ކ. މާލެ
|
3 އޮކްޓޯބަރ 2021 | އާދީއްތަ 20:30
ސްކުއިޑް ގޭމް
ސްކުއިޑް ގޭމް
ރޮއިޓަރސް
ދެކުނު ކޮރެއާގެ ސްކުއިޑް ގޭމް
ދެކުނު ކޮރެއާގެ "ސްކުއިޑް ގޭމް" މުޅި ދުނިޔެ ފަތަހަކުރަނީ
9 އެޕިސޯޑްގެ މައްޗަށް އެކުލެވޭ މިސީރީޒްގެ ބައިވެރިންނަށް 6 ގޭމެއް ކުޅެންޖެހޭ
މިސީރީޒް އުފެއްދި މީހުން ސީރީޒް އުފެއްދީ މުޅި ދުނިޔެއިން މިހާބޮޑު މަގުބޫލުކަމެއް ލިބޭނެކަމަށް އުންމީދުކޮށްގެންނެއް ނޫން

އިންޓަރނެޓް ޒަމާން އައުމުގެ ކުރިން ދެކުނު ކޮރެއާގެ ކުޑަކުދިން ކުޅެމުން އައި ގޭމްތަކުގެ މައްޗަށް ބިނާކޮށް އުފެއްދި "ސްކުއިޑް ގޭމް" އަންނަނީ މުޅި ދުނިޔެ ފަތަހަކުރަމުންނެވެ. ނެޓް ފްލިކްސްގައި ސެޕްޓެމްބަރ މަހުގެ 17 ވަނަ ދުވަހު ރިލީޒްކުރި މިސީރީޒްއަށް އަންނަނީ ގިނަ ބަޔެއްގެ ސަމާލުކަން ލިބެމުންނެވެ. 9 އެޕިސޯޑްގެ މައްޗަށް އެކުލެވޭ މިސީރީޒްގެ ބައިވެރިންނަށް 6 ގޭމެއް ކުޅެންޖެހޭއިރު މިހުރިހާ ގޭމްތަކަކީވެސް ދެކުނު ކޮރެއާގެ ކުޑަކުދިން މީގެކުރިން ކުޅެމުން އައި ގޭމްތަކެވެ.

އެންމެ ފުރަތަމަ އެޕިސޯޑްގައި ފެނިގެންދާ "ރެޑް ލައިޓް، ގްރީން ލައިޓް"އަކީ 1970އާއި 1980ގެ އަހަރުތަކުގައި ދެކުނު ކޮރެއާގެ ކުޑަކުދިންގެ މެދުގައި އެންމެ މަގުބޫލު އެއް ކުޅިވަރެވެ. ފުރަތަމަ އެޕިސޯޑްގައި ގޭމްގެ ބައިވެރިންނަށް މި ގޭމް ކުޅެންޖެހޭއިރު ރެޑް ލައިޓް ވުމަށްފަހު ކިރިޔާވެސް ހަރަކާތެއް ގެންނަ މީހަކު ގޭމުން ބޭރުވެއެވެ. ނަމަވެސް ގޭމުން ބޭރުވުމުގެ މާނައަކީ ކޮބައިކަމެއް އޭރު އަދި ފަހުމެއް ނުވެއެވެ. ރެޑް ލައިޓް ވުމަށްފަހު ކިރިޔާވެސް ހަރަކާތެއް ގެނައި ފުރަތަމަ ކުޅުންތެރިޔާ ގަޔަށް ބަޑިޖަހާ މަރާލުމާއެކު މިގޭމްގައި ބައިވެރިވާ މީހުންގެ އިތުރުން ސީރީޒް ބަލަންތިބޭ މީހުންނަށްވެސް ބިރުވެރި ސިހުމެއް ގެނުވައެވެ. އެއީ މިސީރީޒްގެ ތަފާތުކަން އެންމެ ބޮޑަށް އިހުސާސްކުރެވޭ އެއް ސީންއެވެ.

ސްކުއިޑް ގޭމްގައި 456 ބައިވެރިން ބައިވެރިވަނީ ފައިސާގެ އިނާމެއް ހޯދުމުގެ ބޭނުމުގައެވެ. ދިރިއުޅުމުގެ އެކި ހާލަތްތަކުގެ ސަބަބުން ފައިސާއަށް އިންތިހާއަށް ބޭނުންވެ ސަހަރޯ ހީވެފައިވާ މިމީހުންގެ ތެރޭގައި އުތުރު ކޮރެއާއަށް އުފަން މީހުންނާއި ގޭމަށް ފަންޑުކުރާ މީހުންވެސް ހިމެނެއެވެ. އެމީހުންގެ ފުރާނަ ގުރުބާންކުރަންޖެހޭ މިގޭމް ސީރީޒް ނިމޭއިރު ސަލާމަތުން ހުންނަ މީހާއަށް 45.6 މިލިއަން ވޮން ނުވަތަ 38.66 މިލިއަން ޑޮލަރު ލިބެއެވެ.

ނޭވާ ހިފަހައްޓާލަންޖެހޭ އެތައް ވަގުތުތަކަކާއި ބިރުވެރި އެތައް ކަމެއް ފެނިގެންދާ މިސީރީޒްއަކީ ދެކުނު ކޮރެއާއިން މިހާތަނަށް އުފައްދާފައިވާ ސީރީޒްތަކުގެ ތެރެއިން ނެޓް ފްލިކްސްގެ އެންމެ ކުރިން އެމެރިކާއިން ޖާގަ ހޯދި ފުރަތަމަ ސީރީޒްއެވެ. އަދި މުޅި ދުނިޔޭގައިވެސް އެންމެ ބޮޑު މަގުބޫލުކަމެއް ކޮރެއާގެ ޑްރާމާގެ ސީރީޒްއަކަށް ލިބުނު ފުރަތަމަ ސީރީޒްއަށް މިސީރީޒް ވުމަކީ ހަމަ ވަރަށް ގާތްކަމެކެވެ.

ނަމަވެސް މިސީރީޒް އުފެއްދި މީހުން މިސީރީޒް އުފެއްދީ މުޅި ދުނިޔެއިން މިހާބޮޑު މަގުބޫލުކަމެއް މިސީރީޒްއަށް ލިބޭނެކަމަށް އުންމީދުކޮށްގެންނެއް ނޫނެވެ. ސީރީޒް އުފެއްދި ކުންފުނީގެ ކޯ ޗީފް އެގްޒެކެޓިވް ޓެޑް ސަރަންޑޯސް ބުނީ މި ގޭމަށް މިހާބޮޑު ތަރުހީބެއް ލިބޭނެކަމަށް ކުރިން ހީނުކުރާކަމަށެވެ.

އޭޝިޔާގެ ހަތަރު ވަނަ އިޤްތިޞާދު ހިއްސާކުރަމުން އަންނަ ދެކުނު ކޮރެއާއަކީ މުނިފޫހިފިލުވުމުގެ މައި އެއް ހަބެވެ. ވަކިން ޚާއްސަކޮށް ކޮރެއާގެ ޕޮޕް ކަލްޗަރއާއި މުޅި ދުނިޔޭގައިވެސް މަޝްހޫރު ކޮރެއާގެ ބީޓީއެސް ބޭންޑަކީ ކޮރެއާގެ މުނިފޫހިފިލުވުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ކަންކަމެވެ. މީގެއިތުރުން ކޮރެއާގެ ފިލްމުތަކަށް އޮސްކަރ އެވޯރޑްވެސް ލިބިފައިވެއެވެ. އޭގެތެރޭގައި "ޕެރެސައިޓް" އަކީ ފާހަގަކޮށްލެވޭ ފިލްމެކެވެ.

މިފަދަ ހުރިހާ ކަމަކާއެކު ދެކުނު ކޮރެއާގެ އުފެއްދުންތަކަކީ މުނިފޫހިފިލުވުމުގެ ދާއިރާގައި މަގުބޫލު އުފެއްދުންތަކެކެވެ. އެއުފެއްދުންތަކަށް އިތުރުވި ސްކުއިޑް ގޭމާއެކު އޮންލައިންގެ އެކި މީޑިޔަމްތަކުގައި އަންނަނީ މިސީރީޒްގެ އެކި ވާހަކަތައް އެކި ސިފަސިފައިގައި ދައްކަމުންނެވެ.

މުޅި ދުނިޔޭގެ އެތައް ހާސް ބަޔަކު އަންނަނީ ގޭމް ރޫމްތަކުގައި ސްކުއިޑް ގޭމް ކުޅެމުންނެވެ. ޓްވިޓަރގައި ހޭޝްޓެގް ސްކުއިޑް ގޭމް އާއި ރެޑްލައިޓްގްރީންލައިޓް އަންނަނީ ޓްރެންޑް ވަމުންނެވެ. މިސީރީޒްގައި ކުޅޭ އެކި ގޭމްތައް މީހުން އަންނަނީ ކުޅެމުންނެވެ. އޮންލައިން އެކި ޕްލެޓް ފޯރމްތަކުގެ އިތުރުން ތަފާތު އެކި މޯލްތަކާއި ގިނަ އަދަދަކަށް މީހުން އެއްވާ ތަންތަނުންވެސް މިސީރީޒްގެ މަގްބޫލުކަން އަންނަނީ ފެންނަމުންނެވެ.

އެގޮތުން ފިލިޕީންސްގެ މޯލެއްގައި ރެޑްލައިޓް، ގްރީން ލައިޓް އެޕިސޯޑުން ފެންނަ ބޮޑު ބުދާ އެއްގޮތަށް ހަދާފައިވާ 3 މީޓަރުގެ ބޮޑު ބުދެއްވަނީ ބަހައްޓާފައެވެ. އަދި އެބުދުން ކޮމާންޑް ދޭގޮތަށް ކޮމާންޑް ދީ އެގޭމް ކުޅެގެން އިނާމު ހޯދޭގޮތް ވަނީ ހަމަޖައްސާފައެވެ.

ފިލިޕީންސްގައި ބަހައްޓާފައިވާ ސްކުއިޑް ގޭމުން ފެންނަ ބުދު

މިސީރީޒްގެ މަގުބޫލުކަމާއެކު ނެޓްފިލިކްސް އިން ވަނީ ދެކުނު ކޮރެއާއަށް މިއަހަރު 500 މިލިއަން ޑޮލަރު އިންވެސްޓް ކުރުމަށް ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް