ޖަރުމަނުގެ ކުރީގެ އެއް ނަންބަރު ފޯވާޑް އަދި ފުޓްބޯޅަ ލެޖެންޑް ގާޑް މުލާ މަރުވެއްޖެއެވެ.
އުމުރުން 75 އަހަރުގައި މުލާ މަރުވިކަން ބަޔާން މިއުނިކާއި އޭނާގެ އާއިލާއިން ވަނީ ކަށަވަރުކޮށްދީފައެވެ. ރިޕޯޓުތައް ބުނާ ގޮތުން މުލާ މަރުވީ ބަލިވެ އުޅުމަށްފަހުއެވެ. އޭނާއަށް ވަނީ ސިކުނޑީގެ ހަނދާނާއި ބެހޭ ބައްޔެއް ކަމަށްވާ "އަލްޒައިމާ" ޖެހިގެން 2015 ވަނަ އަހަރު ފަރުވާ ދީފައެވެ.
ޓީއެސްވީ ނޯޑްލިންގަންއިން ކެރިއަރު ފެށި މުލާ ވިދާލީ ބަޔާނުގައެވެ. 1964 ވަނަ އަހަރު މުލާ ބަޔާނާ ގުޅުނުއިރު، އޭނާ ވަނީ އެ ޓީމުގައި 15 އަހަރު ހޭދަކޮށްފައެވެ. އަދި އެ ޓީމަށް ކުޅެދިން 605 މެޗުގައި މުލާ 563 ލަނޑު ކާމިޔާބުކުރިއިރު، އޭނާ ވަނީ ބަޔާނާއެކު ޖަރުމަން ލީގާއި ޖަރުމަން ކަޕް ހަތަރު ފަހަރު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން މުލާ ވަނީ ބަޔާނާއެކު ޔޫރަޕިއަން ކަޕް ތިން ފަހަރު އަދި ޔޫރަޕިއަން ކަޕް ވިނާސް ކަޕާއި އިންޓަ ކޮންޓިނެންޓަލް ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މުލާ ވަނީ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ދޭ ބަލޮންޑޯ އެވޯޑް 1970 ވަނަ އަހަރު ހޯދާފައެވެ. އަދި ވަނީ ޖަރުމަނާއެކު 1974 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި، 1972 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތްވެސް ކާމިޔާބުކޮށްފައެވެ. މުލާ ވަނީ ޖަރުމަނުގެ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅެދިން 62 މެޗުގައި 68 ލަނޑު ޖަހާފައެވެ.
މީގެ ކުރިން ޔޫރަޕުގެ ބޮޑެތި ރިކޯޑުތަކެއް މުލާގެ އަތުގައި އޮތްއިރު، ކަލަންޑަރު އަހަރެއްގައި 85 ލަނޑު ޖަހައިގެން 1972 ވަނަ އަހަރު މުލާ ހެދި ރިކޯޑު މުގުރާލެވުނީ 2012 އަހަރެވެ. އެ ފަހަރު އެ ރިކޯޑު މުގުރާލީ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީއެވެ. އަދި ޖަރުމަން ލީގުގެ އެއް ސީޒަނެއްގައި 40 ލަމޑު ޖަހައިގެން 1972 ވަނަ އަހަރު މުލާ ހެދި ރިކޯޑު މިދިޔަ ސީޒަނުގައި މުގުރާލީ ބަޔާނުގެ ތަޖުރިބާކާރު ފޯވާޑް ރޮބަޓް ލެވަންޑޯސްކީއެވެ.