ކ. މާލެ
|
25 ސެޕްޓެންބަރ 2021 | ހޮނިހިރު 08:36
ދެކުނު ކޮރެއާގެ ސޯލްގެ ޕާކެއްގައި މީހުން މާސްކު އަޅައިގެން ހިނގަނީ
ދެކުނު ކޮރެއާގެ ސޯލްގެ ޕާކެއްގައި މީހުން މާސްކު އަޅައިގެން ހިނގަނީ
ރޮއިޓަރސް
ކޮވިޑް-19 ދެކުނު ކޮރެއާގެ ހާލަތު
ދެކުނު ކޮރެއާގައި ކޮވިޑް ކޭސްތައް އަނެއްކާވެސް މައްޗަށް، ކޮވިޑާއެކު އުޅޭނެ ގޮތުގެ ޕްލޭންތައް ހަދަމުންދަނީ
ބަލި ޖެހިގެން މަރުވާ މީހުންނާއި ބަލި ޖެހިގެން ބޮޑުވަރުވާ މީހުން ނިސްބަތުން މަދު
އޮކްޓޯބަރ މަސް ނިމެންވާއިރަށް ބޮޑެތި މީހުންގެ ތެރެއިން 80 އިންސައްތަ މީހުން ވެކްސިން ފުރިހަމަކުރާނެ
އިޖުތިމާއީ ގައިދުރުކަމުގެ ސިޔާސަތު އޮކްޓޯބަރ މަހުގެ 3 އާ ޖެހެންދެން އެގޮތުގައި ދެމި އޮންނާނެ

ދެކުނު ކޮރެއާގައި އަނެއްކާވެސް ރިކޯޑް މިންވަރަކަށް ކޮވިޑްގެ ކޭސްތައް މައްޗަށްދާން ފަށައިފިއެވެ.

ދެކުނު ކޮރެއާގައި ހުކުރު ދުވަހު ވަނީ 2434 މީހުންނަށް ކޮވިޑް ޖެހިފައެވެ. މިއާއެކު މިދިޔަ މަހު އެގައުމުގައި ދުވާލެއްގައި ކޮވިޑް ޖެހުނު މީހުންގެ އަދަދަށްވުރެ ގިނައިން މިވަނީ ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހިގެން ރިޕޯޓްކުރަން ފަށާފައެވެ. ދެކުނު ކޮރެއާގެ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އެޖެންސީ (ކޭޑީސީއޭ)ން ބުނެފައިވަނީ މިއީ ޖުލައި މަހު އެގައުމުގައި ކޮވިޑްގެ ހާލަތު ގޯސްވަމުން އައިފަހުން އަނެއްކާވެސް ކޮވިޑް ހާލަތު ގޯސްވާން ފެށި ފުރަތަމަ ފަހަރުކަމަށެވެ.

ނަމަވެސް އެގައުމުގެ ގިނަ ބަޔަކަށް ވެކްސިން ދެވިފައިވުމާއެކު ބަލި ޖެހިގެން މަރުވާ މީހުންނާއި ބަލި ޖެހިގެން ބޮޑުވަރުވާ މީހުން ނިސްބަތުން މަދުކަމަށް ކޭޑީސީއޭން ވަނީ ބުނެފައެވެ. ދެކުނު ކޮރެއާގައި ކޮވިޑްގެ ހާލަތު ގޯސްވަމުންދިޔުމާއެކު އެގައުމުގެ ބޮޑުވަޒީރު ކިމް ބޫ-ކިޔުމް ވަނީ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް ފިޔަވަޅުތަކެއް ބޭނުންވާކަމަށް ވިދާޅުވެފައެވެ. ފިޔަވަޅުތައް ނާޅައިފިނަމަ އާންމު ހާލަތަށް ރުޖޫއަވުމަށް ލަސްތަކެއްވާނެ ކަމަށް ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.

ދެކުނު ކޮރެއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ މަސައްކަތަށް ދިޔުމުގެ ކުރިން މީހުން ކޮވިޑަށް ޓެސްޓްކުރުމަށް އެދިފައެވެ. އަދި ސަރުކާރުން އަންނަނީ ކޮވިޑާއެކު އާންމު ދިރިއުޅުމަށް ރުޖޫއަވުމަށް ޕްލޭނެއް އެކުލަވާލަމުންނެވެ. އޮކްޓޯބަރ މަސް ނިމެންވާއިރަށް އެގައުމުގެ ބޮޑެތި މީހުންގެ ތެރެއިން 80 އިންސައްތަ މީހުން ވެކްސިން ފުރިހަމަކުރާނެއެވެ. މިސިޔާސަތު ތަންފީޒުކުރެވެމުންދާނީ އެކި ފޭސްތަކަށް ބަހާލައިގެންނެވެ. އަދި އެއާއެކު ކޮވިޑު ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދެމުންގެންދާނެއެވެ. ނަމަވެސް މާސްކު އެޅުން އަދި މަޖުބޫރުވާނެއެވެ.

އިޖުތިމާއީ ގައިދުރުކަމުގެ ސިޔާސަތު އޮކްޓޯބަރ މަހުގެ 3 އާ ޖެހެންދެން އެގޮތުގައި ދެމި އޮންނާނެއެވެ. މީގެތެރޭގައި ކެފޭތައް ހުޅުވާފައި ހުންނަ ގަޑިތައް މަދުކުރުމާއި އެއްވުންތައް ބޭއްވޭ އަދަދު މަދުވުން ހިމެނެއެވެ.

ދެކުނު ކޮރެއާގައި މިހާތަަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު 295،132ށް އަރައެވެ. އަދި މަރުވި މީހުންގެ އަދަދު 2434ށް އަރައެވެ.

ދެކުނު ކޮރެއާގެ 52 މިލިއަން މީހުންގެ ތެރެއިން 72.3 އިންސައްތަ މީހުންނަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައެވެ. އަދި 44 އިންސައްތަ މީހުން ވަނީ ދެ ޑޯޒް ފުރިހަމަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް