުކާރު ކޯލިޝަނަށް ކައުންސިލް އިންތިހާބުގައި ލިބުނު ބޮޑު ބައްޔާއެކުގައި އެމްޑީއޭގެ ހަރުގޭގައި ޖަލްސާތައް ބާއްވަން ފެށުމުންވެސް އެކަން ގިނަ ބަޔަކަށްވީ ބޮޑު ޖޯކަކަށެވެ. ފުރަތަމަ ދެ ރެޔެއްގައި ޖަލްސާއަށް 50 އަކަށް މީހުން ދިޔަނަމަވެސް، އެގޮތަށް ކިތައްރޭ ހިފަހައްޓާލެވިދާނެތޯ އެތަށް ބަޔަކު ސުވާލު އުފައްދަމުންގެންދިޔަ އެވެ. ކަންވީވެސް ހަމަ އެގޮތަށެވެ. ހަފްތާއެއްވީއިރު ފެނުނީ ވަރަށް ލަދުވެތި މަންޒަރެކެވެ.

 

ސަރުކާރު ކޯލިޝަނުން ބޭއްވި ހަރުގެ ޖަލްސާގެ ތެރެއިން -- ފޮޓޯ: މުހައްމަދު އަފްރާހު / ސަން އޮންލައިން

 

ހުރިހާ އާރަކާއި ބާރެއްގައި އޮތް، އެންމެ މެމްބަރުން ގިނަ ކަމަށް ދައުވާ ކުރާ ޕާޓީގެ ކޯލިޝަންގެ ހަރުގެ ޖަލްސާތަކުން ފެނުނީ އެންމެ ފަންސަވީހަކަށް މީހުންނޭ ބުނުމަކީވެސް ދެގޮކަށް ނުވާނެ އެވެ. އެޔަށްވުރެ ބޮޑަށް، ލަދުގަންނަންޖެހޭ އިތުރު ކަމެއްވެސް އެބައޮތެވެ. ރުޅިގަދަވެގެން މެސެޖުކުރި މެމްބަރު ވިދާޅުވެފައިވާގޮތަށް ހަރުގެ ޖަލްސާތައް ބާއްވަނީ ރައީސްގެ ވިދާޅުވުމަކަށް ކަމުގައިވާނަމަ ވަރަށްވެސް ލަދުވެއްޗެވެ. އެހެނީ އެ ޖަލްސާތަކަށް އެތިބި ކޯޑިނޭޓަރުންގެ ތެރެއިންވެސް 10 އިންސަތަ ކޯޑިނޭޓަރު ދިޔަ ނަމަވެސް ފަޅުފިލުވާލެވެނެތީއެވެ.

 

ކޮންމެ މިނިސްޓްރީއެއްގައި އެތަށް މިލިއަނުން، ދައުލަތުގެ ބަޖެޓު ހަރަދުކޮށް ބައިތިބިއްވާފައި ތިބި ކޯޑިނޭޓަރުންނަކީ މާބޮޑު މަސއްކަތެއް އޮފީހުގައި އޮންނަ ބައެއް ނޫންކަމަށް ބުނެ އުޅެއެވެ. އޭގެއިތުރުން ކޮންމެ މިނިސްޓްރީއެއްގައިވެސް އެ ތިބިވޭ ސްޓޭޓް މިނިސްޓަރުންކޮޅާއި، މިނިސްޓަރުންގެ ނައިބުން ކޮޅާއި، ސަރުކާރު ކުންފުނިތަކުގައި ބޮޑު މުސާރައާއެކު ބާތިއްބާފައި އެތިބަ ކުދިންކޮޅުދާނަމަ އެ ޖަގަހަ ފުރި ބަންޑުންވާނެއެވެ. އެހެނީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށް މި ދެންނެވި މަޤާމުތަކުގައި ތިބޭ މީހުންގެ އަދަދުވެސް ހާހަކަށްވުރެ މައްޗަށް އަރާނެތީ އެވެ.

 

ރުޅިގަދަވެގެން އުޅުނު މެމްބަރު ވިދާޅުވިގޮތަށް، އެތަނުގެ ހާޒިރީންވެސް ބުނެދެނީ އެހެން ވާހަކައެކެވެ. އެ ވިދާޅުވީ ހަމަ ލައްކަ ވާހަކަ އެވެ. ބޮޑު މުސާރައާއި، ދެންވެސް އެތް އެއްޗެއްދީގެން ކައިރީގައި އެ ގެންގުޅޭ ކުދިންވެސް މިކަމަށް ޝައުގުވެރި ކަމެއް ނެތް ކަމެވެ. އެ ކުދިންކޮޅުވެސް އެ އުޅޭ ގޮތަކަށް އެ އުޅެނީ ތާއީދު ކުރާތީ ނޫންކަމެވެ. ވެރިމީހާ ބައިވެރިވާ ޖަލްސާތަކުގައި އެ ކުދިންކޮޅު ބައިވެރިވަނީ ބޮޑު މީހާގެ ލޮލުގައި އަނދުނެއް އަޅުވައި ވަކި މަންޒަރެއް ދެއްކުމަކަމެވެ.

 

ސަރުކާރު ކޯލިޝަނުން ބޭއްވި ހަރުގެ ޖަލްސާގެ ތެރެއިން -- ފޮޓޯ: މުހައްމަދު އަފްރާހު / ސަން އޮންލައިން

 

ދެންއޮތީ އަނެއް ވާހަކަ އެވެ. ސަރުކާރު ކޯލިޝަނުން ބާއްވާ ޖަލްސާތަކުގައި އާންމު ރައްޔިތުން ބައިވެރިނުވަނީ ކީއްވެތޯ ކުރާ ސުވާލު އެވެ. އެ ޖަލްސާތަކުން އެންމެ އާދައިގެން ނިކަމެތި ރައްޔިތުން މީހާ ނުފެންނަނީ ކީއްވެތޯކުރާ ސުވާލެވެ. އެ ޖަލްސާތަކުން ހަމައެކަނި ސަރުކާރުން ކޮންމެވެސް ފައިދާއެއް ލިބޭ މީހަކު ނޫނީ ނުފެންނަނީ ކީއްވެތޯ ކުރާ ސުވާލެވެ. އެހެނީ އިދިކޮޅު އެންމެ ބޮޑު ޕާޓީންވެސް ކޮންމެ ރެޔަކުކަހަލަ ގޮތަކަށް ހަރުގެ ޖަލްސާތައް ބޭއްވި އެވެ. ހާހުން މީހުން ބައިވެރިނުވި ކަމުގައިވީނަމަވެސް އެ ޖަލްސާތަކުން މުޅިވެސް ފެނުނީ އާދައިގެ އެންމެ ނިކަމެތި ރައްޔިތު މީހާ އެވެ. އެ ޖަލްސާތައް ބޭއްވުމުގައިވެސް އުޅެނީ ބޮޑު މުސާރައާއި އިނާޔަތްތަކެއް ޕާޓީންދޭ ބަޔެއް ނޫނެވެ. އެ މީހުން އެކަން ކުރަނީ ކުރާ ހިތުންނެވެ. އެ މީހުން އެ ޖަލްސާތަކުގައި ބައިވެރިވަނީވެސް ބައިވެރިވާ ހިތުންނެވެ. ނަމަވެސް އެ މަންޒަރު ސަރުކާރު ކޯލިޝަނުން ބާއްވާ ޖަލްސާތަކުގައި ނުފެންނަނީ ކީއްވެތޯ އެތަށް ބަޔަކު ސުވާލުކުރެވެ އެވެ.

 

ޖަވާބު ވަރަށް ސާފު ހަމަ އެހާމަ ކުރުވެސްމެ އެވެ. ސަރުކާރުން ނިކަމެތިންގެ ރުހުން ނުހޯދޭ ކަމެެވެ. އަރިސް ބޭފުޅުން މުއްސަނދި ވަމުން ދިޔަޔަސް ނިކަމެތިން އިތުރަށް ނިކަމެތި ވަމުން ދިއުމެވެ.  ކޮންމެ ދުވަހަކުވެސް އެތަށް ނަމެއްގައި ޓެކުސްތައް ނަގާ އާންމު ރައްޔިތުން ފެލާލާތީވެ. އެ ފައިސާއިން ނިކަމެތިންގެ ދިރިއުޅުމަށް ރާހަތެއް ނުކުރާތީއެވެ.

 

ސަރުކާރު ކޯލިޝަންގެ އިސްވެރިންނެވެ. ކައުންސިލް އިންތިހާބުގައި ރައްޔިތުން ތިޔަ ބޭފުޅުންނަށް ބޮޑުތަނުން ނޫނެކޭ ބުނެފި އެވެ. ދެންވެސް ވިސްނާވަޑައިގަންނަވާށެވެ. ކިތަންމެ ވަރަކަށް، އަރިހުގައި ގެންގުޅޭ 25 ހަކަށް ކުދިން އެއްކޮށް ޖަލްސާ ބާއްވާ ފޮނި ވާހަކަތަކެއް ދެއްކި ނަމަވެސް ރައްޔިތުންގެ ލޯތްބެއް އަދި ހާސިލެއް ނުވެއެވެ.

 

ރައްޔިތުން ބޭނުންވަނީ ބޮޑެތި ބްރިޖުތަކާއި، ބޮޑެތި އިމާރަތްތަކުގެ ތަރައްޤީ ނޫންކަން އެ ވަނީ ވޯޓުން ބުނެދީފަ އެވެ. އެ ރައްޔިތުން ބުނޭނުވަނީ ފުދުންތެރި ދިރިއުޅުމެކެވެ. އާއިލާއެކުގައި އުޅެވޭނެ ރައްކާތެރި މާހައުލެކެވެ. އިންސާފު ޤާއިމްވެފައި އޮންނަ މުޖުތަމައުއެކެވެ. ހިތް ހެޔޮ  ރައްޔިތުންގެ އިހުސާސްތައް ދަންނަ ވެރި ކަމެކެވެ.

 

ކިތަންމެ ވަރަކަށް ޖަލްސާ ބާއްވައި، ކުދިންކޮޅު ބޭނުންކޮށް ހެޅޭޖިޔަސް ރައްޔިތުންގެ އިހުސާސްތައްކުގައި ކޮޅުފައިންޖައި، ރައްޔިތުން އަޅުވެތިކުރާނަމަ އެ ރައްޔިތުން ދެންވެސް ބުނާނީ ހަމަ ނޫނެކޭ އެވެ.

 


 

ނޯޓް: ރިޕޯޓަކީ ވަކި ބޭފުޅެއްގެ އަބުރަށް ނުވަތަ ކަރާމަތަކަށް އުނިކަން ގެނެސްދިނުމުގެ ގޮތުން ލިޔެފައިވާ ރިޕޯޓެއް ނޫނެވެ. ރިޕޯޓްގެ ސަބަބުން ވަކި ބޭފުޅެއްގެ އަބުރަށް ނުވަތަ ނަމަށް އުނިކަމެއް އަންނަކަމަށް އަމިއްލައަށް އިހުސާސްކުރެވޭނަމަ އެއީ އިއްތިފާޤެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް
27 މެއި 2017 | ހޮނިހިރު 15:00
ބަސްބުނާ
ގައުމެއް ވިޔަސް ޕާރޓީއެއްވިޔަސް ގަދަ ބާރުން ހިންގަން ދިމާކޮއްފިނަމަ ހަމަ ޔަގީން ދިގުމުއްދަތަކައް ރަގަޅަކައް ނުދާނެ ކިބުރުވެރިކަމާއި ގޮތް ދޫނުކުރުން މިއީ މީހުން މާގަބޫލު ސިފައެއްނޫން. .
27 މެއި 2017 | ހޮނިހިރު 02:35
މުހަންމާ
ތިބުނަނި ރައޔިތުން އަދިވެސް ތިބެންވި ފުޅިބައްތި އަލިގައި ތޯއެވެ.،