ކ. މާލެ
|
30 އޯގަސްޓް 2021 | ހޯމަ 07:33
ހެލްތު ޕާސް އާއި ގުޅިގެން ފްރާންސްގައި ބޭއްވި މުޒާހަރާގެ ތެރެއިން
ހެލްތު ޕާސް އާއި ގުޅިގެން ފްރާންސްގައި ބޭއްވި މުޒާހަރާގެ ތެރެއިން
ރޮއިޓަރސް
ކޮވިޑް-19
ކޮވިޑްގެ ފިޔަވަޅުތައް ލުއިކުރުމަށް ގޮވާލާ ފްރާންސްގައި މުޒާހަރާ ކުރަނީ
ހަމަނުޖެހުން އުފެއްދި 16 މީހަކު ހައްޔަރުކޮށްފައިވޭ
ފްރާންސްގެ އެކި ހިސާބުތަކުގައި 222 އެއްވުމެއް ބާއްވާފައިވޭ

ކޮވިޑާ ގުޅިގެން ފްރާންސްގައި އަޅާފައިވާ "ހެލްތު ޕާސް" ނިޒާމާ މެދު ހިތްހަމަ ނުޖެހިގެން އެގައުމުގެ އެކި ހިސާބުތަކުގައި މުޒާހަރާކޮށްފިއެވެ.

ފްރާންސްގެ އިންޓީރިއާ މިނިސްޓްރީއިން ބުނީ އެގައުމުގެ އެކި ހިސާބުތަކުގައި 222 އެއްވުމެއް ބޭއްވި ކަމަށެވެ. އަދި އެގައުމުގެ ވެރިރަށް ޕެރިސްގައި އޮތް އެއްވުމުގައި 14،000ށް ވުރެ ގިނަ މީހުން ބައިވެރިވިކަމަށް އިންޓީރިއާ މިނިސްޓްރީން ވަނީ ބުނެފައެވެ.

ފްރާންސްގެ ފުލުހުން ބުނީ އެގައުމުގައި ބޭއްވި އެއްވުންތަކުގައި ހަމަނުޖެހުން އުފެއްދި 16 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ހަމަނުޖެހުމުގެ ތެރޭގައި ތިން ފުލުހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފްރާންސްގެ އެކި ސަރަހައްދުތަކުގައި ބޭއްވި މި މުޒާހަރާތަކުގައި ބައިވެރިވި މީހުން ވަނީ ވެކްސިނާ ދެކޮޅަށް ވެސް އަޑުއުފުލައިފައެވެ. އެގޮތުން ސްކޫލު ފެށުމުގެ ކުރިން ދަރިވަރުންނަށް ވެކްސިން ދޭން މަޖުބޫރުކުރުމުން އެކަމާ ދެކޮޅަށް ވެސް ވަނީ އަޑުއުފުލާފައެވެ.

ނިމިދިޔަ ޖުލައި މަހު ފްރާންސްއިން އަމަލުކުރަން ފެށި ކޮވިޑް ޕާސް ނިޒާމާއެކު ވެކްސިން ނުޖަހާ މީހުންނަށް އާންމު ދިރިއުޅުން ކުރިއަށް ގެންދާން އުނދަގޫވާނެއެވެ. އެގޮތުން ވެކްސިން ނުޖަހާ މީހުންނަށް ރެސްޓޯރެންޓާއި ތިއޭޓަރު އަދި ސިނާމާއަށް ވަނުމަށް އުނދަގޫވާނެއެވެ. މީގެ އިތުރުން ޕަބްލިކް ޓްރާންސްޕޯޓާއި، ޝޮޕިން ސެންޓަރުތަކަށް ވަނުމަށް ވެސް ވެކްސިން ޖެހިކަމުގެ ހެކި ނުވަތަ ކޮވިޑްގެ ނެގެޓިވް ނަތީޖާއެއް ބޭނުންވާނެއެވެ.

ފްރާންސްގައި ނިމިދިޔަ ހަތް ހަފްތާ ބަންދުގައި ވެސް ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން މުޒާހަރާކޮށްފައިވެއެވެ. އަދި ބައެއް މުޒާހަރާތަކުގައި 200،000ށް ވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް