ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 85 އިންސައްތަ ނިމިއްޖެއެވެ.
މި މަސައްކަތް ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަސައްކަތުގެ ތެރެއިން ދުއްވާ ސަރަޙައްދުގެ ސަބްގްރޭޑް މަސައްކަތްތައް މިހާރު ނިމިފައިވާކަމަށެވެ. އަދި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ވެސް މިހާރު ނިމިފައިވާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
މި މަޝްރޫޢުގެ ދަށުން، 16،488 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމާއި، 16،488 އަކަ މީޓަރުގެ ސަރަޙައްދެއްގައި އޭބީސީ ފަށަލަ އެޅުމަށް ވަނީ ހަމަޖެހިފައެވެ. 16،488 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްގްރޭޑް މަސައްކަތް ކުރުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިޔަށްގެންދާ މަޝްރޫއެކެވެ.
މި މަޝްރޫއަށް ދައުލަތުގެ ބަޖެޓުން 19.3 މިލިއަން ރުފިޔާ ޚަރަދު ކުރެވޭނެ ކަމަށް ލަފާ ކުރެވެއެވެ. މި މަޝްރޫއު ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2019 ވަނަ އަހަރުގެ މެއި 22 ވަނަ ދުވަހުއެވެ.